22 އޯގަސްޓް 2016
އަނެއްކާވެސް ވިއްސާރަ ދުވަސްވަރެކެވެ. ހުއްޓާނުލައި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހިއްޖެ ނަމަ މަގުމައްޗަށް ނިކުންނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. ވިއްސާރަ މޫސުމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވުމަކީ އެންމެ ބޮޑު އެއް މައްސަލަ އެެވެ. އެކަމަކު މިކަމަށް ހައްލެއް ހަމަ ނެތީތޯ، މިއީ މި ފަދަ ކޮންމެ ދުވަސްވަރެއްގައި ވެސް އުފެދޭ ސުވާލެކެވެ.
އަނެއްކާވެސް ވިއްސާރަ ދުވަސްވަރެކެވެ. ހުއްޓާނުލައި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހިއްޖެ ނަމަ މަގުމައްޗަށް ނިކުންނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. ވިއްސާރަ މޫސުމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވުމަކީ އެންމެ ބޮޑު އެއް މައްސަލަ އެެވެ. އެކަމަކު މިކަމަށް ހައްލެއް ހަމަ ނެތީތޯ، މިއީ މި ފަދަ ކޮންމެ ދުވަސްވަރެއްގައި ވެސް އުފެދޭ ސުވާލެކެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ކިރިޔާ ވިއްސާރަކޮޅެއް ވެހިލާ އިރަށް ވެސް ފެންބޮޑުވެ އެވެ. ހާއްސަކޮށް، މެދަށް އަޑިކޮށް އޮންނަ ރަށްރަށުގައި ބޮޑުވާ ފެން ހިންދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި މާލޭގައި މިހާރު ފެން ބޮޑުވާން ދިމާވަނީ މީގެ އަހަރުތަކެއް ކުރިން މާލެ ހިއްކައި، މަގުތައް ހަދާފައި އޮތް ގޮތުންނެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ މަގުތައް ޑިޒައިންކޮށްފައި ވަނީ ފަސޭހައިން ފެން ހިނދޭނެ ގޮތެއް ބަލައިގެން ނޫން ކަމަށެވެ. އެހެންކަމުން އެހާ ބޮޑަށް މިހާރު ފެންގަނޑު ދެމިގެންދަނީ މަގުތައް ހަދާފައިވާ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވާރޭ ވެހި މަގެއްގައި ފެންބޮޑުވެފައި: ވިއްސާރަ ދުވަސްވަރަކު މި ގޮތަށް މަގުތަކުގައި ފެންބޮޑުވޭ --ފައިލް ފޮޓޯ
އަސްލަމް ވިދާޅުވި ގޮތުގައި މާލެ ވަށައިގެން އޮންނަ، މަގަށް ވުރެ ދެން އޮންނަ މަގުތައް ތިރި އެވެ.
މިކަމުގައި އަަސްލަމް މިސާލަކަށް ނެންގެވީ އަމީނީ މަގެވެ. އެއީ ކުޑައިރުކޮޅަކު ވާރޭ ވެހިލި ނަމަވެސް ފެންބޮޑުވާ މަގެކެވެ. އޭނާ ވިދާޅުވީ އަމީނީމަގަށް ވުރެ އެ މަގުގެ ބޭރަށް އޮންނަ ބޮޑުތަކުރުފާނު މަގާއި އެތެރެއަށް އޮންނަ ބުރުޒު މަގު އުސް ކަމަށާއި އެ ދެ މަގަށް އެޅޭ ފެން ވެސް ޖަމާވަނީ އަމީނީމަގަށް ކަމަށެވެ. އަދި އެ މަގުގައި ބޮޑުވާ ފެން، ހަމައެކަނި ކާނުތަކުން ނުހިންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މާލޭގެ މަގުތައް ޑިޒައިންކޮށްފައިވަނީ ފެން ހިނދޭނެ ގޮތަކަށް ބަލައިގެންނެއް ނޫން. އެއް މަގަށް ވުރެ އަނެއް މަގު އުސްކޮށް، އެކި ލެވެލްތަކަށް މަގުތައް މި ހުންނަނީ. އެހެންވެ، ފަސޭހައަކުން ފެނެއް ނުހިނދޭނެ،" އަސްލަމް ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގެ މައްސަލަތައް ބޮޑެވެ. ފެން ނުހިނދުމުގެ އިތުރުން މަގުތައް މާ ބޮޑަށް އަޑިގުޑަން ވުމާއި މަގަށް ނުކަތާ ވަރަށް އުޅަނދުތައް ގިނަ އެވެ. އެ މައްސަލަތައް ހައްލުކުރުމަށް މަގުތަކުން އަޑިގުޑަން ފިލުވައި، ތާރު އެޅި ނަމަވެސް ފެން ހިންދުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަކަށް އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.
