Roadha Mihaaru
ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!

ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!

23 ސެޕްޓެމްބަރ 2019

މީގެ ތިން އަހަރު ކުރިން އޭރުގެ ސަރުކާރުން މަޖީދީމަގު ހަދަން ފެށުމާ އެކު އެންމެން ވެސް އުއްމީދުކުރީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. މަގު އެއްކޮޅުން އަނެއްކޮޅަށް ކޮނެ، ގާތަށް ނަގައި އަލުން މަގު ހެދީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. އެކަމަކު އޭގެ ފަހުން މާލެއަށް ކުރި ވިއްސާރަތަކުގައި، ކުރިން ފެންބޮޑުނުވާ ވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ތިން އަހަރު ކުރިން އޭރުގެ ސަރުކާރުން މަޖީދީމަގު ހަދަން ފެށުމާ އެކު އެންމެން ވެސް އުއްމީދުކުރީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. މަގު އެއްކޮޅުން އަނެއްކޮޅަށް ކޮނެ، ގާތަށް ނަގައި އަލުން މަގު ހެދީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. އެކަމަކު އޭގެ ފަހުން މާލެއަށް ކުރި ވިއްސާރަތަކުގައި، ކުރިން ފެންބޮޑުނުވާ ވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވި އެވެ.

ތާރު އަޅައިގެން ހެެދި ރިންގް ރޯޑްގެ މަސައްކަތް ނިމުމުން ވެސް އާއްމުން އުއްމީދު ކުރީ ހަމަ އެފަދަ ބަދަލެއް ފެންނާނެ ކަމަށެވެ. އެކަމަކު މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައި ކުރި ވިއްސާރައިގައި ރިންގް ރޯޑުގައި ވެސް ފެންބޮޑުވި އެވެ. އެހެންވެ، މަގުތައް އަލުން ހަދައިގެން މައްސަލައަށް ހައްލެއް އަންނާނެ ކަމަށް މީހުން ކުރި އުއްމީދު މިހާތަނަށް ދިޔައީ ފެނަށެވެ.

އަނެއްކާ ވެސް މަގު ހެދުމުގެ ވާހަކަ

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެއަށް ބޯކޮށް ވެހި އަނެއްކާވެސް ބައެއް މަގުތައް ފެނު އަޑިއަށް ދިޔަ އެވެ. ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ވުރެ މައްޗަށް ފެންގަނޑު އެރި އެވެ. ގެތަކަށް ފެން ވަދެ ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވި އެވެ. ވެހިކަލްތައް ވެސް ފެނު އަޑީގަ އެވެ.

ފެން ބޮޑުވެފައިވާ މަގަކުން ސައިކަލްތައް ގެންދަނީ: ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ބޭނުންވޭ -- މިހާރު ފޮޓޯ

ފެން ބޮޑުވެފައިވާ މަގަކުން ސައިކަލްތައް ގެންދަނީ: ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ބޭނުންވޭ -- މިހާރު ފޮޓޯ

