Roadha Mihaaru
މުލާގެ އަތުން ވަން ގޯލުން ބެޔާން އެއްވަރު ވެއްޖެ

މުލާގެ އަތުން ވަން ގޯލުން ބެޔާން މިއުނިކް އެއްވަރުވެއްޖެ

05 މާޗް 2022

މިޔުނިކް (މާޗް 5) - ޖަރުމަން ބުންޑަސްލިގާގައި މިރޭ ބެޔާން މިއުނިކުން އަމިއްލަ ދަނޑުގައި ބެޔާ ލެވަކޫސެންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިޔުނިކް (މާޗް 5) - ޖަރުމަން ބުންޑަސްލިގާގައި މިރޭ ބެޔާން މިއުނިކުން އަމިއްލަ ދަނޑުގައި ބެޔާ ލެވަކޫސެންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

ބެޔާން އިން މެޗުގެ 18 ވަނަ މިނިޓުގައި ލީޑު ނެގީ ކޯނަރަކުން ލިބުނު ފުރުސަތެއްގައި ޑިފެންޑަރު ނިކްލަސް ސޫލޭ އެވެ. ނަމަވެސް 36 ވަނަ މިނިޓުގައި ލެވަކޫސަން އިން ފޮނުވާލި ބޯޅައެއް ދިފާއު ކުރަން އުޅެނިކޮށް ތޯމަސް މުލާ އަތުން ބައިކޮޅަށް ވަން ގޯލުން މެޗުގެ ނަތީޖާ އެއްވަރުވި އެވެ.

ދެ ޓީމަށް ވެސް ވަނީ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފަ އެވެ. ލެވަކޫސަން އިން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވެފައިވާއިރު، މުލާގެ ބަދަލުގައި ކުޅެން ނުކުތް މާކަލް ސަބިޓްޒާ އަށް ލިބުނު ހުސް ފުރުސަތެއްގައި ފޮނުވާލި ބޯޅަ ލެވަކޫސަންގެ ކީޕަރު ދިފާއު ކުރި އެވެ.

މި ދެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗު މިދިޔަ އޮކްޓޯބަރު މަހު ބެޔާން ރަށުން ބޭރުގައި ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5-1 އިންނެވެ. އެ މެޗުގެ ފުރަތަމަ 38 މިނިޓު ތެރޭ ބެޔާން ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

މި މެޗަކީ ބެޔާން މި ސީޒަނުގައި ލީގުގައި އެއްވަރުވެގެން ނިމުނު ދެވަނަ މެޗެވެ. އެންމެ ފުރަތަމަ ލީގުގައި ކުޅުނު މެޗުން އެއްވަރުވެ، މިހާތަނަށް ހަތަރު މެޗުން ބަލިވި ނަމަވެސް ބެޔާން އެއްވަނައިގައި އޮތީ 25 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ބޮރޫޝިއާ ޑޯޓްމަންޑް ދެވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ.

ޑޯޓްމަންޑް ލީގުގައި އެންމެ އަވަހަށް މެޗެއް ކުޅެން އޮތީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަރްމީނިއާއާ ދެކޮޅަށެވެ.