23 އެޕްރީލް 2018
މާފުށީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އުސޫލާ ޚިލާފަށް ހުށަހަޅާފައިވާ "ހަމަނުޖެހޭ ދައުވާއެއް" ކަމަށް މަހްލޫފްގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އުސޫލާ ޚިލާފަށް ހުށަހަޅާފައިވާ "ހަމަނުޖެހޭ ދައުވާއެއް" ކަމަށް މަހްލޫފްގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ 20 ގައި ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާ މަހްލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އިބްތިދާއީ އަޑުއެހުމުގައި މަހްލޫފްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ދައުލަތުން ހުށަހެޅި ދައުވާ ފޯމުގައި ހުރި ބައެއް ލިޔުންތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މަހްލޫފް ނެރުއްވި ބަޔާން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެކަމުގެ ޝަކުވާ ގާޒީއާ ނާޒިމް ކުރެއްވި އެވެ.
ދައުލަތުގެ ވަކީލް ޝަކްރުﷲ ޝަކީލް ވިދާޅުވީ މަހްލޫފް ނެރުއްވި ބަޔާން ކްރިމިނަލް ކޯޓާ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި ކޯޓުން އިއުތިރާޒު ނުކުރާ ނަމަ، ލިޔުން ދިނަސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު، ފަހުން ދައުލަތުގެ ވަކީލް ވަނީ ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ބަޔާން ނުހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އެ ލިޔުން މަހްލޫފްގެ ވަކީލުންނާ ހިއްސާ ނުކުރެއްވީ، އެބޭފުޅުންގެ އަތުގައި ބަޔާން އޮވެދާނެ ކަމަށް ބަލައިފަ އެވެ. އެހެންވެ، އެ ލިޔުންތައް ދިފާއީ ވަކީލުންނަށް ލިބިވަޑައިގަންނަވަންދެން ގާޒީ އަލީ އާދަމް ވަނީ އިބްތިދާއީ އަޑުއެހުން މެދުކަނޑާލައްވައިފަ އެވެ.
މަހްލޫފްގެ ވަކީލް މުހައްމަދު ހައްސާން ވިދާޅުވީ ދައުލަތުން ކުރި ދައުވާ ސާފު ނުވާ ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒު ކުރާ އިދާރާ އަކީ ކޮބައިކަން ދައުވާ އިން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ދައުވާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް އުނދަގޫވާނެ ކަމަށް ވިދާޅުވި އެވެ.
ހައްސާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މަހްލޫފާ ދެކޮޅަށް ދައުވާ ކުރާއިރު، ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތަކެއް ހުންނާނެ ކަމަށެވެ. އެކަމަކު، އެ އިޖުރާއުތައް ދައުލަތުން ފުރިހަމަ ނުކުރާ ކަމަށް ވިދާޅުވެ، މިއީ ޖިނާއީ އިޖުރާއަތުގެ އުސޫލާ ހިލާފަށް އުފުލި ދައުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒު ކުރާ އިދާރާ އަކީ ކޮބައިކަމެއް ނޭނގޭ. ބައިވަރު ތަންތަން ހުރޭ ގާނޫނު ތަންފީޒު ކުރާ. އެހެންވެ، އެކަން ދައުވާ އިން ސާފެއް ނުވޭ،" ހައްސާން ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުގެ ވަކީލް ޝަކްރުﷲ ވިދާޅުވީ މަހްލޫފް ކުރެއްވި ޓުވީޓަކީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ޝާމިލްވާ ގޮތަށް ކުރެއްވި ޓުވީޓެއް ކަމަށެވެ. އަދި އެ ޓުވީޓުގެ މައުލޫމާތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ދައުލަތުގެ ވަކީލް ނެންގެވީ ފޯރަމްތަކުގައި ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް ފުލުހުންގެ އަމިއްލަ އިސް ނެގުމުގެ މަތިން ބަލަމުން އަންނަ މައްސަލަ އެވެ.
މަހްލޫފްގެ ވަކީލް ނާޒިމް ވިދާޅުވީ މަހްލޫފް ކުރެއްވި ޓުވީޓުގައި އޮތީ މައުލޫމާތު ދޭން ޖެހޭނެ ވާހަކަ ކަމަށާއި ޓުވީޓުގައި އެއްވެސް އިދާރާއެއް ޓެގް ކުރައްވާދައި ނުވާ ކަމަށެވެ. އެކަމަކު، ދައުލަތުގެ ވަކީލް ވިދާޅުވީ ޓެގް ކޮށްފައި ނެތުމަކީ އާންމުކޮށް ހުރިހާ އިދާރާތަކަށް ކުރެއްވި ޓުވީޓެއް ކަމަށެވެ.
