Roadha Mihaaru
34 އަހަރު ކުރީގެ މެމްބަރަކު ކުރި ދައުވާ ނުބެލޭނެ

34 އަހަރު ކުރީގެ މެމްބަރަކު ކުރި ދައުވާ ނުބެލޭނެ: ސުޕްރީމް ކޯޓް

28 ނޮވެމްބަރ 2018

މީގެ 34 އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން މީހަކު ވަކިކުރި މައްސަލައެއްގައި ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އޭނާ ކުރި ދައުވާ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 34 އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން މީހަކު ވަކިކުރި މައްސަލައެއްގައި ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އޭނާ ކުރި ދައުވާ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ހުޅުމާލޭ ފްލެޓް 63-01-04 ހުސައިން އާދަމް، ދައުލަތާ ދެކޮޅަަށް ދައުވާކުރީ 1982 ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެމްބަރަކަށް ހުއްޓައި އޭނާ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލު ހޯދުމަށެވެ. އެ މައްސަލައިގައި ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން 2015 ގައި ހުކުމް ކުރުމުން އާދަމްގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ބަލައި، ސިވިލް ކޯޓުން ކުރި ހުކުމާއި އެ މައްސަލައިގެ އިސްތިއުނާފް ބަލައިގަނެ ހައި ކޯޓުން ކުރިއަށް ގެންދިޔަ ހުރިހާ އިޖްރާއާތުތަކެއް ބާތިލު ކުރުމުގެ އިތުރުން އެ މައްސަލަ އިސްތިއުނާފް ކުރި ހައި ކޯޓުގެ ދައުވާ ފޯމް ވެސް ބާތިލު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ސިވިލް ކޯޓުން ބެލި މައްސަލައަކީ 2009 ގައި ހުސައިން އާދަމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައިނުގަތުމަށް ނިންމާފައި އޮތް މައްސަލައެއް ކަމަށާއި އެ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައި ވަނިކޮށް ދަށު މަރުހަލާގެ ކޯޓަކުން އެ މައްސަލަ ބެލުން ހުއްދަ ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައަކީ އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް ސިޔާދަތީ ގޮތުން ލިބިފައިވާ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމަކާ ގުޅޭ މައްސަލައެއް ކަމަށާއި އެ ނިންމުން ނިންމި ފަހުން ގިނަ ދުވަސްތަކެއް ފާއިތު ވެގެން ދިޔައިރު ވެސް، އެ ނިންމުމާ މެދު ޗެލެންޖް ކޮށްފައި ނެތުމަކީ އެ ނިންމުން ގަބޫލުކުރީ ކަމަށް ނުވަތަ ނިންމުން ރިވިއު ކުރުމުގެ ހައްގު ދޫކޮށްލީ ކަން ސާބިތުވާ ގަރީނާއެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އޭރު އަމަލުކުރި ގާނޫނު އަސާސީ އޮތް ގޮތުން މަޖިލީހުގެ ރައީސްގެ ހުއްދަ ނެތި މަޖިލީހުގެ ދެ ދައުރުގެ ޖަލްސާތަކަށް ހާޒިރު ނުވެއްޖެ ނަމަ، މެމްބަރު ކަމުން ވަކިިވާނެ އެވެ. ހުސައިން އާދަމް މެމްބަރު ކަމުން ވަކިކުރީ ވިދިވިދިގެން ދެ ދައުރުގެ ޖަލްސާތަކަށް ހާޒިރުނުވި ކަމަށް ބުނެ އެވެ.