މިއީ މާލޭގައި ދިރިއުޅޭ މީހުން ކޮންމެ ވިއްސާރަ މޫސުމެއްގައި ވެސް އުފުލަން ޖެހޭ ތަކުލީފެއް ނަމަވެސް ހަމަ މި ދުވަސްވަރު އެންމެ ގަދައަށް ދެކެވޭނީ މައްސަލަ ހައްލު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން ދައްކާ ވާހަކަތަކެވެ. މި މައްސަލައަށް މާލޭ ސިޓީ ކައުންސިލުން މި ފަހަރު ވެސް ނެރުނު "ހައްލަކީ" މާލޭގެ މަގުތައް އަލުން ހެދުމެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މާލޭގެ މަގުތައް އަލުން ހެދުން ކޮންމެހެން ވެސް މުހިއްމެވެ. އެހެންވެ، ކައުންސިލުން މިހާރު އަންނަނީ އެކަމަށް ބޮޑު މަޝްރޫއެއް ރާވައި ޑިޒައިން ކުރަމުން ކަމަށާއި އަންނަ މަހުގެ ކުރީކޮޅު އާއްމުންގެ ހިޔާލަށް އެ ޑިޒައިން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކުގެ ހާލަތު އޮތީ ވަރަށް ދަށް ފެންވަރެއްގަ އެވެ. ކޮންމެ ދުވަހަކު އެކި ބޭނުންތަކަށް މަގުތައް ކޮންނާތީ ހާލަތު އިތުރަށް ގޯސްވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަގުތައް ހަދާނެ ގޮތުގެ ޑިޒައިން އަދި ނުނިމުނު ނަމަވެސް އެކަން ކުރިއަށް ގެންދާނެ ގޮތް ކައުންސިލުން މިހާރު ވަނީ ރާވައިފަ އެވެ. ޝަމާއު ވިދާޅުވީ މަގު ހަދާނީ، ކޮންމެ ދުވަހަކު މަގު ނުކޮނެ ވާނެ ގޮތަކަށް، ހޮޅި ފަދަ ތަކެތި ވަޅުލެވޭ ގޮތަށް މައްޗާއި އަޑި އެކުގައި ކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވަނިކޮށް ބަޔަކު ހިނގާފައި ދަނީ-- މިހާރު ފޮޓޯ

މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވަނިކޮށް ބަޔަކު ހިނގާފައި ދަނީ-- މިހާރު ފޮޓޯ

"އެކި ކޮމްޕާޓްމެންޓްތަކަށް އަޅުގަނޑުމެން މަގު ހަދާނީ. އޭރުން ކޮންމެ ދުވަހަކު މަގު ނުކޮނުނަސް ހޮޅި އެއްޗެހި ވަޅުލަން ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ވަޅުލާފައިވާ ކޭބަލްތަކާއި ހޮޅިތަކަކީ ވެސް މަގުތަކުން ފެން ހިނދަން އޮތް ހުރަހެކެވެ. އެއްވެސް އިންތިޒާމެއް ނެތި، އެ ބަޔަކު ބޭނުން ގޮތަކަށް ހޮޅިތައް ވަޅުލާފައި ހުރުމުން، ފެން ހިންދުމަށް އިތުރު ހޮޅި އަޅާނެ ޖާގައެއް މަގަކު ނެތެވެ. ފެން ހިންދުމަށް އެންމެ ރަނގަޅު ނިޒާމެއް ވެސް ގާއިމްކުރެވޭނީ މާލޭގެ މަގުތަކުގައި ވަޅުލާފައި ހުރި ބޮޑެތި ހޮޅިތައް ނަގައި، ފެން ހިންދަން އިތުރު ހޮޅި އަޅާނެ ޖާގަ ވެސް ހުސްކޮށްގެންނެވެ.

އެހެންވެ، އެފަދަ ހޮޅިތަކާއި މަގުމަތީގައި ހުންނަ ޑީވޯޓަރިން ހޮޅިތައް ނެގުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މާލޭގައި ބޮޑުވާ ފެން ނުހިނދެން ދިމާވާ އެއް ސަބަބަކީ ވަޅުލާފައި ހުންނަ ހޮޅިތައްކަން އެމްޑަބްލިއުއެސްސީން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ފެން ހިންދާ ޕަންޕުތަކުގެ ބޭނުން ރަނގަޅަކަށް ނުހިފޭ!

ކަމާ ބެހޭ އިދާރާތަކުން ބުނާގޮތުގައި ބޯކޮށް ވާރޭވެހިއްޖެ ނަމަ، މާލޭގެ ބައެއް ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވަނީ، އެ ސަރަހައްދުތައް އަޑިކޮށް އޮންނާތީ އެވެ. އެހެންވެ، އެކަން ހައްލުކުރަން މިދިޔަ ސަރުކާރުން ވަނީ 34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޮޑު މަޝްރޫއެއް ހިންގާފަ އެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން 2014 ގައި ފެށި މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ހިންދާ ޕަމްޕުތައް ބެހެއްޓި އެވެ.

