Roadha Mihaaru
އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި

އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި

31 ޖެނުއަރީ 2019

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، މޮޓޯކޭޑްގައި ދަތުރުކުރައްވަނިކޮށް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، މޮޓޯކޭޑްގައި ދަތުރުކުރައްވަނިކޮށް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އިއްޔެ އެ ހާދިސާ ހިނގީ އިންޑިއާގެ ޝިމްލާ ޑިސްޓްރިކްޓްގައި ދަތުރު ކުރައްވަމުން ގެންދަވަނިކޮށް އެހެން ކާރަކުން ޖެހިގެންނެވެ. އެކްސިޑެންޓްވި ކާރު ޖެހުނީ މާރިޔާ އެވަގުތު އިންނެވި ކާރުކޮޅުގަ އެވެ. އެކަމަކު އެ ހާދިސާ މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާ ހިނގިއިރު، މާރިޔާ އިންނެވި ކާރުކޮޅާ އެކު މޮޓޯކޭޑްގައި ދަތުރު ކުރަމުން ދިޔައީ ފުލުހުންގެ އެސްކޯޓް އުޅަނދުތަކެކެވެ. އަދި އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހުއްޓުވައި، އެ މައްސަލައިގެ ތަހުގީގު އިންޑިއާ ފުލުހުން ފަށާފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ނުލިބުނެވެ.

ފަތުރުވެރިންގެ މެދުގައި މަގްބޫލު ޝިމްލާއަށް މާރިޔާ ވަޑައިގަތީ ދެ ދުވަހަށް ކަމަށް ނޫސްތަކުގައިވެ އެވެ. މާރިޔާ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރާއި އެ ގައުމުގެ އިސް ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.