"މިއީކީ ހަމައެކަނި އެންމެ މަގެއް ހަދައިގެން ހައްލުވާނެ މައްސަލައެއް ނޫން. މިކަން އިސްލާހު ކުރެވޭނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން، ފެން ބޮޑުވާ ހުރިހާ މަގެއް އަލުން ރީޑިޒައިންކޮށްގެން،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމަށް ވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި އެމްއާރުޑީސީއާ ހަވާލުކޮށްގެން، މާލޭގެ ބައެއް މަގުތަކުގެ ކާނުތައް ސާފުކުރުމާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ސްޓޭޝަންތައް ބަހައްޓައި، ބޮޑުވާ ފެން މޫދަށް ބޭރު ކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.
މާފަންނުކޮޅުގައި ފެންބޮޑުވި ދިވަހެއްގައި ފުލުހުންގެ އިދާރާއަކަށް ފެން ވަނަ ނުދޭން ވެލި ބަސްތާ ޖަހާފައި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަމީނީމަގު ފަދަ، ފެން ބޮޑުވާ ބޮޑެތި މަގުތަކުގެ ކާނުތައް މިދިޔަ އަހަރު އެމްއާރުޑީސީން ވަނީ ކޮނެ މުޅިން ސާފުކޮށްފަ އެވެ. އެ ދުވަސްވަރު މަގުމަތީގައި ފެން ބޮޑު ނުވާތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގުމަތީގައި ފެންބޮޑުވާކަން މީހުން މިހާރު ހަނދާން ނެތިއްޖެ ކަމަށެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް މަގުތަކުގައި ކުރިއެކޭ އެއްގޮތަށް ފެން ބޮޑުވާން ފެށުމުން އެއީ ދާއިމީ ހައްލެއް ނޫން އެނގުނެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އެކި ތަންތަނުގައި ޕަންޕު ސްޓޭޝަން ހަރުކޮށް، ފެން ބޭރުކުރުމުގެ މަސައްކަތަށް ސަރުކާރުން މިދިޔަ އަހަރު 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މި މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން އަމީނީމަގާއި ތާޖުއްދީން ސްކޫލު ހުންނަ ސަރަހައްދުގައި ވަނީ ޕަންޕު ހަރުކޮށްފަ އެވެ. އެ ކުންފުނިން ދެކޭ ގޮތުގައި އެ މަސައްކަތް ވަރަށް ކާމިޔާބެވެ.
"މިހާރު އޭގެ ނަތީޖާ އެބަ ފެނެއެއް ނޫންތޯ. ކުރިން އަމީނީ މަގުގައި ހެދޭ ފެން ހިނދެން ނަގާނެ ތިން ދުވަސް. އެކަމަކު މިހާރު ވާރޭ ހުއްޓާލާތާ ދެތިން ގަޑިއިރުގެ ތެރޭގައި ފެން އެއްކޮށް އެބަ ހިނދޭ،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވި އެވެެ.
ވިއްސާރަ ދުވަހެއްގައި ކުޑަކުދިންތަކެއް ފެނާ ކުޅެނީ --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މި މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން ވެސް އެމްޑަބްލިއުއެސްސީން އަންނަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫއުގެ ދަށުން، މާފަންނު މަދަރުސާ ހުންނަ ސަރަހައްދު ފަދަ އިތުރު ތަންތަނުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިއްކާނެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިއްކުމާއި ކާނުތައް ސާފުކުރުމަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލު ނޫން ކަމަށް ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. މިކަން މުޅިން ހައްލުވާނީ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމާއި އެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވަރަށް އަވަހަށް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފަ އެވެ.
މާލޭގެ މަގުތައް އަލުން ރީޑިޒައިންކޮށް ހެދުމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފަށަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތަށް ބޭނުންވާނެ މެޝިނަރީތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ މަޝްރޫއުގެ ސަބަބުން މުޅި މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި އެއީ މިހާރު ކުރިމަތިވާ ފެން ބޮޑުވުމުގެ މައްސަލައިގެ ހައްލަށް ވުން ވެސް އެކަށީގެންވެ އެވެ.
"ފެން ހިންދާ ސްޓޭޝަންތައް ބެހެއްޓީ ލަފަޔާ ހިލާފަށް"
ޕަމްޕުތައް މަރާމާތުކޮށް، ފެންބޮޑުވުން ހައްލުކުރަނީ
މައްސަލަ ހައްލު ނުވެ 37 މިލިއަން "ފެނަށް"!
ފެންބޮޑުވާ މައްސަލައިގެ ޖަވާބުން ރުޅިގަދަވެއްޖެ!
"ޕަމްޕްތައް ރަނގަޅު، މައްސަލަައަކީ ޑިޒައިންކުރި ގޮތް"
ފެންބޮޑުވާ މައްސަލައަށް ބޭނުންވަނީ ވަގުތީ ހައްލެއް ނޫން
ފަމްޕުތަކުގެ މައްސަލައެއް ނެތް،ރަނގަޅަށް މަސައްކަތްކުރޭ
13.9 މިލިއަން ރުފިޔާގެ ޕެވީލިއަން ވީރާނާވަނީ!
ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!