ނަމަވެސް، ނާޒިމް ވިދާޅުވީ މަހްލޫފްގެ މައްޗަށް ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭގެ ބަދަލުގައި މަހްލޫފާ ދެކޮޅަށް ކުރަން ޖެހޭނީ އަބުރުގެ ދައުވާ ނޫނީ އެހެން ދައުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ދެއްކެވި ވާހަކަތައް ގާޒީ އަލީ އާދަމް އަޑުއެއްސެވުމަށް ފަހު، ދައުވާ ސާފުވެއްޖެތޯ މަހްލޫފްގެ އަރިހުން ތަކުރާރުކޮށް ގާޒީ ސުވާލު ކުރެއްވި އެވެ. އެކަމާ ގުޅިގެން މަހްލޫފް ތަކުރާރުކޮށް ވިދާޅުވީ މައްސަލަ ހުށަހަޅާފައި އޮތް ގޮތުން ދައުވާ ސާފު ނުވާ ކަމަށެވެ.
"އަޅުގަނޑު އެގޮތަށް ޓުވީޓު ކޮށްފައި ވާނެ. އެކަމަކު އަޅުގަނޑު ބިރުގަނޭ [ދައުވާ ސާފުވި ކަމަށް] އާނއެކޭ ބުނަން. އަޅުގަނޑުގެ ފަރާތުން ވާހަކަ ދައްކަވާނީ ވަކީލް،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފްގެ ވަކީލް ނާޒިމް ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު، މިއީ ހަމަޖެހޭ ދައުވާއެއް ނޫން ކަމަށެވެ. އަދި މިއީ ގާނޫނުލްއުގޫބާތުގެ ތެރެއަށް ނުފެތޭ ދައުވާއެއް ކަމަށާއި މި ދައުވާ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، ގާޒީ ވަނީ ދައުވާ ސާފުވިތޯ ދިފާއީ ވަކީލުންނާއި މަހްލޫފްގެ އަރިހުން އައްސަވައިފަ އެވެ. އަދި މަހްލޫފް ވަނީ "ދައުވާގައި އޮތް އެއްޗެއް ސާފު" ކަމަށް ވިދާޅުވެފަ އެވެ.
އެންމެ ފަހުން ގާޒީ އަލީ އާދަމް ވަނީ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅުއްވައިފަ އެވެ.
އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ މަހްލޫފާ ދެކޮޅަށް މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަހްލޫފް ފުލުހުންނަށް ދެއްވި ބަޔާނާއި އެ ބަޔާން ދެއްވި ދުވަހުގެ ވީޑިއޯ ރިކޯޑިން ހިމެނޭ ސީޑީއަކާއި ރަސްމީ ޓުވީޓާ އެކައުންޓުން ކުރެއްވި ޓުވީޓާއި ދޮގު ތުހުމަތެއްކަން ސާބިތުކުރަން ކަރެކްޝަނަލް ސާވިސްގެ ލިޔުމެއް ހިމެނެ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ 15 ގައި އޮންނާނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
މަހްލޫފް ކުރެއްވި ޓުވީޓުގައި ވަނީ ގައިދީން ޖަލުގައި މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ބޭސް ފަރުވާ ނުދީ ސީދާ މަރަނީ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މިކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން އުފުލަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ. އަދި އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވި އިރު ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކުރެވުނު އަދަދު ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
މަހުލޫފްގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ބުދަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.
މަހްލޫފް ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
މަހްލޫފްގެ ފަހު ބަސް: އިންސާފުވެރި ހުކުމެއް އިއްވައިދީ
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް
ފާޅުކުރީ ހިތުގެ އުދާސް، ދައުވާއަށް އިންކާރު :މަހްލޫފް
މަހްލޫފްގެ ބަންދަށް 13 ދުވަސް އިތުރު ކޮށްފި
މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަނީ
މަހްލޫފަށް އިއްވި ދެވަނަ ހުކުމް ވެސް އިސްތިއުނާފަށް
މަހްލޫފްގެ ދެވަނަ ދައުވާގެ ހުކުމް ކުރުން މާދަމާ