27 ޖެނުއަރީ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީންގެ ހިއްސާ އޮތް ކުންފުންޏަކަށް 59 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް އެއްވެސް މަޝްރޫއެއް ނުނިންމުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސްކޮށް ފައިސާ ދީފައިވާ ކަމަށް ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީންގެ ހިއްސާ އޮތް ކުންފުންޏަކަށް 59 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް އެއްވެސް މަޝްރޫއެއް ނުނިންމުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސްކޮށް ފައިސާ ދީފައިވާ ކަމަށް ވެ އެވެ.
ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު، ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ އަލުން ގުޅިވަޑައިގަތް މުބީނަކީ ކުރީ ސަރުކާރުގައި ނުފޫޒު ގަދަ މެމްބަރެކެވެ. އޭނާ ހިމެނިވަޑައިގަތީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ އެންމެ އަރިސް އެއް މެމްބަރުގެ ތެރޭގަ އެވެ.
މުބީންގެ މަސްލަހަތު އޮންނަ ވިލުކޮޅު މޯލްޑިވްސް އަށް މަޝްރޫއުތައް ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) މެދުވެރިވެގެންނެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު އެ ކުންފުނި 2017 ގައި އުވާލައި ހައުސިން މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލުކުރިއިރު، ވެސް މުބީންގެ ހިއްސާ އޮތް ކުންފުންޏާ ހަވާލުކުރި އެއްވެސް މަސައްކަތެއް ނުނިމެ އެވެ.
އެކަމަކު ނުނިމި ހުރި މަޝްރޫއުތަކުން މުބީންގެ ހިއްސާ އޮތް ކުންފުންޏަށް ދީފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މުބީންގެ ހިއްސާ އޮތް ކުންފުންޏާ ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާ ހަވާލުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދޭ ކަމުގެ ތުހުމަތާ އެކު މައްސަލަ ވަނީ ކޮރަޕްޝަން ބަލާ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
ކުރީގެ ސަރުކާރުތަކުން ހިންގި ޚިޔާނާތާއި ދައުލަތަށް ގެއްލުނު ފައިދާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނަށް މުބީންގެ މަސްލަހަތު އޮތް ކުންފުނީގެ މައްސަލަ ހުށަހަޅާފައިވާ ކަން ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ކަށަވަރު ކޮށްދެއްވި އެވެ. ސީދާ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުނުވެ އަސްއަދު ވިދާޅުވީ ކޮމިޝަނަށް ހުށަހަޅާ ހުރިހާ މައްސަލަތަކެއް ބަލައި ތަހުގީގު ކުރަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށެވެ.
އެ ކޮމިޝަނުން އަންނަނީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ވެސް ބަލަމުންނެވެ.
އެ ލިއުންތަކުގައިވާ ގޮތުން އެމްއާރުޑީސީ އުވާލިއިރު، އެއްވެސް މަޝްރޫއެއް ނުނިމެ އެވެ. އޭގެތެރޭގައި "އަތްނުލައި" ހުރި މަޝްރޫއުތައް ވެސް ހިމެނެ އެވެ.
ޅ. ހިންނަވަރު ހެލްތު ސެންޓަރު (8 މިލިއަން ރުފިޔާ)
ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގައި 3 ބުރި އިމާރާތެއް އެޅުން (9.9 މިލިއަން ރުފިޔާ)
ލ. މާވަށު ސްކޫލްގައި ތިން ބުރި އިމާރާތެއް ހެދުން (8.6 މިލިއަން ރުފިޔާ)
ދ. ކުޑަހުވަދޫ ސްކޫލްގައި ތިން ބުރި އިމާރާތެއް އެޅުން (7.6 މިލިއަން ރުފިޔާ)
ފ. ނިލަންދޫ ތައުލީމީ މަރުކަޒުގައި ތިން ބުރި އިމާރާތެއް އެޅުން (16.3 މިލިއަން ރުފިޔާ)
މ. ރަތްމަންދޫ ޖެޓީ ހެދުން (2.2 މިލިއަން ރުފިޔާ)
ވ. ރަކީދޫ ޖެޓީ ހެދުން (1.7 މިލިއަން ރުފިޔާ)
