30 ޑިސެމްބަރ 2018
އެޑިޔުކޭޝަން މިނިސްޓްރީގައި އަދާކުރެއްވި ވަޒީފާ އިން އިބްރާހިމް އިސްމާއިލް ރިޓަޔަކުރެއްވުމުން ހަގީގަތުގައި އެ ނިމުނީ، އެ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއްގެ ޚިދުމަތެވެ. އެހާ ގިނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގެ މަތީ ފަންތީގައި މަސައްކަތްކުރެއްވި އެހެން ބޭފުޅަކު މިހާރަކު ނެތެވެ. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުން އަންނަ ފަދައިން އޭނާ އެ ހުންނެވީ، 43 އަހަރުގެ ސަރުކާރުގެ ހިދުމަތަށް ފަހު، އެންމެ ފަހުން ގޭގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އަދާކުރެއްވި ވަޒީފާ އިން އިބްރާހިމް އިސްމާއިލް ރިޓަޔަކުރެއްވުމުން ހަގީގަތުގައި އެ ނިމުނީ، އެ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއްގެ ޚިދުމަތެވެ. އެހާ ގިނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގެ މަތީ ފަންތީގައި މަސައްކަތްކުރެއްވި އެހެން ބޭފުޅަކު މިހާރަކު ނެތެވެ. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުން އަންނަ ފަދައިން އޭނާ އެ ހުންނެވީ، 43 އަހަރުގެ ސަރުކާރުގެ ހިދުމަތަށް ފަހު، އެންމެ ފަހުން ގޭގަ އެވެ.
އެ ދިގު މަސައްކަތުގެ ހަޔާތްޕުޅުގެ 38 އަހަރު ހޭދަކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. އޮސްޓްރޭލިޔާގައި މަތީ ތައުލީމަށް ކިޔަވާ ވިދާޅުވުމަށް ފަހު އެނބުރި ވަޑައިގެން 1976 ގައި އަމީނިއްޔާގެ ޓީޗަރެއްގެ ގޮތުން ތައުލީމީ ދާއިރާގައި ފެއްޓެވި ޚިދުމަތުގައި 1989 އާ ޖެހެންދެން އުޅުއްވީ ސްކޫލްތަކުގަ އެވެ. އޭގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ހިމެނެ އެވެ.
ކިޔަވައިދިނުމުގެ ތަޖުރިބާއާ އެކު 1989 ގައި އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވަން ފެއްޓެވި ފަހުން މިދިއަ އޮކްޓޯބަރު 31 އާ ހަމައަށް އިބްރާހިމް އިސްމާއިލް އުޅުއްވީ އެޑިޔުކޭޝަން މިނިސްޓްރީގަ އެވެ.
އޭނާ ވަނީ ހަތަރު ރައީސަކު ހިންގެވި ހަތަރު ސަރުކާރެއްގެ ހަ މިނިސްޓަރެއްގެ ދަށުން މަސައްކަތް ކުރައްވައިފަ އެވެ. އެހެންކަމުން ރާއްޖޭގެ ތައުލީމީ ނިޒާމް ޒަމާނީ ވަމުން ދިއަދިއުމާއި އަމިއްލަ މަންހަޖެއްގެ ތަރައްގީގެ ހުރިހާ ފަރާތެއް ފެނިވަޑައިގަތެވެ. އެ ހުރިހާ ބަދަލެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ.
"ކަރިކިއުލަމް ފަށައިގެން ދިޔަ ގޮތާއި އެއަށް އައި ބަދަލުތައް ވަރަށް ކައިރިން އަޅުގަނޑަށް ފެނުނު. އެކަމަށް މަސައްކަތް ކުރެވުނު ގޮތް، ކިޔަވައިދިނުމުގެ ކަންކަމަށް އަންނަ ބަދަލުތައް،" އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން އެމެރިކާގައި މާސްޓާސް ނަންގަވާފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި މި ދިގު މުއްދަތުގެ މަސައްކަތުގައި ބޮޑެތި ހިތްހަމަޖެހުންތަކެއް ލިބިވަޑައިގަތެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާ، ވަރަށް އާދައިގެ ގޮތަކަށް އޮވެފައި، ދިވެހި ތަޖުރިބާކާރުންގެ މަސައްކަތާއި އެކި ސަރުކާރުތަކުގެ ސިޔާސަތާ އެކު މިހާރު ވެސް އެ ދަނީ ކުރިއަށް ކަމަށް ވިދާޅުވި އެވެ.
