03 ޖޫން 2018
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އިންސާފުވެރި ހުކުމެއް އިއްވައިދެއްވުމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގެ ގާޒީގެ އަރިހުން އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އިންސާފުވެރި ހުކުމެއް އިއްވައިދެއްވުމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގެ ގާޒީގެ އަރިހުން އެދިވަޑައިގެންފި އެވެ.
މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރަނީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ދައުލަތުން ހުށަހެޅި ހެއްކާ ބެހޭ ގޮތުން ބަހުސް ކުރުމެވެ.
Maafushi Jaluga gaidheen maruvaneekee noon,seedhaa maranee.Ekasheegenvaa faruvaa nudhee maraalanee. Ahareh therey 10 ghaidheen maruveema eyee serious massalaeh.Commissioner Shiyan adhi DOP Salman furihama zimmaanaganjehey. Alhugandu jaluga oiyiru mishakuvaa kurevunu adhahu neyge pic.twitter.com/0xpZ8jBoFd
— Ahmed Mahloof (@AhmedMahloof) January 20, 2018
މަހްލޫފް ކުރެއްވި ޓުވީޓު.
މަހްލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ގައިދީން ޖަލުގައި މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ބޭސް ފަރުވާ ނުދީ ސީދާ މަރަނީ ކަމަށެވެ. އެހެންވެ މިކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން އުފުއްލަވަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ. އަދި އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވި އިރު ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކުރެވުނު އަދަދު ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
މަހްލޫފްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅީ، މިދިޔަ ފެބްރުއަރީ 17 ގައި މަހްލޫފް ފުލުހުންނަށް ދެއްވި ތަހުގީގު ބަޔާނާއި ކަރެކްޝަނަލް ސާވިސްގެ ސިޓީތަކެވެ.
ވަކީލަކާ ނުލައި، ކޯޓުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އެ ގޮތަށް ޓުވީޓު ކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ޓުވީޓު ކުރުމަކީ މަނާ ކަމެއް ނޫން ކަމަށް ވިދާޅުވެ، "ފަހުން ވެސް ޓުވީޓު" ކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އޭނާ އެ ޓުވީޓު ކުރެއްވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާގޭ އަބްދުﷲ ރަޝީދު މަރުވުމާ ގުޅިގެންނެވެ. އަދި އަބްދުﷲ ރަޝީދު މަރުވި މައްސަލަ ފުލުހުންނާއި އެޗްއާރުސީއެމުން ތަހުގީގު ކުރަމުންދާ ކަން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް މިސާލަކަށް ކުށް ސާބިތުވެފައި ވަނިކޮށް، މަރުގެ މައްސަލައިގައި އިހުމާލުވާ ކަމަށް ކަނޑައަޅައިފި ނަމަ، ގެއްލުމުގެ ބަދަލު އަޅުގަނޑަށް ލިބިދޭނީ ކާކުތޯ؟" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ޖަލުތަކުގައި އަމަލު ކުރަމުން ގެންދާ ގޮތާ ގުޅިގެން އެކި ފަހަރު މަތިން ޓުވީޓު ކުރައްވާފައި ވާނެ އެވެ. އޭނާ ވިދާޅުވީ ޖަލުތަކުގައި އަމަލު ކުރަމުންދާ ގޮތް ޓުވީޓު ކުރައްވަނީ އަމިއްލަ އަށް އެކަން އިހްސާސް ކުރެވިފައި ހުރީމަ އާއި ރައްޔިތުން ދޭ މައުލޫމާތުން ކަމަށެވެ.
އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގައި ހުންނަވަނިކޮށް، ލޯ އިންފެކްޓުވެގެން ދުވަސްކޮޅަކުން ރަނގަޅުވެގެން ދިޔައިރު ވެސް، ލޮލަށް އަޅަން ބޭހެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ގައިދީންނަށް ބޭހަށް އެދޭތާ ތިން މަސް ފަހުން ވެސް ބޭސްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި މަހްލޫފް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަކީ ގާނޫނު ތަންފީޒުކުރާ ބަޔަކަށް ނުވެފައި، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަކީ ކޮބައިކަން ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރަން ޖެހޭނީ އެހެން ދައުވާއެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އެކަމަކު، ދައުލަތުގެ ވަކީލް ޝަކްރުﷲ ޝަކީލް ވިދާޅުވީ މަހްލޫފްގެ ޓުވީޓަކީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ޝާމިލްވާ ގޮތަށް ކުރެއްވި ޓުވީޓެއް ކަމަށެވެ. އަދި އެ ޓުވީޓުގެ މައުލޫމާތު ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނަށް ލިބުނު ކަމަށް ވެސް ޝަކްރުﷲ ވިދާޅުވި އެވެ.
މީގެ އިތުރުން، ޖަލުގައި ގައިދީން މަރުވަނީ ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަން ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކަރެކްޝަންސްގެ ސިޓީން މަހްލޫފްގެ ޓުވީޓުގައި ހުރި ވާހަކަތަކަކީ ދޮގު މައުލޫމާތުތަކެއް ކަން އެނގޭ އިރު، ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މައްސަލަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަޔާނުން މަހްލޫފް ޓުވީޓު ކުރިކަން އެނގެން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަކްރުﷲ ވިދާޅުވި ގޮތުގައި ޓުވީޓުގައި މުއައްސަސާއެއް ޓެގްކޮށްފައި ނެތަސް، މަހްލޫފް ކުރެއްވި ޓުވީޓަކީ އާންމު މައުލޫމާތެއް ދިނުން ކަމަށް ވާނެ އެވެ.
މަހްލޫފް ވިދާޅުވީ ކަރެކްޝަންސްގެ ސިޓީގައި މަހްލޫފް ކުރެއްވި ޓުވީޓަކީ ދޮގު މައުލޫމާތެއް ކަން އެނގެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ދޮގު މައުލޫމާތެއް ދީފައި ނުވާ ކަން އެނގެން އޮންނަ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ނިމުމުން ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އަދި އަޑުއެހުން އޮންނަ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި ދައުވާ މަހްލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މަހުލޫފްގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެ އެވެ. ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.
މަހްލޫފް ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
ފާޅުކުރީ ހިތުގެ އުދާސް، ދައުވާއަށް އިންކާރު :މަހްލޫފް
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް
މަހްލޫފާ ދެކޮޅަށް އުފުލި ދައުވާ ހަމަނުޖެހޭ: ވަކީލުން
މަހްލޫފްގެ ބަންދަށް 13 ދުވަސް އިތުރު ކޮށްފި
މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަނީ
މަހްލޫފަށް އިއްވި ދެވަނަ ހުކުމް ވެސް އިސްތިއުނާފަށް
މަހްލޫފްގެ ދެވަނަ ދައުވާގެ ހުކުމް ކުރުން މާދަމާ