ބ. ފެހެންދޫ ޖެޓީ ހެދުން (2.2 މިލިއަން ރުފިޔާ)
ވ. ފުލިދޫ ޖެޓީ ހެދުން (2.4 މިލިއަން ރުފިޔާ)
ބ. ފުޅަދޫ ޖެޓީ ހެދުން (2.2 މިލިއަން ރުފިޔާ)
ރ. ރަސްގެތީމު ޖެޓީ ހެދުން (3.3 މިލިއަން ރުފިޔާ)
އދ. މަންދޫ ޖެޓީި ހެދުން (3.3 މިލިއަން ރުފިޔާ)
ކުރީގެ ރައީސް ޔާމީންގެ ދެކަނބަލުންގެ ކައިވެންޏަށް 33 އަހަރު ފުރުން ފާހަގަކުރަން ބޭއްވ ރަސްމިއްޔާތަށް މުބީން، މެމްބަރުންނާ އެކު ޗޮކްލެޓް ބަންދުކުރެއްވުމުގައި: އޭނާ ހިމެނިވަޑައިގަތީ ރައީސް ޔާމީންގެ އަނބިކަނބަލުންނާ އަރިސް މެމްބަރުންގެ ތެރޭގައި. --ފޮޓޯ/ސޯޝަލްމީޑިއާ
މި މަޝްރޫއުތަކާ ގުޅޭ ގޮތުން "މިހާރު" އިން މުބީންއާ ސުވާލު ކުރުމުން ވާހަކަ ފެއްޓެވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރަން އޭނާ އަށް ހުރަސްއެޅުމަށް ވާދަވެރިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުންނެވެ. އިންތިޚާބުގެ ކުރިން އޭނާ އަށް ހުކުމެއް އިއްވައި ޖަލަށް ލާނެ ކަމަށް ވާދަވެރި ކެންޑިޑޭޓަކު ބުނެފައިވާ ކަމަށާއި އާއްމުކޮށްގެން އުޅެނީ އޭނާ ބަދުނާމުކުރުމުގެ ލިއުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
މުބީން ވިދާޅުވި ގޮތުގައި ވިލުކޮޅު ކުންފުނީގައި އޭނާ މަސައްކަތްތަކެއް ކުރި ނަމަވެސް ވަކި ހިސާބަކުން އެ ކުންފުނީގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ. އެއީ، ކިހާ ހިސާބަކުންތޯ ދެންނެވުމުން ވިދާޅުވީ ސީދާ ތާރީޚެއް ހަނދާނުގައި ނެތް ކަމަށެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ މާކުރިން ފެށިގެން އޭނާއާ އެ ކުންފުންޏާ ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ދެން މި ދައްކަނީ، އެއްބަސްވި މުއްދަތަށް ނުނިންމި ވާހަކަ. އެއީ، ކޮރަޕްޝަންތޯ. އަޅުގަނޑުގެ ކުންފުންޏެއްގައި ނުވަތަ ހިއްސާވެގެން އެއްވެސް މަޝްރޫއެއް ނަގާ ނަމަ ބިޑްކޮށްގެން އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަނީ. ދެން މުއްދަތަށް ނުނިމިއްޖިއްޔާ ޓާމިނޭޓް ކުރަންވީ ނޫންތޯ؟ ތި ވިދާޅުވާ [މުބީންގެ މަސްލަހަތު އޮތް ކުންފުންޏާ ހަވާލުކުރި] މަޝްރޫއުތަކުގެ އެއްބަސްވުން ވެސް ކީއްވެތޯ ޓާމިނޭޓް ނުކޮށްގެން އުޅެނީ. އެ ބޭފުޅުންގެ ސަރުކާރެއް ނޫންތޯ މިއީ،" މުބީން ވިދާޅުވި އެވެ.
އެ ބޭފުޅުން ކަމަށް މުބީން އިޝާރާތް ކުރެއްވީ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ ވާދަވެރިންނަށެވެ. މުބީން ޖޭޕީން ޓިކެޓްގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާއިރު، އެ ޕާޓީގެ މެމްބަރަކާއި އެމްޑީޕީގެ މެމްބަރަކު ވެސް އަންނަނީ އެ ދާއިރާ އަށް ކެމްޕޭން ކުރައްވަމުންނެވެ.
ވިލުކޮޅު ކުންފުންޏާ މިހާރު ގުޅުމެއް ނެތް ކަމަށާއި އެ މަޝްރޫއުތަކުގެ ތަފްސީލް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު ވެސް، އާއްމުވެގެން އުޅޭ ލިއުންތަކުގައި ހުރި ފައިސާގެ އަދަދުތައް ސައްހަ ނޫން ކަމަށް ވިދާޅުވި އެވެ.
"އެއީ، ހަމަ ލިޔެގެން އުޅޭ އަދަދުތަކެއް،" މުބީން ވިދާޅުވި އެވެ.
ބ. ފެހެންދޫ ޖެޓީގެ މަސައްކަތް ވިލުކޮޅު ކުންފުނިން ކުރިއަށް ގެންދަނީ. --ފޮޓޯ/ވިލުކޮޅު ފޭސްބުކް
ވިލުކޮޅު ކުންފުނީގައި އޭނާ މަސައްކަތް ކުރެއްވި އިރު ކުރިއަށް ގެންދިޔަ އަދި މަޝްރޫއުތައް ނުނިމި ލަސްވި ސަބަބާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އިތުރަށް އެ ކުންފުންޏާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނުކުރެއްވުމަށް އެދިވަޑައިގަތެވެ.
