Roadha Mihaaru
ހައުސިންގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލެނީ!

ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލުމުގެ ބިރު ހީވެއްޖެ!

26 ޑިސެމްބަރ 2018

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލަށް ފައްތައި ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލަށް ފައްތައި ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގައި އެއް ހަމައަކުން އަމަލުކުރަން އެކުލަވާލި އޮނިގަނޑު ތަންފީޒުކުރާއިރު، ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލެ އެވެ. މި މައްސަލައިގައި މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ސިވިލް ސާވިސްގެ އާ އުސޫލުގައި ޖީއެސް3 އަދި ޖީއެސް4 ރޭންކުގެ މުވައްޒަފުން ނުހިމެނެ އެވެ.

"މި ދެ ރޭންކުގައި އެބައުޅޭ، ވަރަށް ގިނަ އަހަރުތަކެއް ވަންދެން މިނިސްޓްރީގައި މަސައްކަތްކޮށްފައި ތިބި ގާބިލް، ތަޖުރިބާ ހުރި ގިނަ އަދަދެއްގެ ބަޔަކު. އާ އޮނިގނޑުގައި ހިމެނެނީ އެމްއެސް 1 އިން ފެށިގެން. އެހެންވީމަ 40 މުވައްޒަފުންގެ ވަޒީފާ އެބަ ގެއްލޭ،" މުވައްޒަފަކު ކިޔައިދިނެވެ.

"މިއީ، މުވައްޒަފުންތަކަކަށް ދެވޭ ވަރަށް ބޮޑު ދެރައެއް."

މި މައްސަލައިގައި ހައްލެއް ހޯއްދަވައި ދެއްވަން މުވައްޒަފުން ވަނީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަށް ހުށަހަޅައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ، މި ސަރުކާރުން ވަނީ ދެ މިނިސްޓްރީއަކަށް ބަހާލައިފަ އެވެ. ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ އުފައްދާފައި އޮތް ނަމަވެސް ދެ މިނިސްޓްރީ އަދި ހިންގަނީ އެއް އިމާރާތެއްގަ އެވެ. ހައުސިންގެ މުވައްޒަފުން ވެސް އެ ދެ މިނިސްޓްރީ އަށް ބަހައެއް ނުލަ އެވެ.