Roadha Mihaaru
ހައްދުތަކާ ދެކޮޅުވުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް

ހައްދުތަކާ ދެކޮޅަށް ކަންކަން ނިންމުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް

27 ނޮވެމްބަރ 2018

އިސްލާމްދީނުގެ ހައްދުތަކާ ދެކޮޅަށް ކަންކަން ނިންމުމަކީ އިސްލާމްދީނަށް ގޮންޖެހުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝޭހް އިލްޔާސް ހުސެއިން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިސްލާމްދީނުގެ ހައްދުތަކާ ދެކޮޅަށް ކަންކަން ނިންމުމަކީ އިސްލާމްދީނަށް ގޮންޖެހުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝޭހް އިލްޔާސް ހުސެއިން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އޭނާގެ ނުރުހުން ސަރުކާރަށް މި އަމާޒުވީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން މީގެ 65 އަހަރު ކުރިން ހުއްޓާލާފައި އޮތް އޮތުން، އެ ގޮތުގައި ދަމަހައްޓަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނުމުންނެވެ. އެ މިނިސްޓްރީން ބުނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ ގަރާރުގެ ދެލި ކޮޕީ އަށް ރާއްޖޭން އާނބަސް ބުނެ ވޯޓު ދޭން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި ފާޑުވިދާޅުވެ އިލްޔާސް ފޭސްބުކްގައި ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދުތަކާ ދެކޮޅަށް، ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ގޮންޖަހައި، ކުރެވުނު މަލާމާތެއް ކަމަށެވެ. ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ބަޔަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި، ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތް ކުރުން މާ ބުއްދިވެރި، އަދި ހެޔޮކަން ބޮޑު،" އިލްޔާސް ވިދާޅުވި އެވެ.

އިސްލާމްދީނުގެ ޝިއާރުތަކަށް ގޮންޖެހި ކޮންމެ ބަޔަކު ވަނީ ނިކަމެތިވެ ނިމިގެން ގޮސްފައިކަން ހަނދާންކޮށްދީ، މާޒީން އިބުރަތް ހާސިލް ކުރުމަށް ވެސް އިލްޔާސް ވަނީ ގޮވާލައްވައިފަ އެވެ.

"ރައްޔިތުން ވެސް މިކަމާ މެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަށް ގޮވާލަން. ސަރުކާރުން މިކަމާ މެދު ވިސްނަވައި މި ނިންމެވި ނިންމުން މުރާޖައާ ކުރަން ވެސް ގޮވާލަން،" އިލްޔާސް ވިދާޅުވި އެވެ.

ޚިޔާނާތުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެ، އިސްލާމްދީން ހިމާޔަތް ކުރަން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުގެ މަތިން ހަނދާން ނައްތާ ނުލުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޝައިހް އިލްޔާސް އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ އެންމެ ފަހު ޖަލްސާއެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ބައިވެރިވަޑައިގެންނެވި އެވެ.

"މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަމުގައި އެކުލަވާލާފައިވާ އެ ދެލިކޮޕީ އަށް ރާއްޖޭން ވޯޓު ދޭން ނިންމިކަން އިއުލާންކުރީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރި އަށް ދާ އދ.ގެ އިންސާނީ ހައްގުތަކުގެ ކޮމިޝަންގެ ސެޝަންގަ އެވެ.

ސަރުކާރުން މިހެން ބުނުމުން ބައެއް ދީނީ އިލްމުވެރިންނާއި އާއްމުންގެ ފާޑުކިއުންތައް އަމާޒުވި އިރު ފޮރިން މިނިސްޓްރީން މިހާރު ވަނީ އެ ނިންމުން ހާމަކުރަން ކުރި ޓްވީޓް ވެސް ޑިލީޓްކޮށްފަ އެވެ.