Roadha Mihaaru
ނިޒާމުގެ ސުވާލުކުރުމުން ނަޝީދަށް ރާއްޖެޓީވީ ގޯސްވެއްޖެ!

ނިޒާމުގެ ސުވާލު ކުރުމުން ނަޝީދަށް ރާއްޖެ ޓީވީ ގޯސްވެއްޖެ!

18 ނޮވެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބަރުލަމާނީ ނިޒާމް، ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާނަންތޯ ރާއްޖެ ޓީވީން ސުވާލުކުރުމުން، އެމަނިކުފާނަށް އެ ސްޓޭޝަން ގޯސްވެ، ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބަރުލަމާނީ ނިޒާމް، ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާނަންތޯ ރާއްޖެ ޓީވީން ސުވާލުކުރުމުން، އެމަނިކުފާނަށް އެ ސްޓޭޝަން ގޯސްވެ، ފާޑުވިދާޅުވެއްޖެ އެވެ.

މިއީ، ފެބުރުއަރީ 7، 2012 ގައި ރައީސް ކަމުން އިސްތިއުފާ ދެއްވި ފަހުން، އެމަނިކުފާނުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރި ރާއްޖެ ޓީވީ އަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ނަޝީދު ވަނީ ރާއްޖެ ޓީވީން ކުރާ މަސައްކަތް ފާހަގަކުރައްވައި، ހިތްވަރު ވެސް ދެއްވައިފަ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގެ ތެރެއިން ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަފުޅު ދެއްކެވި އެވެ. ބައެއް ތާރީޚީ ކަންކަން ވެސް ވިދާޅުވެ ދެއްވި އެވެ. އެކަމަކު ސީދާ ޖަވާބެއް ނުދެއްވުމުން، ސުވާލު ތަކުރާރު ކުރުމުން ވިދާޅުވީ "ތިބޭފުޅުން [ރާއްޖެ ޓީވީން] ބޭނުން ވަނީ ސެންސޭޝަން ކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖެ ޓީވީގެ ބޭނުމަކީ ޚިޔާލު ތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުން ކަން. އެހެން ނަމަވެސް ގަބޫލުކުރައްވާ، ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ އަތް ވެސް ނުގުޑާނެ،" ނަޝީދު ވިދާޅުވި އެވެ.

އަތް ނުގުޑާނެ ކަމަށް ވިދާޅުވެ ދެ އިނގިލިން އިޝާރާތް ކުރައްވައި ވިދާޅުވީ، މަގާމުގެ ހުވާ އިއްޔެ ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ތިއްބަވާނީ އެކުގައި، ބަދަހިގުޅުމެއްގެ މަތީގައި ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށް ކަން. އަދި ތިބޭފުޅުން ދެކަވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނަން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ ޓީވީ އަށް ފާޑުވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިނިވަން މީޑިއާ އަށް ކުރިމަތިކުރުވި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލައި، މިނިވަން ނޫސްވެރިކަމަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ކޯލިޝަން ސަރުކާރުގެ ވައުދެކެވެ.