Roadha Mihaaru
ޓީސީ އާއި އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

ޓީސީ އާއި އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

18 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި އެއްވަރުވުމުން، ތާވަލުގެ ކުރީގައި ލީޑު ފުޅާކުރަން އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި އެއްވަރުވުމުން، ތާވަލުގެ ކުރީގައި ލީޑު ފުޅާކުރަން އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ތާވަލުގެ އެއް ވަނައިގައި 27 ޕޮއިންޓާ އެކު އީގަލްސް މިވަގުތު އޮތްއިރު، މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެގެން މާޒިޔާ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިއަދު ހަވީރު އީގަލްސް މޮޅުވި ނަމަ އެ ޓީމަށް އެއް ވަނައިގައި ދެމި އޮވެވި އަދި ތަފާތު ވެސް ބޮޑުކުރެވުނީހެވެ.

މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ވެސް މާޒިޔާ އަށެވެ. ދެ ވަނައިގައި 25 ޕޮއިންޓާ އެކު އޮތް މާޒިޔާ އަށް މިހާރު ވަނީ އެއް ވަނަ އަށް އަލުން އަރަން ފުރުސަތު ތަނަވަސްވެފަ އެވެ. ޓީސީ ތިން ވަނައިގައި 24 ޕޮއިންޓާ އެކު އޮތްއިރު މިއަދު މޮޅުވި ނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ގިނަ ހަމަލާތައް އުފައްދައިފަ އެވެ. އެކަމަކު ފުރަތަމަ ދެ ހަމަލާ ފޮނުވާލީ އީގަލްސް އިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި އީގަލްސްގެ ރިސްޓޭ ނައުމޯފް އޭރިއާ ތެރެއިން ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ގޯލް ކުރިމަތިން ޓީސީގެ އަހުމަދު އަބްދުﷲ (ލިލީ) ބްލޮކްކުރި އެވެ. އޭގެ 10 މިނެޓު ފަހުން އޭރިއާ ތެރެއިން އީގަލްސްގެ މުހައްމަދު ސެޑިކް ޖެހި ބޯޅަ ޓީސީ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރި އެވެ.

ޓީސީގެ ދާދު (ކ) އީގަލްސްގެ ގޯލަށް ހަމަލައެއް ފޮނުވާލަނީ: މިއަދު މޮޅަށް ކުޅުނު. --ފޮޓޯ: ނިޝާން އިބްރާހިމް/ މިހާރު

ޓީސީގެ ދާދު (ކ) އީގަލްސްގެ ގޯލަށް ހަމަލައެއް ފޮނުވާލަނީ: މިއަދު މޮޅަށް ކުޅުނު. --ފޮޓޯ: ނިޝާން އިބްރާހިމް/ މިހާރު

އޭގެ ފަހުން ޓީސީން ފުލުފުލުގައި ހަމަލާތައް ފޮނުވާލި އެވެ. އެގޮތުން 15 ވަނަ މިނެޓުގައި އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ކުރިއަށް އެރި ވަގުތު ޓީސީގެ ނާއިޒް ހަސަން (ދާދު) ފޮނުވާލި ބާރު ބޯޅަ ގޯލް ދަނޑީގައި ޖެހުނުއިރު އޭގެ ފަހުން ދާދު ފޮނުވާލި ދެ ހަމަލައެއް ސުޖަން މަތަކުރި އެވެ.

ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޓީސީގެ މުހައްމަދު އިމްރާން (ބެން) އޭރިއާގެ އަރިމަތީގައި ހުރެ ޖެހި ބޯޅަ ސުޖަން ސޭވްކުރިއިރު، 38 ވަނަ މިނެޓުގައި ދާދު އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ އަލީ ނާފިއު (ކަޅޭ) ފުންނާބުން ޖެހުމުން ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ޓީސީގެ އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރޭ ހުސްކޮށް ހުރެ ޖެހި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު ދާދުގެ ހަމަލަ ސުޖަން މަތަކުރި އެވެ.

އީގަލްސްގެ ތިން ބަދަލު ހަމަވެފައިވަނިކޮށް، އެ ޓީމުގެ ނޫމާން އިބްރާހިމް (ހެލްމެޓް) އަށް އަނިޔާވެ ބާލަން ޖެހުމުން އެ ޓީމުން ފަހު 15 މިނެޓު ކުޅުނީ އެކަކު މަދުކޮށެވެ. އެކަމަކު ފަހު މިނެޓުގައި އީގަލްސް އިން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. ކައުންޓާ އެޓޭކެއްގައި އުފެއްދި ހަމަލާގައި އެ ޓީމުގެ އަހުމަދު ރިޒުވާން ގޯލް ކުރިމަތިން ޖެހި ބޯޅަ ގޯލަށް ނުވަދެ ދިޔައީ ކިރިޔާ އެވެ. އެ ބޯޅައިގެ ހުރަހަކަށްވީ ޓީސީގެ ޑިފެންޑަރެކެވެ.