Roadha Mihaaru
ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

14 އޯގަސްޓް 2022

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ރައީސް، ނަޝީދު މާދަމާ ހެނދުނު 11 ޖަހާއިރު، ޕާޓީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަމިއްލަ އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ނަޝީދު ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފަ އެވެ.

ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމެވިއިރު، އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މި ފަހަރު އިނގިރޭސި ވިލާތުގައި ހުންނެވިއިރު ނަޝީދު ވަނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ބަންދުކުރުމުން ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސީރިއަސް ތުހުމަތެއް ވެސް ކުރައްވައިފަ އެވެ.

އެ މައްސަލައިގައި ކޯފާވެ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސްގެ ބަރަހަނާ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. އެ ފޮޓޯތައް އާންމު ކުރައްވަންވީތޯ ސުވާލު ވެސް ކުރެއްވި އެވެ. އަދި ފަހުން ވިދާޅުވީ އެ ފޮޓޯތައް ހުރި ފޯން މީހަކު ފޭރިގެންފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ފަހުން ވަނީ ދީފަ އެވެ.

ނަޝީދުގެ ފޯން ފޭރިގަތީ އެ މަނިކުފާނުގެ ދަރިކަނބަލުންނާ އެކު އިނގިރޭސި ވިލާތުގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުވަން އިންނަވަނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.