Roadha Mihaaru
މިއަހަރު އަލަށް އެއްދަންފަޅިއަށް ބަދަލުކުރީ 10 ސްކޫލް

މި އަހަރު އަލަށް އެއްދަންފަޅިއަށް ބަދަލުކުރީ 10 ސްކޫލް

14 ޖެނުއަރީ 2019

މި އަހަރު އަލަށް އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށީ 10 ސްކޫލެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރު އަލަށް އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށީ 10 ސްކޫލެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ 134 ސްކޫލެއް މިހާރު އެއްދަންފަޅިއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. ބާކީ ހުރި 79 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ އޮޑިޓް މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ފަހަރު އެއްދަންފަޅިއަށް ބަދަލުކުރި ސްކޫލުތަކުގެ ތެރޭގައި އާބާދީ ބޮޑު ސްކޫލުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ހދ. ކުޅުދުއްފުށީގެ ދެ ސްކޫލަކާއިި ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒު ހިމެނެ އެވެ.

އެޑިއުކޭޝަން މިިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އާސިފް ވިދާޅުވީ 134 އަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިމުމުއިރު އެއްދަންފަޅިއަށް ކިޔަވައިދިން ސްކޫލުތަކުގެ އަދަދު ކަމަށެވެ. ނަމަވެސް އޭރު އެކަން ކުރީ އެއްދަންފަޅިއަށް ކިޔަވައިދިނުމާ ބެހޭ އުސޫލާ އެއްގޮތަށް ނޫންކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އެއް ދަންފަޅިއަށް ކިޔަވައިދެމުން އައި ސްކޫލުތަކުގެ އިތުރުން މި އަހަރު އަލަށް ފެށި 10 ސްކޫލުގައި އެކަން ކުރަމުން އަންނަނީ އުސޫލާ އެއްގޮތަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއްދަންފަޅިއަށް ކިޔަވައިދޭއިރު، ރަސްމީ ގަޑި ނިންމާފައި ދަރިވަރުންނަށް އެބަޖެހޭ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަން. މިސާލަކަށް ކެރިއަ ގައިޑެންސް އާއި ހެލްތު އެޑިއުކޭޝަން ފަދަ ކަންތައް. ނަމަވެސް ދަރިވަރުން އެއްދަންފަޅިއަށް ސްކޫލަށް ހާޒިރުވުން ފިޔަވައި އިތުރު ކަމެއް އޭރު ނެތް،" އާސިފް ވިދާޅުވި އެވެ.

"ބައެއް ސްކޫލުތަކުގައި އަލަށް ގާއިމްކުރި ވަސީލަތްތަކާއި ކީ ސްޓޭޖްތަކަށް އައި ބަދަލުތަކާ އެކު، ވަސީލަތްތައް ހަމަ ސްކޫލުގެ ގޮތުގައި އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަނީ،"