Roadha Mihaaru
އިބޫގެ ވެރިކަމުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް

އިބޫގެ ވެރިކަމުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދެނީ

13 ނޮވެމްބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް އަންނަ އަހަރު 50 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެކަމަކު، ނާސްތާ ދޭން ފަށާނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް 264 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާއެއް ދިނުމަކީ އިބޫގެ ރިޔާސީ ވައުދެކެވެ.

މިދިޔަ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިބޫ ވައުދުވެވަޑައިގެންނެވީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ކިރާއި ދޮންކެޔޮ ފޯރުކޮށްދޭނެ ކަމަަށެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގެ ކިރުތައްޓަކާއި ދޮންކެޔޮވަކެއް ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ތިން ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަރަންޓު ހަރަދަށް، އަދި 360 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.

ތައުލީމީ ދާއިރާ އަށް ކުރާ ހަރަދުގެ ތެރެއިން 20 އިންސައްތައަކީ ހިންގުމުގެ ހަރަދު އަދި 11 އިންސައްތައަކީ ސްކޮލަޝިޕާއި ތަމްރީން ކުރުމުގެ ހަރަދެވެ.

ތައުލީމީ ދާއިރާ އިން ކުރާ ހަރަދުގެ ތެރެއިން ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއަށް 86 މިލިިއަން ރުފިޔާ، މެޑިކަލް ސްކޫލް ގާއިމު ކުރުމަށް 39 މިލިއަން ރުފިޔާ، ރަށްރަށުގައި ގާއިމުކޮށްފައިވާ ސްކޫލްތަކުގެ ކްލާސްރޫމްތަކާއި ވަސީލަތްތައް އިތުރުކޮށް ހިދުމަތް ފުޅާ ކުރަން 84 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.