Roadha Mihaaru
މުލާގެ ސަސްޕެންޝަން ބަޔާނުން އެޕީލްކުރަނީ

މުލާގެ ސަސްޕެންޝަން ބަޔާނުން އެޕީލްކުރަނީ

12 ޖެނުއަރީ 2019

ބާލިން، ޖަރުމަން (ޖެނުއަރީ 12) - ބަޔާން މިއުނިކްގެ ތަރި ތޯމަސް މުލާ އަށް ޔުއެފާ އިން ދީފައިވާ ސަސްޕެންޝަން އެޕީލްކުރަން އެ ކްލަބުން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާލިން، ޖަރުމަން (ޖެނުއަރީ 12) - ބަޔާން މިއުނިކްގެ ތަރި ތޯމަސް މުލާ އަށް ޔުއެފާ އިން ދީފައިވާ ސަސްޕެންޝަން އެޕީލްކުރަން އެ ކްލަބުން ނިންމައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސްގެ އަޔަކްސްއާ 3-3 އިން ބަޔާން އެއްވަރުވި މެޗުގައި މުލާ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައިފަ އެވެ. އަޔަކްސްގެ ފުލްބެކް ނިކޮލަސް ޓަގްލިއަފީކޯ ބޮލުގައި މުލާގެ ފައި ޖެހުމުން އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، މިއީ އޭނާގެ ކެރިއަރުގެ ފުރަތަމަ ރަތް ކާޑެވެ.

އެ މެޗަށް ފަހު މުލާ ވަނީ އޭނާގެ ކުށަށް މައާފަށް އެދިފަ އެވެ. އެ މައްސަލައިގައި ޔުއެފާ އިން މުލާ އަށް ފުރަތަމަ އެއް މެޗުގެ ސަސްޕެންޝަނެއް ދިން ނަމަވެސް ފަހުން ވަނީ އަދަބު ބޮޑުކޮށްފަ އެވެ. މިހާރު އޮތްގޮތުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް މުލާ އަށް ގެއްލޭނެ އެވެ.

ބަޔާނުން އެޕީލްކުރަނީ އަންނަ މަހު 19 ވަނަ ދުވަހު ލިވަޕޫލް ދަނޑުގައި އޮންނަ ފުރަތަމަ ލެގުގެ މެޗު މުލާ އަށް ގެއްލުނު ނަމަވެސް މާޗް 13 ވަނަ ދުވަހު ބަޔާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުގައި މުލާ އަށް ކުޅެވޭ ގޮތަށް ހެދުމަށެވެ.

އުމުރުން 29 އަހަރުގެ މުލާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 25 މެޗުން ފަސް ގޯލު ޖަހައި ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. ބަޔާނުގެ ކޯޗު ނިކޯ ކޮވަޗް ވަނީ މުލާ އަކީ އޭނާގެ ޕްލޭނުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

ޔުއެފާ އިން ވަނީ ލިވަޕޫލްގެ ކްރޮއޭޝިއާ ޑިފެންޑަރު ޑޭޔާން ލޮވްރެން އެއް މެޗަށް ސަސްޕެންޑްކުރަން ނިންމައިފަ އެވެ. ލޮވްރެން އަށް ސަސްޕެންޝަނެއް އައީ ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީ އެވެ.