Roadha Mihaaru
ބޭންކު ފަޅައިލި އިރު ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް

ބޭންކު ފަޅައިލި އިރު ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް

21 ނޮވެމްބަރ 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލައި އެތައް މިލިއަން ރުފިޔާއެއް ވަގަށް ގެންދިޔަ އިރު، އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލައި އެތައް މިލިއަން ރުފިޔާއެއް ވަގަށް ގެންދިޔަ އިރު، އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ވިލިނގިލީ ކައުންސިލް މެންބަރު ހަބީބު ހަސަން ވިދާޅުވީ މީގެ ކުރިން ބޭންކްގެ ސެކިއުރިޓީ ބަލަހައްޓަން ގާޑަކު ބަހައްޓާފައި ހުންނަ ކަމަށެވެ. ނަމަވެސް މިހާރު ގާޑަކު ނުހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައްކަން އިރު ވެސް ގާޑަކު ނެތް. އެކަމަކު ސެކިއުރިޓީ ކެމެރާ ހުރޭ. އަދި އެލާމް ސިސްޓަމެއް ވެސް ހުރޭ،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ވައްކަން ކުރި އިރު އެލާމް އެޅިއަޑު ނީވޭ ކަމަށެވެ. އެކަމަކު އެ އެލާމް ސިސްޓަމަކީ ވަރަށް ވަރުގަދަ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"[ފަޅައިލި ފަހުން] އެލާމް ސިސްޓަމް ޓެސްޓު ކުރި އިރު ވަރަށް އަޑުގަދަ. މުޅި ރަށަށް އަޑު އިވުނު. އެހެންވެ ގައިމުވެސް އެލާމް ސިސްޓަމް ހަލާކެއް ނުވޭ ވައްކަން ކުރި ވަގުތަކު،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ވިލިނގިލީ ބްރާންޗް: ކުރިން ގާޑަކު ބަހައްޓައިގެން ސެކިއުރިޓީ ބެލެހެއްޓި ނަމަވެސް މިހާރު ސެކިއުރިޓީ މީހަކު ނުހުރޭ. --

ބީއެމްއެލް ވިލިނގިލީ ބްރާންޗް: ކުރިން ގާޑަކު ބަހައްޓައިގެން ސެކިއުރިޓީ ބެލެހެއްޓި ނަމަވެސް މިހާރު ސެކިއުރިޓީ މީހަކު ނުހުރޭ. --

ފުލުހުންގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުނެ، އެކަމާ ބެހޭ ގޮތުން ބީއެމްއެލުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ބޭންކު ފަޅައިލި މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގުގައި މިހާތަނަށް ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ވެސް ވަނީ ހޯދައިފަ އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން އެއްބައި ފެނުނީ ފަޅު ގެއެއްގައި ބަހައްޓާފައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިންނެވެ. އެ ގެއަކީ ވައްކަން ކުރި ބައެއް މީހުންނާ ގުޅުން ހުރި ގެއެއްކަން އެނގިފައިވެ އެވެ.

އެ މައްސަލައިގައި އެއް އާއިލާއެއްގެ ހަތަރު މީހަކު އަދި އެހެން އާއިލާއަކުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ. އަދި ސްރީ ލަންކާ މީހަކާއި ބަނގްލަދޭޝް މީހަކު ވެސް އެ މައްސަލައިގައި ހައްޔަރު ކޮށްފައިވެ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ސްރީ ލަންކާގެ ރައްޔިތަކީ ވޯކްޝޮޕެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ވައްކަމުގެ މައްސަލައިގައި އެ ވޯކްޝޮޕުގެ ވެރިޔާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.