Roadha Mihaaru
ރައީސްގެ ވައުދުތައް ފުއްދަން އިންޑިއާއިން އެހީތެރިވަނީ

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދަން އިންޑިއާއިން އެހީތެރިވާނެ: ސަފީރު

02 ޑިސެމްބަރ 2018

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އެހީތެރިވުމުގެ އިތުރުން ތައުލީމާއި ފަންނީ އަދި އިޖުތިމާއީ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަ ކުރައްވައި ޒުވާނުން އިތުރަށް ބާރުވެރި ކުރުވުމަށް، އިންޑިޔާއާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންތައްތަކާ ބެހޭގޮތުން ވެސް ނައިބު ރައީސާއި އިންޑިއާ ސަފީރު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބު ރައީސް ފައިސަލްއާ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލެޝްގެ ދެކަނބަލުން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލްއާ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލެޝްގެ ދެކަނބަލުން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކި ދާއިރާތަކަކުން ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފަ އެވެ. އެމަނިކުފާނު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރާއްޖެ ވަޑައިގެންފައިވާއިރު އެއީ މޮދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރައްވާނީ އިންޑިއާ އަށެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާ އަށެވެ.