Roadha Mihaaru
އިންޓަ ބަލިކޮށް ލާޒިއޯ ސެމީ އަށް

އިންޓަ ބަލިކޮށް ލާޒިއޯ ސެމީ އަށް

01 ފެބުރުއަރީ 2019

މިލާން (ފެބްރުއަރީ 1) – ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޓަ މިލާން ބަލިކޮށް އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން ލާޒިއޯ ރޭ ފުރުސަތު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (ފެބްރުއަރީ 1) – ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޓަ މިލާން ބަލިކޮށް އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން ލާޒިއޯ ރޭ ފުރުސަތު ހޯދައިފި އެވެ.

އިންޓަގެ ސެން ސީރޯގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި، މެޗުގެ 108 ވަނަ މިނެޓުގައި ޗީރޯ އިމޮބިލޭ ވަނީ ލާޒިއޯ އަށް ކުރި ހޯދައިދީފަ އެވެ. އެ ޓީމުން މޮޅުވަމުން އަންނަނިކޮށް އިންޓަ އިން އެއްވަރުކުރީ ކުރީ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން މައުރޯ އިކާޑީ ޖެހި ގޯލުންނެވެ. މިއީ އިންޓަގެ ޑެނީލޯ ޑިއެމްބްރޮސިއޯ އަށް ލާޒިއޯގެ ސާގެއީ މިލިންކޮވިޗް-ސަވިޗް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމާ ރެފްރީއާ ޒުވާބުކުރުމުން ލާޒިއޯގެ ސްޓެފަން ރާޑޫ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ފުރަތަމަ ޕެނަލްޓީތައް އިންޓަގެ މާސެލޯ ބްރޮޒޮވިޗާއި ލާޒިއޯގެ އިމޮބިލޭ ކާމިޔާބުކުރި އެވެ. އިންޓަގެ ދެ ވަނަ ޕެނަލްޓީ ލޮޓާރޯ މާޓިނޭޒް ޖެހުމުން ލާޒިއޯގެ ގޯލްކީޕަރު ތޯމަސް ސްޓްރަކޯޝާ މަތަކުރި އެވެ. ލީޑު ނަގަން ލިބުނު ފުރުސަތުގައި ލާޒިއޯގެ ރިޒާ ދުރްމިސީ އަތުން ޕެނަލްޓީ ބޭކާރުވީ އެވެ. އޭގެ ފަހުން އިންޓަގެ އިކާޑީ އާއި ސެޑްރިކް އަދި ލާޒިއޯގެ މާކޯ ޕަރޯލޯ އާއި ފްރެންސެސްކޯ އެސްރެބީ ޕެނަލްޓީތައް ކާމިޔާބުކުރި އެވެ. ދެން ފެނިގެން ދިޔައީ އިންޓަގެ ފަސް ވަނަ ޕެނަލްޓީ ރަޖާ ނައިންގޫލާން ޖެހުމުން ލާޒިއޯގެ ކީޕަރު މަތަކުރިތަނެވެ. އަދި އޭގޭ ފައިދާ ނަގައި ލާޒިއޯގެ ލޫކާސް ލީވާ އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ސެމީ އަށް ގެންގޮސްދިނެވެ.

ސެމީ ފައިނަލުގައި ލާޒިއޯ ބައްދަލުކުރާނީ އޭސީ މިލާނާ އެވެ. އެ ޓީމުން ސެމީން ޖާގަ ހޯދީ ނަޕޯލީ ބަލިކުރުމަށް ފަހު އެވެ. ސެމީގެ އަނެއް މެޗުގައި ވާދަކުރާނީ ފިއޮރެންޓީނާ އާއި އެޓަލާންޓާ އެވެ. މީގެ ތެރެއިން އެޓަލާންޓާ ސެމީން ފުރުސަތު ހޯދީ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކުރުމަށް ފަހު އެވެ. ފިއޮރެންޓީނާ ޖާގަ ހޯދީ އޭއެސް ރޯމާ ކަޓުވާލުމަށް ފަހު އެވެ. ސެމީ ފައިނަލުގެ ލެގުތައް އޮންނާނީ މި މަހުގެ 27 އާއި އޭޕްރިލް 24 ގަ އެވެ. ފައިނަލް އޮންނާނީ މޭ 15 ގަ އެވެ.