Roadha Mihaaru
އާ ދެޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

އާ ދެޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

19 ޑިސެމްބަރ 2018

އަލަށް އުފައްދަން ހުށަހަޅާފައިވާ ސިޔާސީ ދެ ޕާޓީ އުފެއްދުމުގެ އާއްމު ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަލަށް އުފައްދަން ހުށަހަޅާފައިވާ ސިޔާސީ ދެ ޕާޓީ އުފެއްދުމުގެ އާއްމު ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފި އެވެ.

އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ޕާޓީ އުފެއްދުމުގެ އާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދިނީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި މޯލްޑިވްސް ތާޑް ވޭ ޑިމޮކްރޭޓްސްގެ ނަމުގައި އުފައްދަން ހުށަހަޅާފައިވާ ޕާޓީއަށް ކަމަށެވެ.

ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދިނުމުން ބާއްވަން ޖެހޭނީ މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެކެވެ. އެގޮތުން ބާއްވާ ޖަލްސާގައި ޕާޓީގެ އަސާސީ ގަވައިދާއި މެނިފެސްޓޯ އެކުލަވައިލަން ޖެހޭނެ އެވެ. އޭގެ އިތުރުން ވެސް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނާ ގިނަ ކަންތައްތަކެއް އެ ޖަލްސާގައި ފުރިހަމަ ކުރާނެ އެވެ.

"ކޮމިޝަނުން އެ ޖަލްސާ މޮނިޓާ ކުރާނެ. އަދި އެއީ ސައްހަ ޖަލްސާއެއް ކަމަށް ވެއްޖެ ނަމަ ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ،" ޕާޓީ އުފެއްދުމުގެ ޕްރޮސީޖާ އޮންނަ ގޮތް ކިޔައި ދެއްވަމުން އަކްރަމް ވިދާޅުވި އެވެ.

އަލަށް އުފައްދަން މަސައްކަތްކުރާ ދެ ޕާޓީގެ ތެރެއިން މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް އުފައްދަން އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެޕާޓީއަށް ސޮއިކުރައްވައިފަ އެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފައްދަން އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނީ ވަކީލު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އޮގަސްޓް މަހު އެވެ.