ފެން ވަނަ ނުދިނުމަށްޓަކައި ފިހާރައެއްގެ ކައިރީގައި ވެލި ބަސްތާ ޖަހަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފެން ވަނަ ނުދިނުމަށްޓަކައި ފިހާރައެއްގެ ކައިރީގައި ވެލި ބަސްތާ ޖަހަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު މަޝްރޫއު ނިމެން ކައިރިވި އިރުވެސް އެއިން މާ ބޮޑު ހައްލެއް ލިބިފައެއް ނުވެ އެވެ. އެހެން ދިމާވީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، އެ ޕަމްޕުތަކަށް އޭރު ބަޔަކު ގެއްލުން ދިނުމުންނެވެ.

އެ މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި 15 ޕަމްޕު ބެހެއްޓި އެވެ. ފެންބޮޑުވާތާ 1-3 ގަޑިއިރު ތެރޭގައި، ޕަމްޕްތައް ބޭނުންކޮށްގެން، ފެން ހިންދޭނެ ކަމަށް އޭރުގެ ސަރުކާރުން އަންދާޒާކުރި އެވެ.

ޕަމްޕުތައް ބެހެއްޓީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުތައް ބަލައިގެން ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ. އެކަމަކު މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ބުނީ ފެން މަދުން ހެދޭ ތަންތަނުގައި ވެސް ޕަމްޕުތައް ބަހައްޓާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމުން ދިން ލަފައާ އެއްގޮތަށް ވެސް ނޫން ކަމަށެވެ. އެހެންވެ، ޕަންޕުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފެ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ގިނަ ޕަމްޕުތަކެއް ހަރުކުރި ނަމަވެސް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނީ މަގުތައް ވެސް ހަދައިގެން ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަގު ހަދަން ޖެހޭނީ ޕަމްޕު ހަރުކޮށްފައި ހުންނަ ސަރަހައްދަށް ކުޑަކޮށް އަޑިވާ ގޮތަށް ނުވަތަ އެ ސަރަހައްދަށް ފެން ޖަމާވާ ގޮތަށެވެ. އަދި ހުސް ޖާގަ ހޯދައިގެން، ކުރިއަށް އޮތް ތަނުގައި އިތުރު ޕަމްޕުތައް ވެސް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ގަބޫލުކުރާ ގޮތުގައި ވާރޭ ވެހޭ ވަގުތުގައި، މަގުމައްޗަކުން ފެނެއް ނުހިނދޭނެ އެވެ. އެކަމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށާއި މިހާރު ހުރި ޕަމްޕުތައް ޑިޒައިންކޮށްފައި ހުރީ ވެސް ވާރޭ ހުއްޓާލާތާ 1-3 ގަޑިއިރުގެ ތެރޭގައި ފެން ހިނދޭ ގޮތަށް ކަމަށް އެތަނުން ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެފައި- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ޑިސެމްބަރު މަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެފައި- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދެން މިކަމަށް ދާއިމީ ހައްލެއް އަންނާނީ މަގުތައް ހެދުމުން. ޕަންޕުތަކަށް ސްލޯޕްވާ ގޮތަށް މަގުތައް ހެދުމުން ފަސޭހައިން އެ ފެންތައް ހިއްކޭނެ. އޭރުން ފެންގަނޑު ހިނދުމަށް މާ ގިނަ ވަގުތެއް ނުނަގާނެ،" އާޒިމް ވިދާޅުވި އެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަގުތައް ހަދަން ކުރީގެ ސަރުކާރުން ވެސް ނިންމި އެވެ. މަޖީދީ މަގުގެ މަސައްކަތް 2018 ގައި ނިމުމާ އެކު އިތުރު 13 މަގެއް ހަދާނެ ކަމަށް ބުންޏެވެ. އެކަމަކު ސަރުކާރު ނިމުމުގެ ކުރިން ހެދުނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެކެވެ.

އާ ސަރުކާރަށާއި ސިޓީ ކައުންސިލަށް މިހާރު މި އޮތީ ހައްލު ހޯދައިދޭން ޖެހިފަ އެވެ. ވާރެއާ އެކު މާލެ ފެނު އަޑިއަށް ދިއުން ހުއްޓުވޭނެ ގޮތެއް ކޮންމެހެން ވެސް ބޭނުންވެ އެވެ.