12 އޯގަސްޓް 2021
ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ބިޔަ މެޖޯރިޓީއެއް ހޯދި އެމްޑީޕީގެ ތެރެއިން ދެ ރައީސުންގެ ދެ ފެކްޝަން އުފެދުމާއި އާންމުންނާ ހަމަޔަށް ތިލަވެގެން އައި ގޮތަށެވެ.
ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ބިޔަ މެޖޯރިޓީއެއް ހޯދި އެމްޑީޕީގެ ތެރެއިން ދެ ރައީސުންގެ ދެ ފެކްޝަން އުފެދުމާއި އާންމުންނާ ހަމަޔަށް ތިލަވެގެން އައި ގޮތަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް މެންބަރުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕާއި ގައުމީ މަޖިލީހުގައި ސަރުކާރުގެ ބައެއް ކަންކަމާ ސީދާ ދެކޮޅު ހަދަމުން ގެންދިޔަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވާދަ ކުރައްވާނެ ކަމަށް ނަޝީދު އިއުލާން ކުރައްވައި، އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ސިޔާސީ ގޮތުން ނުކުންނަވައި، އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަން ހެދުމާ ދިމާލަށް މިސްރާބު ޖެއްސެވި އެވެ،
އެކަމަކު މި ހުރިހާ ވާހަކަތަކެއް ރައްދުވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް ހުންނެވީ ހަނު އެވެ. ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، ރައީސްގެ އެ ހިމޭންކަމުގެ ފަހަތުގައި ވެސް އޮތީ ސިޔާސީ ވަރުގަދަ ގޭމެއް ކަމަށެވެ. ހަގީގަތުގައި ވެސް، އެއްޗެކޭ ވިދާޅު ނުވެ ހުންނަވައި، ސިޔާސީ އަދި ޕާޓީގެ ތެރެއިން ވަރަށް ގިނަ ސިޔާސީ މަސައްކަތްޕުޅުތަކެއް ކުރައްވައިފިކަން، އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން އެނގުނެވެ. އެ މަނިކުފާނު ނޫސްވެރިންނާ ހަމައަށް ތިލަކޮށްދެއްވީ އެ ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާ އެވެ. ނަޝީދު ފާޅުގައި ރައީސާ ދެކޮޅަށް ނުކުންނަވައި ޓުވީޓުތަކުންނާއި އެމްޑީޕީގެ އެކި ގުރޫޕްތަކުގައި ސިޔާސީ ގޮތުން ދެއްކެވި ދެކޮޅުވެރި ވާހަކަތަކަށް ރައީސް އިއްޔެ ރައްދު ދެއްވީ އެ މަނިކުފާނުގެ "ބާރުވެރިކަން" އޮތްކަން އެންމެ އާދައިގެ މީހާ އަށް ވެސް ފަހުމުވާ ބީދައިންނެވެ.
ނޫސްވެރިންގެ އެހެން ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ މައްސަލަތަކާއި ސިޔާސީ ޒާތީ މައްސަލަތަކާ ބެހޭ ގޮތުން ސުވާލުކުރިޔަސް، ރައީސް ޖަވާބު ދެއްވަމުން އައީ ވަރަށް ޑިޕްލޮމެޓިކްކޮށެވެ. ނަމަވެސް، އިއްޔެ ނޫސްވެރިންގެ ބައްދަލުވުން ފެށިގެން އައިއިރު ވެސް، "ރައީސް ވަރަށް ގިނަ ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވެފައި ހުރިހެން" ހީވި އެވެ. -- ހަގީގަތުގައި ވެސް އެއީ ތެދެކެވެ.
ރައީސް އިއްޔެ ވާހަކަފުޅު ދެއްކެވީ އިތުބާރާއި ޔަގީންކަމާ އެކު އެވެ. މީގެ ކުރިން ދުވަހަކު ވެސް ނުދައްކަވާ ގޮތަށް، އިތުބާރާ އެކު އިއްޔެ ފުރަތަމަ ފަހަރަށް ސިޔާސީ ވާހަކަފުޅު ދެއްކެވި އެވެ. މުޅި ސިޔާސީ މަސްރަހު ކުރަހައި ލެއްވީ އެމަނިކުފާނުގެ "އަތްޕުޅުގައި" ފުރިހަމަ ބާރާއި ކޮންޓްރޯލުގެ ދަށުގައި އޮތް މަންޒަރެކެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ކާމިޔާބު ކޮށްފައިވީ ނަމަވެސް ރައީސް އިއްޔެ ވަނީ އޭގެ ތެރެއިން ވެސް އެ މަނިކުފާނަށް ހޯއްދަވަން ޖެހުނު މެޖޯރިޓީއަކަށް އިޝާރާތް ކުރައްވައި ވަރަށް ތަފާތު ރާގަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން 2008 ގައި ނަޝީދަށް ދިމާވި އުނދަގޫ ހާލަތާއި 2013 ގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވެސް ކުރިމަތިލާން ޖެހުނު އުނދަގޫތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އެކަން ތަހަންމަލު ކުރަން އެ މަނިކުފާނު ބޭނުންފުޅެއް ނުވެ އެވެ.