އެ ހިތްހަމަޖެހުމުގެ އަސްލަކީ، ހަގީގަތުގައި، ސަރުކާރުތައް ބަދަލުވެގެން ދިޔަ ނަމަވެސް ދައުލަތް ދެކެ ހިތްޕުޅުގައި އޮތް ލޯތްބެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭނާއަކީ "ދައުލަތަށް ވަފާތެރި މީހެކެ"ވެ.
"އަޅުގަނޑުގެ ފަރާތުން ދައުލަތަށް ގެއްލުމެއް ނުލިބޭނެ. އެއީ ކަނޑައެޅިގެން ޔަގީންކަމެއް ކޮންމެ ސަރުކާރެއް އޮތަސް،" ތ. ތިމަރަފުއްޓަށް އުފަން، އަދި ވަރަށް ކުޑައިރު ތައުލީމް ހާސިލްކުރައްވަން މާލެ ވަޑައިގެންނެވި އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތް ކުރަނީ ވަކި ސަރުކާރަކަށް ނޫން. މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް. ވަނީ ވެސް ހިދުމަތުގެ ދާއިރާއަށް. އެ ފީލިން އަޅުގަނޑަށް އާދޭ، ކޮންމެވެސް ކަމެއް ކޮށްދެވުނު ކަމުގެ. އެހެންވެ އެކަމާ ވަރަށް ހިތްހަމަޖެހޭ."
ރާއްޖޭގެ ތައުލީމީ ދާއިރާއަށް، އެކި ދުވަސްވަރު އައި ބަދަލުތަކުގެ ތެރެއިން ވެސް އިބްރާހިމް އިސްމާއިލް އެންމެ ފާހަގަކުރައްވާ އެއް ކަމަކީ "އެއްވެސް ކުއްޖަކު ބާކީނުކުރުމު"ގެ ސިޔާސަތާއި އާ މަންހަޖެވެ. ކުރީގެ ސަރުކާރުން އެންމެ އިސްކަންދިން އެއް ދާއިރާއަކީ ރާއްޖޭގެ ރަސްމީ ތައުލީމުން އެއްވެސް ކުއްޖަކު ބާކީނުކުރުމެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެހެން ވެސް ތަފާތު ސަބަބުތަކާ ހެދި ސްކޫލަށް ހާޒިރުނުވާ ކުދިން ބަލައި، އެ ކުދިންނަށް ތައުލީމު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގައި އެއްވެސް ކުއްޖަކު ބާކީނުކުރުން ވަރަށް މުހިއްމެވެ. މިދިއަ ފަސް އަހަރު، އެ ޝިއާރާ އެކު، ހިތްހަމަޖެހޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައިވިއަސް، އޭނާ ވިދާޅުވީ، އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ.
"ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވަރަށް ބޮޑަށް ދޫކޮށްލެވިފައި ހުރީ. އަތޮޅު ތެރެއަށް ދާއިރު ބައެއް ގޭގައި ފެންނާނެ ކުދިން ބަނދެފައި ތިއްބައި ވެސް. އެއީ ތަނަކަށް ދިޔަ ނުދޭން ވެގެން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"ބައެއް ބެލެނިވެރިން ވަރަށް ލަދުގަންނާނެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އެބަ ހުއްޓޭ ވެސް ބުނަން. އެހެންވެ އެ ކުދިން ފޮރުވައިގެން ގޭގައި ވެސް ގެންގުޅެފައި ތިބީ. އެކަމަކު އެކުދިންނަށް ވެސް ކިޔަވައިދެވޭނެ ގޮތްތައް ހުރިކަން އެނގޭތީ މަޑުމަޑުން އެބައި އޯޕަން ވަމުން މީހުން އައީ."
