Roadha Mihaaru
ޓޮބްލެރޯން ހަލާލު ކަމަށް ބުނުމުން މައްސަލައަކަށް

ޓޮބްލެރޯން ޗޮކްލެޓްގައި ހަލާލު ލޯގޯ ޖެހުމުން ޔޫރަޕްގެ ބައެއް ގައުމުތަކަށް މައްސަލައަކަށް

23 ޑިސެމްބަރ 2018

ސްވިޓްޒެލެންޑްގެ މޮންޑޮލޭޒް އިންޓަނެޝަލް ކުންފުނިން ތައްޔާރުކުރާ މަޝްހޫރު ޓޮބްލެރޯން ޗޮކްލެޓަށް ހަލާލު ސެޓްފިކެޓް ދޫކޮށް، ހަލާލު ލޯގޯ ޖެހުމުން ހުޅަނގުގެ ބައެއް ގައުމުތަކުން އެކަމާ ދެކޮޅަށް އަޑު އުފުލައި، ޓޮބްލެރޯން ބޮއިކޮޓް ކުރަން ގޮވަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްވިޓްޒެލެންޑްގެ މޮންޑޮލޭޒް އިންޓަނެޝަލް ކުންފުނިން ތައްޔާރުކުރާ މަޝްހޫރު ޓޮބްލެރޯން ޗޮކްލެޓަށް ހަލާލު ސެޓްފިކެޓް ދޫކޮށް، ހަލާލު ލޯގޯ ޖެހުމުން ހުޅަނގުގެ ބައެއް ގައުމުތަކުން އެކަމާ ދެކޮޅަށް އަޑު އުފުލައި، ޓޮބްލެރޯން ބޮއިކޮޓް ކުރަން ގޮވަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑިޕާޓްމަންޓް އޮފް ހަލާލު ސެޓްފިކެޝަން ޔޫރަޕް (ޑީއެޗްސީއީ) އިން ޓޮބްލެރޯން އަށް ހަލާލު ސެޓްފިކެޓް ދޫކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. މޮންޑޮލޭޒުން މި ޗޮކްލެޓަށް ހަލާލު ސެޓްފިކެޓް ހޯދަން ބޭނުންވި މައިގަނޑު ސަބަބަކީ ކުންފުނީގެ އާމްދަނީ އިތުރު ކުރުމެވެ.

ހަލާލު ސެޓްފިކެޓް ލިބުމުގެ ކުރިން ވެސް ޓޮބްލެރޯނަކީ ހަލާލު ތަކެތިން އުފައްދާ އެއްޗެކެވެ. ނަމަވެސް ސެޓްފިކެޓް ހޯދުމުން ގިނަ މީހުންނަށް ހީވީ ޗޮލްލެޓު އުފައްދާ ގޮތް ބަދަލުކުރީ ކަމަށެވެ.

މޮންޑޮލޭޒުން ބުނީ ކުރިން ވެސް ޓޮބްލެރޯނަކީ ހަލާލު އުފެއްދުމެއް ކަމަށާއި އެކަން މި ފަހަރު ރަސްމީވުމަކުން ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އަދި މިހާރު ވެސް ޓޮބްލެރޯން ތައްޔާރު ކުރަނީ ކުރީގެ ރެސިޕީ އަށް ކަމަށާއި އެއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ބުންޏެވެ.

ނަމަވެސް ގިނަ ބައެއްގެ މަގުބޫލު ޗޮކްލެޓަށް މުސްލިމުން ރަމްޒުކޮށްދޭ ލޯގޯއެއް ޖެހުމުން ޖަރުމަން ފަދަ ބައެއް ގައުމުތަކުގެ ކަނާތުފިޔައިގެ ޖަމާއަތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި ޓޮބްލެރޯން ޗޮކްލެޓާ ދެކޮޅަށް ކެމްޕޭން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ހަލާލު ސެޓްފިކޭޝަންގެ ތަރުޖަމާން އުމަރު އަލް ޤަދުރީ ސީއެންއެން އަށް ވިދާޅުވި ގޮތުގައި އިސްލާމް ދީނާ ދެކޮޅު ބަޔަކު ޓޮބްލެރޯންއާ ދެކޮޅަށް މިހާރު އަޑު އުފުލަނީ ހަލާލު ސެޓްފިކެޓަކީ ކޯޗެއްކަން ފަހުމް ނުވާތީ އެވެ.

"އޭގެ މާނައަކީ ހަގީގަތުގައި ކާނާގެ ރައްކާތެރިކަމުގެ ސްޓޭންޑާޑް ކުރިއަށް ވުރެ މަތިވިއްޔޭ. އެހެންވީމާ ހަލާލޭ ބުނެގެން މުސްލިމުންނަށް ރައްދުވާ ގޮތަށް ބޭކާރު ކަންކަމާ އުޅުމުގެ މާނައެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ހަލާލު ސެޓްފިކެޓަކީ ކޯޗެއްކަން ނޭނގޭ މީހުން ފުރަތަމަ ކުރަންވީ ކަމަކީ ހަލާލަކީ ކޯއްޗެއްތޯ ބެލުން."

ގަދުރީ ވިދާޅުވީ "ހަލާލު" ބަހަނާއަކަށް ދައްކާފައި ބައެއްގެ ބޭނުމަކީ އިސްލާމް ދީނާ ދެކޮޅަށް އަޑު އުފުލުން ކަމަށެވެ.