Roadha Mihaaru
ދެ ހަފްތާގެ ތެރޭ ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި

ދެ ހަފްތާގެ ތެރޭގައި ބޮޑު އަދަދަކުން ޓީބިލް ވިއްކައިފި

25 ޑިސެމްބަރ 2018

މިދިޔަ ދެ ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން 475.5 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ދެ ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން 475.5 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގައި 231.4 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އޭގެ ކުރީ ހަފުތާގައި ވިއްކާފައި ވަނީ 244.1 މިލިއަން ރުފިޔާގެ ޓީބިލެވެ. އެއީ ޖުމުލަ 475.1 މިލިއަން ރުފިޔާގެ ޓީބިލެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ވިއްކާފައި ވަނީ 36 މިލިއަން ރުފިޔާގެ ޓީބިލެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް، ސަރުކާރުން ވަނީ 936.4 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފަ އެވެ. އެހެންވެ މި އަހަރު ވިއްކި ޓީބިލްގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް މި ދެ ހަފުތާގައި ވަނީ ވިއްކައިފަ އެވެ.

ސަރުކާރުން މިހާތަނަށް ވިއްކާފައިވާ ޓީބިލާއި ޓީ ބޮންޑާއި އިސްލާމިކް ސެކިއުރިޓީގެ ގޮތުގައި 15 ބިލިއަން ރުފިޔާ އަނބުރާ ދައްކަންޖެހެ އެވެ. މިއީ 2018 ވަނަ އަހަރުގެ ބަޖެޓުގެ ނިސްބަތުން ބަލާ ނަމަ 53 ޕަސެންޓެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 27.9 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގެ ތެރެއިން ޓީބިލު ދަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 91 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ޓީބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓްރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ޓީބިލް ވިއްކާ އިރު ފާއިތުވެދިޔަ ދެ ހަފްތާ އަކީ މި އަހަރު އެންމެ ގިނައިން ޓީބިލް ވިއްކި ދެ ހަފްތާ އެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިއަށް ވުރެ ބޮޑެތި އަދަދުތަކުން ޓީބިލް އެއް ފަހަރާ ވިއްކާފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ކޭޝްފްލޯ ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.