މާލޭ ސްކޫލެއްގެ އިނާމު ދިނުމުގެ ހަފުލާގައި، އޭރު އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާ އެކު އިބްރާހިމް އިސްމާއިލް (ވ-5) ބައިވެރިވެވަޑައިގަންނަވަނީ.-- މިހާރު ފޮޓޯ
އިބްރާހިމް އިސްމާއިލް ދަންނަ މީހަކު ވިއްކާ އޭނާގެ ސާދާ ދިރިއުޅުން ފާހަގަކުރެވޭނެ އެވެ. އެއްވެސް އިރެއްގައި އޭނާއަކީ މާ މަތީ ދިރިއުޅުއްވުމަކަށް އުއްމީދުކުރެއްވި އަދި އެގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއް ވެސް ނޫނެވެ. އެހެންކަމުން އޭނާގެ ހަމައެކަނި މިލްކިއްޔާތަކީ ގޯތި ކަމަށް، ވިދާޅުވި އެވެ.
މިނިސްޓްރީގެ "ފައިސާ [ބެލެހެއްޓުމު]ގެ ދުވަސްވަރުގެ ތެރޭގައި ވެސް އަޅުގަނޑު ނުހުންނާނެ އިނގޭތޯ ދައުލަަތަށް ހިޔާނާތްތެރިވެފައި، ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ވަރަށް އާދައިގެ މީހެއް. ދިރިއުޅުން ވެސް ވަރަށް އާދައިގެ ވާނެ. ގޯތި ނޫން އިތުރު މުދަލެއް ނުހުންނާނެ. ސައިކަލެއް ވެސް ނުހުންނާނެ. ކުދިން [ދަރިން] އެ ހޯދައިދީފައި އެހުރީ. ވަރަށް ސާފުކޮށް މަސައްކަތް ކުރެވޭތޯ ބެލީ."
އެއްވެސް އިރެއްގައި އޭނާއަކީ، އިބްރާހިމް އިސްމާއިލްގެ ބަހުން ނަމަ، "ސިޔާސީ މީހެއް ނޫނެ"ވެ. އެކަމަކު ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބަކަށް ބަދަލުކުރެއްވި އެވެ. އަދި ރާއްޖޭގެ ވެރިކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންނެވުމާ އެކު، މައުމޫން ސަރުކާރުގެ ސިޔާސީ މީހުން ވަކިކުރަން ފެށި އިރު، އިބްރާހިމް އިސްމާއިލް ވެސް އޭގެ ތެރޭގައި ހިމެނުނެވެ.
އަލުން ސިވިލް ސާވިސްގެ މަގާމަކަށް ބަދަލުކޮށްދޭން އެދިވަޑައިގެން ނަޝީދަށް ސިޓީއެއް ވެސް ފޮނުއްވި އެވެ. އެކަމަކު އެގޮތަކަށް ނުވި އެވެ. އޭގެ ބަދަލުގައި ނަޝީދުގެ ސަރުކާރުން އޭނާއާ ހަވާލުކުރީ އިތުރު ޒިންމާއެކެވެ.
"އަލުން އެގްޒެކެޓިވް ޑިރެކްޓަރައަކަށް ބަދަލުކޮށްދޭ އެދުނިން. އެހެން ނަމަވެސް ރައީސަށް ފެނިވަޑައިނުގެންނެވި. މަގާމުގެ އިތުރުން އަޅުގަނޑު ކައިރީގައި ދެންނެވީ ތިއީ އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވޭ. މިނިސްޓްރީގެ ފައިސާއާ ބެހޭ ކަންތައްތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް އިބްރާހިމް އިސްމާއިލޭ ކުރައްވާނީ،" އޭނާ ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން ވެސް ރިޓަޔަކުރައްވަން އުޅުއްވި އެވެ. އެކަމަކު ދެން އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޑރ. އައިޝަތު ޝިހާމަކީ، އެއްއިރެއްގައި އޭނާގެ ދަރިވަރަކަށް ވެފައި، އަދި އާއިލީ ގޮތުން ގާތް ބޭފުޅަކަށް ވުމުން މިނިސްޓަރުގެ އެދިވަޑައިގަތުން ގަބޫލުކުރައްވައި މަޑުކުރެއްވީ އެވެ.
