Roadha Mihaaru
އަސްކަރިއްޔާ ހަރުދަނާކުރަން ޕާކިސްތާނުން 10 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ އަސްކަރިއްޔާ ހަރުދަނާކުރަން ޕާކިސްތާނުން 10 މިލިއަން ޑޮލަރުގެ ލޯނެއް

27 މެއި 2016

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރަން ޕާކިސްތާނުން ދޭން ހަމަޖައްސާފައިވާ 10 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީގައި އަންނަ ޖުލައި މަހު ސޮއިކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރަން ޕާކިސްތާނުން ދޭން ހަމަޖައްސާފައިވާ 10 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީގައި އަންނަ ޖުލައި މަހު ސޮއިކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލޯނުގެ އެއްބަސްވުމުގެ ދަށުން އަސްކަރިއްޔާ އަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ހިންގުން ހަރުދަނާކުރަން ތަމްރީނުތައް ދޭނެ ކަމަށެވެ. އެގޮތުން ސިފައިންގެ މަސައްކަތްތައް ހަރުދަނާކުރަން ހަތިޔާރާއި މަތިންދާބޯޓު ގަތުމުގެ މަސައްކަތް މި އަހަރު ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެންވާއިރަަށް ތަމްރީނުތަކަށާއި އަދި ދެ މަތިންދާ ބޯޓު، އެ ކްރެޑިޓް ލައިން ފެސިލިޓީގެ އެހީގައި ހޯދުން. މީގެ އިތުުރުން އެކި ކަހަލަ ބޭނުންތަކަށް ބޭނުންކުރެވޭނެ މީހުން އަދި ތަކެތި އުފުލަން ބޭނުންކުރެވޭނެ އުޅަނދެއް ވެސް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ގެންނާނަން،" އާދަމް ވިދާޅުވި އެވެ.

ޕާކިސްތާނުން ދޭ 10 މިލިއަން ޑޮލަރުގެ ލޯނު އެހީ އަކީ ރައީސް އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުުފުޅުގައި ވެސް ރާއްޖެ އަށް ދޭން ހަމަޖެއްސި އެއްޗެކެވެ. އަންނަ ޖުލައި މަހު ސޮއިކުރަނީ އެ ލޯނުގެ އެއްބަސްވުމުގަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނަކީ ޓެރަރިޒަމްގެ ބިރުއޮތް ގައުމެއްކަން ފާހަގަ ކުރައްވަމުން، އެ ކަމުން ސަލާމަތްވާން އެ ގައުމުން ކަންތައްތައް ކުރާ ގޮތް ބެލުމަށް ވެސް ދަތުރުގައި ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުމުގައި ޕާކިސްތާނުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އާދަމް ވިދާޅުވި އެވެ.

"ސުވާތު ކިޔާ ސަހަރަކަށް އަޅުގަނޑުމެން ގެންދިޔައީ. އެތަން ޕާކިސްތާނު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ގޮތާ މިއަދު އެތަނަށް ލިބިފައި އޮތް ހަމަހިމޭންކަން ވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު،" މިިނިސްޓަރު ވިދާޅުވި އެވެ.

ޕާކިސްތާނުގެ ރައީސާއި ޑިފެންސް މިނިސްޓަރާއި އަސްކަރިއްޔާގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވި، މި ދަތުުރުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ވަނީ އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓަރީތަކަށް ޒިޔާރަތް ކުރައްވައިފަ އެވެ.