Roadha Mihaaru
ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް

ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް

24 ޖެނުއަރީ 2019

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ތިން އަހަރު ފަހުން އަލުން ސުހައިލް އަހުމަދު ވަޑައިގެންނެވި އިރު އޭނާއަށް އުފުއްލަވަން ޖެހިފައި އޮތީ ކުރިއަށް ވުރެ މާ ވަރުގަދަ، މާ ނާޒުކު މަސްއޫލިއްޔަތެކެވެ؛ ކުންފުނީގެ ގާބިލްކަމާ ނުބައްދަލު ބޮޑު ދަރަނިތަކުން ސަލާމަތްކޮށް، އެޗުޑީސީ އަލުން ކޮޅަށް ޖެހުމެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ތިން އަހަރު ފަހުން އަލުން ސުހައިލް އަހުމަދު ވަޑައިގެންނެވި އިރު އޭނާއަށް އުފުއްލަވަން ޖެހިފައި އޮތީ ކުރިއަށް ވުރެ މާ ވަރުގަދަ، މާ ނާޒުކު މަސްއޫލިއްޔަތެކެވެ؛ ކުންފުނީގެ ގާބިލްކަމާ ނުބައްދަލު ބޮޑު ދަރަނިތަކުން ސަލާމަތްކޮށް، އެޗުޑީސީ އަލުން ކޮޅަށް ޖެހުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ރަޖާގަނޑެއްގެ ތެރޭގައި ގެންގުޅުނު ކުންފުނިން އެކި ގޮތްގޮތުން ޒިންމާ ނަގަން ޖެހޭ ލޯނުގެ އަދަދު 11 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންކަމުން އެޗްޑީސީ ރަނގަޅު ސިއްހަތެއްގައި ކުރިއަށް ގެންދަން ކުރަން ޖެހިފައި ހުރި މަސައްކަތްތައް ބޮޑުވެފައި، ސަރުކާރުގެ އެހީތެރިކަން ވެސް އެހާމެ މުހިންމެވެ.

ސުހައިލް ވިދާޅުވި ގޮތުގައި އެޗްޑީސީގެ ނަމުގައި ލޯނު ނަގާފައި ވަނީ ކުންފުނީގެ "ކެޕޭސިޓީއަށް ވުރެ ގިނައިން"ނެވެ. އަދި އޭގެ ތެރެއިން ބައެއް ލޯނުތަކަށް އެޗްޑީސީގެ އަމިއްލަ ފައިސާ އިން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުމުން، ކުންފުނީގެ ކޭޝްފްލޯ ވަނީ ތާށިވެފަ އެވެ.

"ބޭރުގެ ލޯނު ގިނަ ފަހަރަށް ލިބެނީ 100 ޕަސެންޓެއް ނޫން. އާންމުކޮށް 80 ޕަސެންޓް ނުވަތަ 85 ޕަސެންޓް މި ލިބެނީ. މިގޮތަށް ލިބޭ އިރު އެޗްޑީސީގެ ކޭޝްފްލޯ އިން ބާކީ ފައިސާ މަޝްރޫއުތަކަށް ހޭދަކޮށްފައިވޭ،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން ނަގާފައިވާ ލޯނުގެ އަދަދު 750 މިލިއަން ޑޮލަރު (11.7 ބިލިއަން ރުފިޔާ) އަށް ވުރެ މަތި ކަމަށް ބެލެވެ އެވެ. މިއީ ކުންފުންޏަށް މިއަދު އޮތް އުފުލޭ ވަރަށް ވުރެ ބޮޑު މާލީ ބުރައެކެވެ.

ކުރީގެ ސަރުކާރުން އެޗްޑީސީގެ ބޮލުގައި އަޅުވާފައި ވަނީ ހަމައެކަނި ގެދޮރު މަޝްރޫއުތަކަށް، ނުވަތަ ހުޅުމާލޭގެ ތަނެއް ހިއްކަން ނެގި ލޯނުތަކެއް ނޫނެވެ. އެޗްޑީސީން ސީދާ ހަރަދުކުރަން ނުޖެހޭ އެކަމަކު ސަރުކާރުގެ ވަކި ސިޔާސަތުތަކެއް ފުރިހަމަކުރަން، ކުންފުންޏަށް އުފުލަން މަޖުބޫރުކުރި މާލީ ޒިންމާތަކެއް ވެސް، ޔާމީންގެ ސަރުކާރުން އޮތީ އަޅުވައިފަ އެވެ.

އޭގެ ތެރެއިން އެއް މަޝްރޫއުއަކީ ސިނަމާލެ ބްރިޖާ އެކު ހުޅުލެ އާއި ހުޅުމާލެ ގުޅުވާލަން ހެދި ލިންކް ރޯޑެވެ. އެއީ އެޗްޑީސީން ސީދާ ހޭދަކުރަން ނުޖެހޭ މަޝްރޫއުއެއް ނަމަވެސް އެކަމަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ނެގީ ވެސް އެ ކުންފުނީގެ ނަމުގަ އެވެ. އަދި އެ މަގު ބެލެހެއްޓުމުގެ ހަރަދު ވެސް ކުރަނީ އެޗްޑީސީންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ލިންކް ރޯޑުގެ މަޝްރޫއުއަށް އެޗްޑީސީގެ އަމިއްލަ ފައިސާގެ ތެރެއިން 150 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި އެޗްޑީސީއަށް ބޭނުންވާ މާލީ ހަމަޖެހުން ގެނެވޭނީ އެ ލޯނަށް ސަރުކާރުން އެހީތެރިކަމެއް ދީގެންނެވެ. އެހެންކަމުން ހައްލެއް ހޯދަން އެޗްޑީސީން އަންނަނީ ސަރުކާރާ އެކު މަޝްވަރާ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންނާއި ބޯނަސް