އެންމެ ފަހުން މިހާރު އެ ހުންނެވީ ހިދުމަތުގެ ދިގު ޒަމާން މާޒީއަށް ލައްވައިގެން، ގޭގައި، އަމިއްލަ އަދި ހަމަ ކުރިއެކޭ ވެސް އެއްފަދަ ސާދާ ދިރިއުޅުއްވުމުގަ އެވެ. ތިން ބޭފުޅުންނާއި ފަސް ކާފަ ބޭފުޅުންނަށް ހުރިހާ ވަގުތެއް ހުސްކުރައްވައިގެންނެވެ.
އެކަމަކު ދެން ވެސް އޭނާއަށް ދުރަށް ވަޑައިނުގެންނެވޭނެ އެހެން ކަމެއް އެބަ އޮތެވެ: ކުޅިވަރުގެ ދާއިރާ އެވެ.
އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ހަފުލާއެއްގައި: ތައުލީމީ ދާއިރާގެ ހިދުމަތް ފެއްޓެވީ ވެސް އެ ސްކޫލުން
އެއީ ޒުވާން ދުވަސްވަރު މުޅި ރާއްޖެއަށް މަޝްހޫރުވި ނަމެކެވެ. ފުޓްބޯޅަ އާއި ކްރިކެޓާއި ޓެނިހުގައި އޭނާގެ ހުނަރުން ދިވެހިން ހިތްހަމަޖައްސައިދިނެވެ. ރާއްޖޭގެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. ކުޅުމުގެ ހަޔާތަށް ފަހު ރެފްރީއެއްގެ ގޮތުގައި ވެސް ހޯއްދެވީ އިތުބާރާއި އިހުތިރާމެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ދެ ރެފްރީންގެ ތެރެއިން އެއް ރެފްރީ އެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި އެވެ. ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވި އެވެ. ގައުމީ އެތައް ޓީމެއްގެ މެނޭޖަރުކަމާއި، ބޮޑެތި ގޭމްސްތަކަށް ދިޔަ އިރު ޗެފް ޑި މިޝަންގެ ޒިންމާ ވެސް އުފުއްލެވި އެވެ.
މިހާރު އަނެއްކާވެސް ކުޅިވަރުގެ އެކި ކަންކަމުގައި އިބްރާހިމް އިސްމާއިލް ގެންދަވަނީ ބައިވެރިވަޑައިގަންނަވަމުންނެވެ.
ސްޕޯޓްސް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް (ވ) ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާގެ ތަޖުރިބާ އާއި މަގު ދެއްކެވުމާއި އިރުޝާދު، ކުޅިވަރަށް ބޭނުންވެ އެވެ. އެހެންކަމުން ކުރިން އުޅުއްވި ރަސްމީ ޒިންމާތަކުން ދުރުވެވަޑައިގަތުމާ އެކު މިހާރު މި އޮތީ ހުސް ވަގުތު ލިބިވަޑައިގެންފަ އެވެ.
ޚިދުމަތްތެރިންނަށް އަބަދުވެސް ކޮންމެވެސް ކަމެއް ފަހިވާނެ އެވެ.
ދ.ތައުލީމީ މަރުކަޒުގެ ކްލާސްރޫމު ނިންމަން ހަވާލުކޮށްފި
އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުން ހުއްޓާލަނީ
ނައިފަރު ސްކޫލުގައި 10 ކްލާސްރޫމް އަޅަން ހަވާލުކޮށްފި
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަންނަ އަހަރު އަޅަނީ
ހުރިހާ ޓޮޕް 10 ގައި އެންމެ އުފާވެރި މާމަ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހުރަވީ ސްކޫލްގައި ކާން އިން ކުއްޖަކު ނިޔާވެއްޖެ
ކްލާހުގައި ކުދިން ކިޔަވަން ތިއްބާ ފަންކާއެއް ވެއްޓިއްޖެ
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
މަގޫދޫ ސްކޫލަށް ކައުންސިލުން އެއް މިލިއަން ރުފިޔާ