Roadha Mihaaru
ދަރިވަރުން އަގުބޮޑު ތޮފި ނާޅަން އިލްތިމާސެއް

އަގުބޮޑު ތޮފި ނާޅަން އެމެރިކާގެ ސްކޫލަކުން ދަރިވަރުންނަށް އަންގައިފި

16 ޖެނުއަރީ 2019

އެެމެރިކާގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް މާ އަގުބޮޑު މޮންކްލާ ބްރޭންގެ ބީނީ ތޮފިތަކެއް އަޅައިގެން ސްކޫލަށް ގޮސް، އެ އެއްޗެހި ގެއްލޭތީ، ވަކި އުމުރުފަރައެއްގެ ދަރިވަރުން އެ ތޮފި އަޅައިގެން ސްކޫލަށް ނުދިއުމަށް އިލްތިމާސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެެމެރިކާގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް މާ އަގުބޮޑު މޮންކްލާ ބްރޭންގެ ބީނީ ތޮފިތަކެއް އަޅައިގެން ސްކޫލަށް ގޮސް، އެ އެއްޗެހި ގެއްލޭތީ، ވަކި އުމުރުފަރައެއްގެ ދަރިވަރުން އެ ތޮފި އަޅައިގެން ސްކޫލަށް ނުދިއުމަށް އިލްތިމާސްކޮށްފި އެވެ.

ނިއު ޔޯކްގެ ލޯންގް އައިލެންޑްގައި ހިންގާ ގްރޭޓް ނެކް ނޯތު މިޑްލްސް ސްކޫލްގައި ކިޔަވާ އުމުރުން 11-13 އަހަރާ ދެމެދުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ސްކޫލްގެ މެނޭޖްމަންޓުން ފޮނުވި ސިޓީއެއްގައި ބުނީ އިޓަލީގެ އަގުބޮޑު މޮންކްލާ ތޮފި އަޅުވާފައި ދަރިވަރުން ސްކޫލަށް ނުފޮނުވަން އިލްތިމާސް ކުރާ ކަމަށެވެ.

ފިނިން ސަލާމަތްވުމަށް ވެސް އާންމުކޮށް އަޅާ މޮންކްލާ ޕޮމް ޕޮމް ތޮފީގެ އެވްރެޖް އަގަކީ 350 ޑޮލަރެވެ.

"އަހަރެމެން ގަބޫލު ކުރަން ފުރާވަރު ކުދިންގެ މެދުގައި ފެޝަނަށް ލޯބިކުރުން ވެސް ބޮޑުކަން. އެކަމަކު ވާ ގޮތަކީ ގިނަ ކުދިން އަޅައިގެން އަންނަ ތޮފި ގެއްލުމާއި އެ ބޭއްވޭ ތަން ނޭނގިގެން ވެސް ކުރިމަތިވާ މައްސަލަތައް ގިނަކަން،" ސިޓީގައިވެ އެވެ. "އެހެންވީމާ މިކަމަށް ބެލެނިވެރިންގެ އެހީ ވަރަށް ބޮޑަށް ބޭނުން. ކޮށްދޭންވީ ކަމަކީ އެ ތޮފި އަޅުވާފައި ކުދިން ސްކޫލަށް ނުފޮނުވުން."

ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ކުދިން އަޅައިގެން އަންނަ އަގުބޮޑު ތޮފި ބޭއްވޭ ތަން ނޭނގިގެން، އެ ހޯދަން ގިނަ ވަގުތުތައް ދުއްވައިލަން ޖެހި، ކިޔެވުމަށް ދެވޭ ވަގުތަށް ވެސް ބުރޫ އަރަ އެވެ.

"މިއީ ސްކޫލުގެ ވަގުތު ވެސް ބޭކާރުވެ، ދަރިވަރުން ކިޔެވުމަށް ވެސް ފޯކަސް ގެއްލޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ،" ސިޓީގައި ބުންޏެވެ. "އެހެންވެ މިކަމަށް ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދިނުން އެދެން."