Roadha Mihaaru
އާކްޓިކަށް ވެހުނު ސްނޯގައި ޕްލާސްޓިކް

އާކްޓިކަށް ވެހުނު ސްނޯގައި ޕްލާސްޓިކް

21 އޯގަސްޓް 2019

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުގެ ބިރު ކުރިއަށް އޮތީ އެވެ. އިންސާނުންގެ އަމަލުތައް ހުރި ގޮތުން ދުނިޔޭގެ ވެށި ހަލާކުވެ، ދިރިއުޅެން ވެސް ނުރައްކާވެދާނެ ކަމުގެ އިންޒާރުތައް އަންނަނީ ލިބެމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުގެ ބިރު ކުރިއަށް އޮތީ އެވެ. އިންސާނުންގެ އަމަލުތައް ހުރި ގޮތުން ދުނިޔޭގެ ވެށި ހަލާކުވެ، ދިރިއުޅެން ވެސް ނުރައްކާވެދާނެ ކަމުގެ އިންޒާރުތައް އަންނަނީ ލިބެމުންނެވެ.

ޖަރުމަނާއި ސްވިޓްޒަލެންޑްގެ ޓީމަކުން ހަދާފައިވާ ދިރާސާއެއްގައި ބުނި ގޮތުގައި އާކްޓިކް ސަރަހައްދަށް ސްނޯއާ އެކު މިހާރު ޕްލާސްޓިކާއި ސިންތެޓިކް ފައިބަރު ފައިބާކަން ވަނީ ހާމަވެފަ އެވެ.

ސައެންސެސް އެޑްވާންސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނި ގޮތުގައި މިހާތަނަށް ހެދި ތަހުލީލުތަކުން ސްނޯއާ އެކު 10،000 އެއްހާ މައިކްރޮޕްލާސްޓިކް އާކްޓިކްގެ ސްވޭލްބާޑްގެ ރަށްތަކަށް ފޭބި އެވެ. އޭގެ ތެރޭގައި ފައިބަރުގެ އެތިކޮޅުތައް ވެސް ހިމެނެ އެވެ. އެ އެއްޗެހީގެ ފޮޓޯ ވެސް ދިރާސާ ޓީމުން އާންމުކޮށްފައިވެ އެވެ. އެ އެއްޗެހީގެ ސައިޒްގައި ގާތްގަނޑަކަކަށް 5 މިލިމީޓަރު ހުއްޓެވެ.

ދިރާސާ ޓީމުން ލަފާކުރާ ގޮތުގައި ޖައްވުގެ ތެރެއަށް ޕްލާސްޓިކާއި ފައިބަރުގެ އެތިކޮޅުތައް ދަތުރުކޮށްފައި ވަނީ ވައިގެ ޒަރިއްޔާއިންނެެވެ. ނަމަވެސް އެ އެއްޗެހި ދައުރުވާން މެދުވެރިވި ސަބަބުތަކާއި ދައުރުވާން ދިމާވި ސީދާ ސަބަބުތަކެއް ޔަގީނެއް ނުވެ އެވެ. ދިރާސާ ހެދި ޓީމުން އަންދާޒާކުރާ ގޮތުގައި ޕްލާސްޓިކާއި ފައިބަރުގެ އެތިކޮޅުތައް ދައުރުވެފައި ވަނީ ވިންޑްމިލްތަކާއި އެކިއެކި އުޅަނދުފަހަރުންނާއި މީސްމީހުންގެ އަންނައުނުން ކަމަށް ވެދާނެ އެވެ. މިކަން އިތުރަށް ބެލުމަށް އިތުރު ދިރާސާތަކެއް ހަދަން ވެސް ވަނީ ހަމަޖެހިފަ އެވެ.

"ހަގީގަތުގައި ވެސް ޖައްވުން ޕްލާސްޓިކް ފޭބުމަކީ އާދައިގެ ކަމެއް ނޫން. އަހަރެމެން ތަހުލީލު ކުރި ސްނޯތަކުން އެފަދަ ބާވަތްތައް ފެނުމަކީ މިކަމުގެ ނުރައްކާ ހާމަކޮށްދޭ ކަމެއް. ކަށަވަރުކޮށް ބުނަން އެނގޭ ކަމަކީ ސްނޯތަކުން ފެނުނު ޕްލާސްޓިކާއި ފައިބަރުގެ އެތިކޮޅުތަކަކީ ޖައްވުން ފޭބި އެއްޗެހިކަން،" ދިރާސާ ޓީމްގައި އިސްކޮށް އުޅުއްވި ސައިންޓިސްޓް ޑރ. މެލަނީ ބާގްމަން ވިދާޅުވި އެވެ.

އެކަމަކު ޖައްވު ތެރޭގައި ޕްލާސްޓިކް ކަހަލަ ނުރައްކާތެރި މާއްދާތައް ދައުރުވެ، ސްނޯ އާއި ވާރެއާ އެކު، މައިކްރޮޕްލާސްޓިކް ވެހުމަކީ އިންސާނުންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

"ޕްލާސްޓިކުން އިންސާނުންގެ ސިއްހަތަށް އޮތީ ކިހާ ވަރެއްގެ ނުރައްކަލެއްކަން ބުނަން ނޭނގުނަސް އެއީ ހަމަ ޔަގީނުން ވެސް ވެއްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންވީމާ އެބަ ޖެހޭ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކޮށް، އަހަރެމެންގެ ވެށި ހިމާޔަތް ކުރެވޭނެ ގޮތްތަކެއް ހޯދަން،" މެލަނީ ވިދާޅުވި އެވެ.

މީގެ ކުރިން ޗައިނާގެ ޑޮންގުއާން އާއި ފްރާންސްގެ ޕެރިހާއި އިރާނަށް ތެހެރާނަށް ވެސް ޖައްވުން "ޕްލާސްޓިކް ވެހިފައިވާ" ކަމަށް ދައްކަ އެވެ.