"އަޅުގަނޑާ ބެހޭ ކުންފުންޏެއް ނޫން އެއީ. އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީސް މެމްބަރަކަށް ހޮވިވަޑައިގަތުމުގެ މާ ކުރިން ވެސް އޭނާ މަޝްރޫއުތައް ހިންގި އެވެ. އޭނާގެ އަމިއްލަ ކުންފުންޏެއް މިހާރު ވެސް އެބައޮތް ކަމަށާއި މި ސަރުކާރުން ހުޅުވާ މަޝްރޫއުތަކަށް ވެސް ކުރިމަތިލައި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ވިލުކޮޅުގެ މަސައްކަތްތަކުން ދުރުވިއިރު ކުންފުނީގައި އިސްކޮށް އުޅުއްވީ ކޮން ބައެއްތޯ "މިހާރު" އިން ސުވާލު ކުރުމުން މުބީން ހިތްހަމަޖެހިވަޑައިނުގަތެވެ. އެއީ އޭނާ އަށް އެނގެން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިހްތިރާމާ އެކު އޭނާއާ ސުވާލުކުރަން އެދިވަޑައިގަތެވެ.
ވިލުކޮޅު ކުންފުނިން ހިންގި ގިނަ މަޝްރޫއުތަކެއްގެ ތަފްސީލުތަކާއި މަސައްކަތް ހިނގާ ގޮތް އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެ އެވެ. އެ ކުންފުނިން މުޅިން ވެސް ހަވާލުވެފައި ހުރީ ދައުލަތުގެ އިދާރާއެއް ނުވަތަ ކުންފުންޏަކާ ގުޅޭ މަޝްރޫއުތަކާ އެވެ. ބައެއް މަޝްރޫއުތައް ނިންމާފައި ވެސް ވެ އެވެ.
އެ ޕޭޖުގައި، ވިލުކޮޅަށް ގުޅަން ދީފައިވާ ނަމްބަރުތަކުން މިހާރަކު ނުގުޅެއެވެ. ކުންފުނީގެ ފޭސްބުކް ޕޭޖުގައި ވެސް އެންމެ ފަހުން މަޝްރޫއެއްގެ މައުލޫމާތު އާއްމުކޮށްފައި އޮގަސްޓް، 21، 2018، ގަ އެވެ. އެއީ އެމްޑަބްލިއުއެސްއީގެ މަސައްކަތެކެވެ.
ފ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ކުންފުނީގެ ހިއްސާއެއް ނެތް ކަމަށާއި އޭނާ ކުންފުނީގެ މަސައްކަތްތަކުން ދުރުވި ތާރީޚު ހަނދާން ނެތް ކަމަށް މުބީން ވިދާޅުވި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މުބީން ވިލުކޮޅުގެ ހިއްސާ އެހެން މީހަކަށް ބަދަލުކުރީ ނޮވެމްބަރު، 15، 2018 ގަ އެވެ. އެއީ ދެ ވަނަ ދައުރަކަށް ހޮވަން މުބީން ކެމްޕޭންކޮށް ދެއްވި ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތް ފަހުންނެވެ. އޭރު ހުރިހާ މަޝްރޫއެއް ވަނީ ހަވާލުކޮށް ނިންމައިފަ އެވެ.
"މިހާރު" އިން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި ވިލުކޮޅުގައި އޮތް މުބީންގެ ހިއްސާ ދޫކޮށްލީ ފުލުހުންގެ ވަޒީފާގައި އުޅޭ އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ އަކަށެވެ. އޭނާ އަށް ހިއްސާ ބަދަލުކުރުމުން އެ ކުންފުނީގައި މިހާރު ތިއްބަވަނީ މުބީންގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮގެ އިތުރުން އަނބިކަނބަލުންނެވެ.
އެހެންކަމުން، އެއީ އަދިވެސް މުބީންގެ މަސްލަހަތު އޮތް ކުންފުންޏެކެވެ.
އިންތިހާބަށް ފާރަވެރިވާން އޭސީސީ ނެތުމުން ކަންބޮޑުވެއްޖެ
ހިޔާނާތް ނުބެލޭ ނަމަ ކޮމިޝަންތަކުން ވަކިވޭ: ވިސާމް
ހިޔާނާތުގެ ތަހުގީގުން އެކަހެރިއެއް ނުކުރާނެ: އޭސީސީ
ދަރުމަވަންތަ އިމާރާތުގެ މައްސަލަ އަލުން ތަހުގީގުކުރަނީ
އެމްއާރުޑީސީގެ ބޯޑުމެމްބަރުންނަށް ކޮރަޕްޝަނުގެ ދައުވާ
އަބްދުއްރަހީމްގެ ދެ ފްލެޓްގެ މައްސަލަ އަލުން ބަލަނީ
އަސްއަދުގެ މައްސަލަ އޭސީސީން ރިވިއުކުރާ ލިސްޓަށް!
ނަތީޖާ ނުނެރެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަނީ!
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ރިޔާސީ ކޮމިޝަންގެ ރިޕޯޓު ރައީސަށް އަރުވައިފި