ކުރީގެ ސަރުކާރުން އެޗްޑީސީ ލައްވާ އެހާ ގިނަ ލޯނުތަކެއް ނަގައި، ހަމައެކަނި އެ ކުންފުނީގެ ބޮލަށް ޖެހުމުގެ އިތުރުން އިންތިހާބާ ދިމާކޮށް ކުންފުނީގެ އޭރުގެ ވެރިން ކަން ކޮށްފައި ހުރީ ވެސް ގެއްލުން ބޮޑު ގޮތަކަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުއްލިއަކަށް އެޗްޑީސީގެ ވަޒީފާތަކަށް ވެއްދި އެތައް ސަތޭކަ މީހުންނެވެ. އިންތިހާބަށް ދެ މަހަށް ވެފައި އޮއްވާ 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދިންކަމުގެ އަޑުތައް އެރި އެވެ.

ކުންފުނިތަކުން ބޯނަސް ދެނީ ފައިދާއިން ކަމަށް ވިޔަސް އެޗްޑީސީން މިދިއަ އަހަރުގެ އޮގަސްޓް މަހު 15 މިލިއަން ރުފިޔާ ހަމައެކަނި ބޯނަސްއަށް ހޭދަކުރީ އެގޮތަށް ބަލާފައެއް ނޫނެވެ. އެހެންކަމުން އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ މާލީ ހާލަތަށް ވިސްނާލުމެއް ނެތި އެކަމަކު ކުންފުނީގެ ކުރިމަގަށް ހުރަސްއެޅޭ ކަންކަން ކޮށްފައި ހުރި ކަމަށް ފެނެ އެވެ.

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން 2015 ގައި ސުހައިލް އިސްތިއުފާ ދެއްވި އިރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 400 އަށް ނާރަ އެވެ. އެކަމަކު އަލުން އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު 900 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ.

އެއީ ކުންފުންޏަށް އޮތް ބުރައެކެވެ. އެޗްޑީސީއަށް ލިބޭ އާމްދަނީން އެ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުނަސް އެހެން ކަމެއް ކުރަން އޮންނަނީ ތާށިވެފައި ކަމަށް، ސުހައިލް ވިދާޅުވި އެވެ.

"މިހާރު ލިބޭ އާމްދަނީން އަޅުގަނޑުމެން ސްޓާފުންގެ ކޯސްޓް ކަވަރު ކުރަން. އެހެން ނަމަވެސް ޕެންޑިން ބިލްތައް ނުވަތަ އަމިއްލަ ފަރާތްތައް ލައްވާ ކުރުވާ މަސައްކަތްތަކަށް އެބަހުރި ތާށި،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ މާލީ ހާލަތު ހަމަޔަކަށް އަޅުވަން ކުރަން ޖެހޭ ކަންކަން އާ މެނޭޖްމަންޓުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތާއި އެޗްޑީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަރައްގީކުރާ 404 ފްލެޓް މަޝްރޫއުއަށް ބޭނުންވާ ލޯނު ވީހާވެސް އަވަހަކަށް ހަމަޖެއްސުމެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހިންގާ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ މަޝްރޫއު ފެށީ ލޯނު ލިބޭނެކަމުގެ ޔަގީންކަން އޮވެގެން ކަމަށް ވެ އެވެ.

"މަސައްކަތް ފެށި ފަހުން އެ ލޯނު ހަމަނުޖެހުނީ،" ސުހައިލް ވިދާޅުވި އެވެ.

"އަސްލުގައި އަވަސް އަރުވާލައިގެން [މަޝްރޫއު] ފަށާފައި އޮތީ."

އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ނަމަ، ސުހައިލް ވިދާޅުވީ، މި ވަގުތަށް އެޗްޑީސީގެ ކޭޝްފްލޯ ހަމައަކަށް އެޅުވިދާނެ ކަމަށެވެ. ނަމަވެސް އެޗްޑީސީއާ ގުޅޭ ގޮތުން ފެތުރުނު ވާހަކަތަކުގެ ސަބަބުން ބޭންކު ލޯނު ހޯދަން ދަތިތަކެއް ހުރި ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި މިވަގުތު ހުރި މާލީ ދަތިތަކުން އަރައިގަތުމަށް 100 މިލިއަން ރުފިޔާ ބޭނުންވެ އެވެ. ލިންކު ރޯޑުގެ މަޝްރޫއު އެޗްޑީސީގެ އަތުން ނަގާ، އެ ކުންފުނިން ހަރަދު ކުރި ފައިސާ އަނބުރާ ލިިބިއްޖެ ނަމަ ކުންފުނީގެ ކޭޝްފްލޯ މެނޭޖުކުރަން ލުއިތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މި ހުންނަނީ ސަރުކާރުގެ މާލީ ހާލަތަށް ބެލިކަމުގައި ވިޔަސް ފަސޭހަ ކަންކަމެއް ނޫނެވެ. ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއްގެ ބޮލުގައި އެހާ ބައިވަރު ލޯނުތަކެއް އެއްފަހަރާ އެޅުވުމުން ދިމާވާނެ ހުރިހާ ބުރައެއް އެޗުޑީސީން ދަަނީ އުފުލަމުންނެވެ. އެ ހާލަތުން ސަލާމަތްވެގެން ނޫނީ ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ހިންގަން ވެސް އުނދަގޫވާނެ އެވެ. އަދި މުޅި ހުޅުމާލޭގެ ތަރައްގީ އަށް ވެސް ހުއްޓުންތަކެއް އަންނާނެ އެވެ.