Roadha Mihaaru
ރެއާލް މޮޅުވިއިރު ބޭލް ފާޑުކިޔުންތަކަށް ޖަވާބުދީފި

ރެއާލް މޮޅުވިއިރު ބޭލް ފާޑުކިޔުންތަކަށް ޖަވާބުދީފި

10 ޑިސެމްބަރ 2018

މެޑްރިޑް (ޑިސެމްބަރު 10) - ސްޕެނިޝް ލީގުގައި ރޭ ހުއެސްކާ އަތުން 1-0 އިން ރެއާލް މެޑްރިޑް މޮޅުކޮށްދިން ލަނޑު ޖަހައި ގަރެތު ބޭލް އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބުދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޑިސެމްބަރު 10) - ސްޕެނިޝް ލީގުގައި ރޭ ހުއެސްކާ އަތުން 1-0 އިން ރެއާލް މެޑްރިޑް މޮޅުކޮށްދިން ލަނޑު ޖަހައި ގަރެތު ބޭލް އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބުދީފި އެވެ.

ރޭގެ މެޗަކީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ބޭލް ޖެހި ފުރަތަމަ ގޯލެވެ. ފޯމު ގެއްލިފައިވާ ކަމަށް ބުނެ ބޭލް އަށް ފާއިތުވި ހަފްތާތަކުގައި އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އަދި ރެއާލުން އަންނަ ސީޒަނުގައި ބޭލް ނުފެންނާނެ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ރެއާލްގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވަނީ ރޭގެ މެޗަށް ފަހު ބޭލް އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެމެން އެންމެންނަށް އެނގޭ ބޭލް އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން. އަނިޔާގެ މައްސަލަ އާއި ފޯމު ގެއްލުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރިމަތިވާނެ ކަންތައްތައް. އެންމެ މުހިއްމު ކަމަކީ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ނުބަލަ ދަނޑުމަތީގައި ކުރަން ޖެހޭ ކަންތައް ކުރުން. މި މެޗުގައި ޓީމަށް އެންމެ މުހިއްމު ކަންތައް ކޮށްދިނީ ބޭލް. މިއީ ފާޑުކިޔުންތަކަށް އޭނާ ދިން ޖަވާބެއް،" ސޮލާރީ ބުންޏެވެ.

މި މޮޅާ އެކު ރެއާލް ވަނީ އަލުން ލީގުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. ކުޅުނު 15 މެޗުން ރެއާލަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާގެ އޮތީ 15 މެޗުން 31 ޕޮއިންޓެވެ.

ލީގުގެ ފުރަތަމަ މެޗުތަކުގައި ރެއާލަށް ހުލެން ލޮޕެޓެގީގެ ކޯޗުކަމުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ. އެހެންކަމުން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް ގެއްލުނީ ކަމަށް ބެލެވުނެވެ. އެކަމަކު ސޮލާރީ ހަވާލުވި ފަހުން އެ ޓީމުގެ ނަތީޖާތައް ވަނީ ރަނގަޅު ކޮށްފަ އެވެ.

ސޮލާރީ ބުނީ އެންމެ މުހިއްމު ކަމަކީ ލީގުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރޭހުގައި އޮވެ، އުނދަގޫ މެޗުތަކަށް ވިސްނުންތެރިކަމާ އެކު ކުރިމަތިލުން ކަމަށެވެ.

"ލީގުގެ ފަހުކޮޅަށް ދާއިރު ބޮޑަށް ލީގުގެ ރޭހުގެ ވާހަކަ ދެއްކޭނީ. މި ވަގުތު އެންމެ މުހިއްމު ކަމަކީ އުނދަގޫ މެޗުތަކަށް ވިސްނުންތެރިކަމާ އެކު ކުރިމަތިލުން. އަހަރެމެން ލީގަށް ވާދަކުރާނަމަ ފުރަތަމަ އޮތީ އެހެން ޓީމުތައް އޮތް ފޯމަށް ދާން އަހަރެމެން ގިނަ މެޗުތަކަކުން މޮޅުވުން،" ސޮލާރީ ބުންޏެވެ.

ރެއާލް ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށެވެ.