Roadha Mihaaru
މެމްބަރު ހުސައިން މަނިކާއި ޝާހު ވެސް ޖޭޕީއަށް

މެމްބަރު ހުސައިން މަނިކާއި ޝާހު ވެސް ޖޭޕީއަށް

27 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރައްވައިފި އެވެ. އެ ދެބޭފުޅުން ސޮއިކުރެއްވުމާ އެކު، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ރައްޔިތުންގެ މަޖިލިހުގައި ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދު 17 އަށް އެރީ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރައްވައިފި އެވެ. އެ ދެބޭފުޅުން ސޮއިކުރެއްވުމާ އެކު، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ރައްޔިތުންގެ މަޖިލިހުގައި ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދު 17 އަށް އެރީ އެވެ.

ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން މަނިކުގެ އިތުރުން ޝާހް ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އެ ދެ ބޭފުޅުންގެ ފޯމު ހަވާލު ކުރެއްވީ ޖޭޕީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެވެ.

ހުސައިން މަނިކަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮންނަ ބޭފުޅަކަށް ވީ ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާއި އޭގެ ފަހުން ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ހުސައިން މަނިކު ބޭރުކޮށްފައިވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.

މެމްބަރު ޝާހަކީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

އެ މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކު ރޭ ވެސް ވަނީ ޖޭޕީއަށް ސޮއިކުރައްވައިފަ އެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން މިހާރު ތިއްބީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. ދެން ތިއްބެވި މެމްބަރުން މިހާރު ވަނީ ޖޭޕީއަށާއި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފިޔަވައި އެހެން ބޭފުޅުން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ތިއްބެވުމަށެވެ.

މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލު ނުވެވޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު މިހާރު ވަނީ އުވާލައިފަ އެވެ. އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅީ އެގާނޫނުގެ ދަށުންނެވެ. އެކަމަކު އެ ނިންމުން ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.