Roadha Mihaaru
ޓީވީއެމުން ވީޑިއޯތަކެއް ފޮހެލި މައްސަލަ ބަލަނީ

ޓީވީއެމުން ވީޑިއޯތަކެއް ފޮހެލި މައްސަލަ ފުލުހުން ބަލަނީ

19 ނޮވެމްބަރ 2018

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާ ޓީވީއެމްގެ އާކައިވްގައި ހުރި ވީޑިއޯތަކެއް ޑިލީޓްކޮށްލި މައްސަލައެއް ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާ ޓީވީއެމްގެ އާކައިވްގައި ހުރި ވީޑިއޯތަކެއް ޑިލީޓްކޮށްލި މައްސަލައެއް ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފި އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު އިކްރާމް ވިދާޅުވީ ޑިލީޓް ނުކުރަން އަންގާފައިވާ ވީޑިއޯތަކެއް ޑިލީޓްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ސީސީޓީވީ ވީޑިއޯ އާއި ސިސްޓަމަށް ލޮގިންވެފައިވާ މީހުން ބަލައި އެކަން ކުރި ބަޔަކު ދެނެގަނެވިއްޖެ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.

ތަނުގެ މުވައްޒަފުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރަމުން އަންނާތީ، އެކަން ކުރި ބައެއްގެ ނަން އޭނާ ވިދާޅެއް ނުވި އެވެ.

މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން މިއަދު ވަނީ ޕީއެސްއެމަށް ގޮސްފަ އެވެ. ހެނދުނު 9:00 ހާއިރު އެތަނުގެ ނިއުސް ރޫމަށް ވަން ފުލުހުން އެތަނުން ދިޔައީ 2:30 އެހާއިރު އެވެ. ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

އިކްރާމް ވިދާޅުވީ ގެއްލުނު ވީޑިއޯތަކުގެ ތަފްސީލް އަދި ނޭނގޭ ކަމަށެވެ. އެކަން ބަލައި ވީޑިއޯތައް ރިކަވާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާ މުހިންމު ވީޑިއޯތަކެއް ނޫން. މާކުރީގެ ވީޑިއޯތަކެއް ވެސް ނޫން. 2018 ގެ ވީޑިއޯތަކެއް. އެކަމަކު އެއީ ޑިލީޓް ނުކުރަން އަންގާފައިވާ ވީޑިއޯތަކެއް. އެކަން ކުރުމުން ޓޮޕް މެނޭޖްމަންޓުގެ އެންގުމަކަށް ފުލުހުން ވަޑައިގަތީ. ތަހުގީގު އެބަ ކުރިއަށް ދޭ،" އިކްރާމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޓީވީއެމްގެ ނިއުސް ރޫމްގެ ސާވާއަށް ވަދެ ޑިލީޓް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ފަހުން ނަގާފައިވާ ވީޑިއޯތަކާއި ސަރުކާރު ބަދަލުވި ފަހުން ނަގާފައިވާ ވީޑިއޯތަކެކެވެ. ޑިލީޓް ކުރުމުގެ އިތުރުން އެ ވީޑިއޯތައް ހުރި ހާޑް ވެސް ވަނީ ފޯމެޓްކޮށްފަ އެވެ.

މީގެ ކުރިން ޓީވީއެމްގެ ޚަބަރަށް ނަގާ ވީޑިއޯތަކުގެ އެކްސެސް ލިބެނީ އެ ނިއުސްރޫމުގެ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެ އުސޫލަށް ބަދަލު ގެނެސް ރައީސްއަށް ހާއްސަ ކެމެރާމަނަށް ވީޑިއޯތަކަށް އެކްސެސްވާ ގޮތް ހަދާފައިވާކަން ވަނީ އެނގިފަ އެވެ.

ޕީއެސްއެމްގެ ގާނޫނު ބުނާގޮތުން ރާއްޖޭގައި ހިނގާ ކަންކަން ވީޑިއޯކޮށް އެތަކެތި އާކައިވް ކުރަންޖެހެ އެވެ. އާކައިވްކޮށްފައިވާ ވީޑިއޯތައް ޑިލީޓް ކުރުމުގެ ބާރު ލިބިފައިވަނީ އެތަނުގެ ވެރިންގެ ތެރެއިން ވެސް މަދު ބަޔަކަށެވެ.