Roadha Mihaaru
ރައީސްގެ ޔޫއޭއީ ދަތުރުގައި އެހީތަކެއް ލިބޭނެ: ޝާހިދު

ރައީސްގެ ޔޫއޭއީ ދަތުރުފުޅުގައި ތަރައްގީ އަށް އެހީތަކެއް ލިބޭނެ: ޝާހިދު

13 ޖެނުއަރީ 2019

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ އެކު ޚާއްސަ ގުޅުމެއް އުފެދެން ފަށާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިރޭ ފައްޓަވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ އެކު ޚާއްސަ ގުޅުމެއް އުފެދެން ފަށާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިރޭ ފައްޓަވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސާއި ސަރުކާރުގެ އިސްބޭފުޅުންތަކެއް މިރޭ ޔޫއޭއީ އަށް ފުރާވަޑައިގަންނަވާނެ އެވެ. ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި އެނާޖީ ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގަތުމުގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ރަސްމީ ވާހަކަތައް އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "މިހާރު" އަށް ވިދާޅުވި އެވެ. އެ ދަތުރުފުޅުގެ ކަންކަން ރާވަމުން އަންނައިރު، ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ކުރިއެރުމަށް އެ ގައުމުގެ އެހީ އެންމެ ފުޅާކޮށް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން އަބޫދާބީ ފަންޑުން ވެސް ރާއްޖެ އަށް ދީލަތި އެހީތަކެއް ދީފައިވެ އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެށުނު ހިސާބުން ޔޫއޭއީއާ އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮތީ ޚާއްސަ ގުޅުމެއް ފެށިފައި. ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭތަން އެބަ ފެނޭ،" ޝާހިދު ވިދާޅުވި އެވެ.

ރަސްމީ ދަތުރެއްގައި ޝާހިދު، އަބޫދާބީ އަށް ވަޑައިގެން ޝެހިއު އަބްދުﷲ އާ ބައްދަލު ކުރައްވަނީ. --ފޮޓޯ/ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރެއްގައި ޝާހިދު، އަބޫދާބީ އަށް ވަޑައިގެން ޝެހިއު އަބްދުﷲ އާ ބައްދަލު ކުރައްވަނީ. --ފޮޓޯ/ފޮރިން މިނިސްޓްރީ

ނޮވެމްބަރު، 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮނުއްވީ ޔޫއޭއީގެ ރައީސްގެ ދަރިކަލުންނެވެ. އޭގެ ފަހުން، މިނިސްޓަރު ޝާހިދު ވެސް ރަސްމީ ދަތުރެއްގައި އެ ގައުމަށް ވަޑައިގަތެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ދާދި ފަހުން ޔޫއޭއީ އަށް ވަޑައިގަތެވެ. އެއީ، ނ. މާފަރު އެއާޕޯޓު އަޅަން އެހީވާ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ އިސްވެރިންގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. މާފަރު އެއާޕޯޓު މަޝްރޫއުގެ ހުރިހާ ހަރަދެއް ކުރަނީ އޭޑީއެފްޑީގެ ހިލޭ އެހީގެ ދަށުންނެވެ.

ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެއާއެކު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިދިޔަ ޑިސެމްބަރު މަހު ވަޑައިގަތީ އިންޑިއާ އަށެވެ. އަދި ރަސްމީ ދެވަނަ ދަތުރުފުޅުގައި މި ވަޑައިގަންނަވަނީ ޔޫއޭއީ އަށެވެ.