ޕޯޑިއަމްގައި ޖައްސަވައި، ވަރަށް ޖޯޝުގައި އަދި ޔަގީންކަމާ އެކު ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު މި ވަގުތު ހުންނެވީ އެ މެޖޯރިޓީ ހޯއްދަވައިގެންނެވެ. މިއީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ގިނަ މެންބަރުން ތިއްބެވީ އެ މަނިކުފާނާއި ސަރުކާރާ އެކު ކަން ހާމަކުރައްވައި ރައީސް ކުރެއްވި ވަރުގަދަ އިއުލާނެކެވެ. މީގެ ކުރިން ދުވަހަކު ވެސް މިހާ ކަށަވަރުކަމާއެކު، މަޖިލީހުގެ މެޖޯރިޓިއާ ގުޅޭ ގޮތުން އެ މަނިކުފާނު ވާހަކަފުޅެއް ވެސް ނުދައްކަވަ އެވެ.
"އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާ އެކުގައި. އެހެންވީމަ ސަރުކާރުން ދޭ ހިދުމަތްތައް އޮމާންކަމާ އެކު ފޯރުކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދާއި އެހެން ބައެއް ބޭފުޅުން ވޯޓު ދެއްވަނީ.-- ފައިލް ފޮޓޯ: މިހާރު
އެމްޑީޕީގެ އެންމެ ވަރުގަދަ އެއް ގުނަވަން ކަމަށްވާ، ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ފަރާތުން ވެސް ފެނުނީ ނަޝީދު ހުށަހެޅުއްވި ގަރާރަށް ފާޅުގައި ނޫނެކޭ ނުބުނި ނަމަވެސް، ރައީސްގެ ހިޔާލާ ދެކޮޅަށް މަސައްކަތް ކުރަން ބޭނުން ނުވާ މަންޒަރު ކަމަށް ދޭހަވާ ގޮތަށް ރައީސް ވާހަކަ ދެއްކެވި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ގިނަ ބަޔަކު ހައްޔަރު ކުރުމަކީ އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމީ މަޖިލީހުގެ މަދު މެންބަރުންތަކެއް އެގޮތަށް ފާސް ކުރެއްވި ގަރާރަށް "އަޅައި ނުލެއްވީ" އެހެން ގިނަ މެންބަރުން ވެސް އެގޮތް ބޭނުން ނުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އެކަންޏެއް ނޫނެވެ. މިހާރުގެ ސިޔާސީ މަސްރަހު ދައްކާ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހާއި އެހެނިހެން ގުނަވަންތަކުގެ ކޮންޓްރޯލް ވެސް އޮތީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ކުރިން ނަޝީދު ވަރަށް ފަސޭހައިން ބޮޑު އަޣުލަބިއްޔަތަކާއެކު ގަރާރާއި އެހެނިހެން ކަންކަން އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ފާސްކުރަމުން އައި ގައުމީ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާތަކުން ފެންނަމުން ދަނީ އެ އާރާއިބާރު ނަޝީދަށް ގެއްލިފައިވާ ތަނެވެ. ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް އެ މެޖޯރިޓީން މިއަދު ކަންކަން ނިމިގެން ނުދިއުމުގެ މާނައަަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމީ މަޖިލީހުން ވެސް ކުރި ހޯއްދަވަމުން ގެންދަވާ ކަމެވެ.
ކުއްލި ހާލަތު އިއުލާން ކުރަން ރައީސަށް ފިއްތުންތައް ކުރިމަތިކުރަން ނަޝީދު ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް އެހާ މަދު ވޯޓެއް ލިބި، މާ ބޮޑު ޝައުގުވެރިކަމެއް ނެތް އެއްޗަކަށް ބަދަލުވީ އެހެންވެ ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން އެމްޑީޕީން އުފައްދާފައިވާ ކޮމިޓީ އަށް ލިބިފައިވާ ފަހުގެ މައުލޫމާތު ގައުމީ މަޖިލީހާ ހިއްސާ ކުރަން ރޭ ބޭއްވި ބައްދަލުވުން ނިންމައިލަން ވެސް ޖެހުނީ ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވުމުންނެވެ. ނަޝީދާ ގުޅޭ އެހާ މުހިންމު ކަމަކާ ގުޅޭ ބައްދަލުވުމުގައި ކިރިޔާ ކޯރަމް ހަމަވީ އެވެ. ވޯޓަށް އަހާނެ ވަރަށް މެމްބަރުންނެއް ބައިވެރިއެއް ނުވި އެވެ.
