21 ނޮވެމްބަރ 2018
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ މަގާމުގައި ކުރިން ހުންނެވި މަހްލޫފް، މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓަކާ ގުޅިގެން ދައުލަތުން އޭނާއާ ދެކޮޅަށް ކުރީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ޓުވީޓުގައި މަހްލޫފް ވިދާޅުވީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށެވެ. އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެ، އެކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން ނަންގަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Maafushi Jaluga gaidheen maruvaneekee noon,seedhaa maranee.Ekasheegenvaa faruvaa nudhee maraalanee. Ahareh therey 10 ghaidheen maruveema eyee serious massalaeh.Commissioner Shiyan adhi DOP Salman furihama zimmaanaganjehey. Alhugandu jaluga oiyiru mishakuvaa kurevunu adhahu neyge pic.twitter.com/0xpZ8jBoFd
— Ahmed Mahloof (@AhmedMahloof) January 20, 2018
މަހްލޫފް މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވި ޓުވީޓު.
އެ މައްސަލައިގެ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވިދާޅުވީ މަހްލޫފްގެ މައްޗަށް ކުށް ސާބިތުނުވީ ދައުލަތުން މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެއްކެއް ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އަޑުއެހުން ފެށުމުގެ ކުރިން ދައުލަތުން ވަނީ މަހްލޫފާ ދެކޮޅަށް ކުރި ދައުވާ އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ ދައުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ، ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވައިފަ އެވެ.
ނަމަވެސް، ގާޒީ ވިދާޅުވީ ޝަރީއަތުގެ މި މަރުހަލާއަކީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުމަކަށްވާތީ މަހްލޫފާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށެވެ. މީހަކާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާއެއް އަނބުރާ ގެންދެވޭނީ ޝަރީއަތްތައް ފެށުމުގެ ކުރިން ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.
ހުކުމްގައި ބުނީ މަހްލޫފް ކުރެއްވި ޓުވީޓަކީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ޝާމިލްވާ ގޮތަށް ދޮގު މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރެއްވި ޓުވީޓެއް ކަމަށް ދައުލަތުން ބުނި ކަމުގައިވިޔަސް، އެ ޓުވީޓަކީ ދައުލަތުގެ އިދާރާއަކަށް މައުލޫމާތު ފޯރުކޮށްދޭން ކުރި ޓުވީޓެއްކަން އެނގެން ނެތް ކަމަށެވެ. އަދި މަހްލޫފްގެ މައްޗަށް އުފުލި ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ދައުލަތުން މި މައްސަލަ ސާބިތު ކުރަން ހުށަހަޅާފައި ވަނީ މަހްލޫފް ކުރެއްވި ޓުވީޓުގެ އިތުރުން، މަހްލޫފް ފުލުހުންނަށް ދެއްވި ބަޔާނާއި ކަރެކްޝަނަލް ސާވިސްގެ ދެ ސިޓީއެކެވެ. ދޮގު މައުލޫމާތު ދިން އިދާރާތަކުގެ ތެރޭގައި ކަރެކްޝަނަލް ސާވިސް ހިމެނޭ ކަމަށް ދައުލަތުން ބުނާ އިރު، ކަރެކްޝަންސްގެ ސިޓީއެއްގައި ވަނީ އެކަމާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް މަހްލޫފް އެތަނަށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި މަހްލޫފްގެ ވަކީލު ނާޒިމް އަބްދުއްސައްތާރު ސަސްޕެންޑްކޮށްފައި ހުރުމުން، ކޯޓުގައި ދައުވާ އަށް ޖަވާބުދާރީވެވަޑައިގަތީ މަހްލޫފެވެ. އޭނާ ވަނީ މީގެ ކުރިން ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. މަހްލޫފް ކުރިން ވިދާޅުވީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް، ކުރެއްވި ޓުވީޓަކީ ހިތުގެ އުދާސްތަކެއް ކަމަށެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އޭނާ ކުރެއްވި ޓުވީޓަކީ ޖަލުގައި ގިނަ ބަޔަކު މަރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެކެވެ. މިއީ ވަކި ފަރާތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ކުރެއްވި ޓުވީޓެއް ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އާއި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޖަމްޝީދު ޑީމޯޓްކުރަން ނިންމާފައިވާ ކަމަށް ބުނެ މިދިޔަ އަހަރު މަހްލޫފް ކުރި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި، ހިނގާފައި ނުވާ ކަމެއްގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ ދެ ދައުވާ ކްރިމިނަލް ކޯޓުން މީގެ ކުރިން ބާތިލްކޮށްފައިވެ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.
ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ސާބިތުވި ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައީހެވެ.
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
މަހްލޫފްގެ ފަހު ބަސް: އިންސާފުވެރި ހުކުމެއް އިއްވައިދީ
ފާޅުކުރީ ހިތުގެ އުދާސް، ދައުވާއަށް އިންކާރު :މަހްލޫފް
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް
މަހްލޫފާ ދެކޮޅަށް އުފުލި ދައުވާ ހަމަނުޖެހޭ: ވަކީލުން
މަހްލޫފްގެ ބަންދަށް 13 ދުވަސް އިތުރު ކޮށްފި
މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަނީ
މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރެއް
މަހްލޫފަށް ފަރުވާ ނުދިނުމަކީ އަނިޔާއެއް: ނަޝީދު