Roadha Mihaaru
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

18 ނޮވެމްބަރ 2018

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމުގެ މަގާމެއް ހުސްވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމުގެ މަގާމެއް ހުސްވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ކުރި އިއުލާނުގައިވާ ގޮތުން ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ މަގާމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައި ވުމާއި އިސްލާމް ދީނުގައިި ހައްދު ކަނޑައެޅިފައިވާ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސާބިތުވެފައި ނެތުމެވެ. އަދި އިންތިޚާބީ މަގާމެއް އަދާ ކުރަމުން ނުދިއުމާއި އެހެން ވަޒީފާއެއް އަދާ ކުރަމުން ނުދިއުމަކީ ވެސް އެ މަގާމުގެ ޝަރުތެކެވެ.

މީގެ އިތުރުން ފުރަތަމަ ޑިގްރީއަކާ އެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖްރިބާ ހުރުމަކީ ވެސް ޝަރުތެކެވެ.

ފަސް އަހަރުގެ މުއްދަތަކަށް އައްޔަން ކުރާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުން ހުޅުވައިލީ ސީއެސްސީގެ މެމްބަރަކަށް މިހާރު ހުންނެވީ ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މުއްދަތު މި މަހު ފަހުކޮޅު ހަމަވާތީ އެވެ.

އެހެން މިނިވަން މުއައްސަސާތަކާ ތަފާތުކޮށް، ސީއެސްސީ އަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ރައީސްގެ ދައުރެއް ނޯވެ އެވެ. ސީއެސްސީ އަށް އައްޔަން ކުރާނެ ބޭފުޅަކު މަޖިލީހުން ކަނޑައެޅުމުން ރައީސްގެ ދައުރަކީ މަގާމުގެ ފަތްކޮޅު އެރުވުން އެކަންޏެވެ.