ރައީސްގެ ސިޔާސީ ހަޔާތްޕުޅުގައި ކުރެއްވި މުހިންމު މަސައްކަތްތަކާއި އެމްޑީޕީގައި އެ މަނިކުފާނުގެ ހައިސިއްޔަތާ ގުޅޭ ގޮތުން ވަރަށް ތަފްސީލަށް ވަޑައިގެންނެވި އެވެ؛
"އެމްޑީޕީ އުފެއްދުމަށް ސޮއި ކުރި ފުރަތަމަ 40 މީހުންގެ ތެރޭގައި ދެވަނަ އަށް ސޮއި ކުރީ އަޅުގަނޑު. އޭގެ ކުރިން އުފައްދަން އުޅުނު ޕާޓީގައި 42 މީހުން ސޮއި ކުރި ލިސްޓުގައި ވެސް އަޅުގަނޑުގެ ނަން އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއެއް އުފައްދަން މަޖިލީހުގައި ވޯޓު ދިން ތިން މެންބަރުންގެ ތެރޭގައި ވެސް އަޅުގަނޑު ހިމެނޭނެ. އަޅުގަނޑުގެ ސިޔާސީ މަސައްކަތް ފެށިގެން އައީ އެމްޑީޕީގައި. އަދި ދެމިހުންނާނީ ވެސް އެމްޑީޕީގައި."
ރައީސް އެ ވާހަކަފުޅު އެ ގޮތަށް ދައްކަވަން ޖެހިވަޑައިގަތީ، މާ ބޮޑަށް ކޯލިޝަންގެ އެހެން ޕާޓީތަކާ ކައިރިވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ބައެއް ސީނިއާ މެމްބަރުން ކުރައްވާ ތުހުމަތުތަކާ ގުޅިގެންނެވެ. އޭގެ ޖަވާބު ވެސް އެ މަނިކުފާނު ދެއްވީ މާޒީގައި އެމްޑީޕީއަށްޓަކައި ވެވައިޑައިގެންނެވި ގުރުބާނީތަކުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ގުޅުމަކީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމަށް އަދި އެ ދެ ޕާޓީ އަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސިޔާސީ މަސައްކަތް އެކުގައި ކޮށްފި ނަމަ ޕާޓީ ސިސްޓަމް ގެއްލިދާނެ ކަމުގެ ބިރުއޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކީ މަލްޓި ޕާޓީ ނިޒާމަށް ތާއީދުކުރާ މީހެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ހެދުމަކީ މަލްޓި ޕާޓީ ނިޒާމަށް ހުރި އެންމެ ރަނގަޅު ގޮތް ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިން އަށް ފަހު ރައީސް އެނބުރި ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި މަލްޓި ޕާޓީ ނިޒާމެއް އުފެދިގެން މިހާ ހިސާބަށް އައިއިރު ވެސް ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަމެއް ނުދެ އެވެ. އަދި އެމަނިކުފާނު ވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ކަމާއި އެ ކޯލިޝަން ހުރިހާ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ އަބަދުވެސް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަޝީދު [މިކަމާ] ހިޔާލު ތަފާތުވޭ. ނަމަވެސް ސަރުކާރު ހިންގަން ހުރި މީހާ އަދި ރާއްޖޭގައި ވެރިކަން ކުރާ މީހާގެ ހައިސިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަން ޖެހޭނީ ވަށައިގެން ހުރި ހުރިހާ ކަމަކާއި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގާނޫނުއަސާސީން އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު އަދިވެސް ނުގެއްލޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް 2023 އަށް ކުރިމަތިލައްވަން ޝައުގުވެރިކަން ހުރިތޯ ނުވަތަ ނޫންތޯ ވިދާޅެއް ނުވެ އެވެ.
"ކުރީ ދުވަހު ވެސް އަޅުގަނޑު ދެންނެވި ފަދައިން މިހާރުގެ އަމާޒަކީ ވައުދުތައް ފުއްދުން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރު އެމްޑީގައި ގަދަވަމުން އަންނަކަން ކިތަންމެ ރަނގަޅަށް ވެސް ސާފުވަމުން އެބަދެ އެވެ. ނަޝީދު އަޅުއްވާ ކޮންމެ ފިޔަވަޅަކުން ފެންނަނީ ރައީސްގެ ބާރުގަދަވާ ތަނެވެ. މި ހުރިހާ ކަމެއް ގޮސް ހުއްޓެނީ 2023 ގެ ރިޔާސީ އިންތިހާބާ އެވެ. ރައީސްގެ މިހާރުގެ އަމާޒަކީ މި ފަސް އަހަރަށް އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދުން ކަމަށް ވިދާޅުވިޔަސް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ސާފު ޖަވާބެއް ނުދެއްވައި އަދިވެސް ހިފަހައްޓައިގެން ހުންނެވުމަކީ ސިޔާސީ ގޮތުން ދެއްވޭ މެސެޖެއް ކަމަށް ބެލެވެ އެވެ. އެކަން ހާމަކުރައްވަން ވާއިރަށް އެމްޑީޕީގެ ބާރުވެރިކަމާއި ޔަގީންކަން ހޯއްދަވަނީ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ.
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
އަމްރުގެ އިންޓަވިއު ކެންސަލެއް ނުކުރޭ، ރީޝެޑިއުލްކުރީ
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
އަރައިރުމާ ހެދި ޓެކްސް އިސްލާހު ފާހެއް ނުކުރި
އެމްޑީޕީގައި އޮތީ ރިޔާސީ ޓިކެޓް ހޯދުމުގެ ހަނގުރާމަ؟
އެމްޑީޕީގައި ދެ ފެކްޝަން އޮތް ކަމުގެ އިޝާރާތެއް؟