Roadha Mihaaru
އިސްލާމީ އަގީދާ ލާޒިމުވާ ތައުލީމުގެ ބިލް ތަސްދީގުކޮށްފި

އިސްލާމީ އަގީދާ އާއި ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާ ތައުލީމުގެ ބިލް ތަސްދީގުކުރައްވައިފި

10 ނޮވެމްބަރ 2020

ހުރިހާ ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާ އަދި ތައުލީމީ ދާއިރާ މުހިންމު ބަދަލުތަކެއް އަންނާނެ ތައުލީމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުރިހާ ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާ އަދި ތައުލީމީ ދާއިރާ މުހިންމު ބަދަލުތަކެއް އަންނާނެ ތައުލީމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މި ގާނޫނުގެ ދަށުން ތައުލީމީ ދާއިރާއާ ގުޅޭ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ.

އެ ގާނޫނުގައި ބުނާގޮތުން ރާއްޖޭގައި ޕްރީ ސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ އެވެ. އޭގެ އިތުރުން ކޮންމެ ކުއްޖަކު ވެސް 18 އަހަރުވަންދެން ތައުލީމް ނުވަތަ ހުނަރު ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާކަން ކަށަވަރުކުރަންޖެހެ އެވެ.

ދިވެހި ދަރިވަރުންނެކޭ އެއްގޮތަށް ބޭރުގެ ދަރިވަރުންނަށް ވެސް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔެވުމުގެ ހައްގު ލިބެ އެވެ. ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީ ދަރިވަރުންނަށް ވެސް ހިލޭ ކިޔަވައިދެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި ގާނޫނުން، އެންމެ ބޮޑު އެއް ބަދަލެއް އަންނާނެ ބަޔަކީ ޓީޗަރުންނެވެ. ރާއްޖޭގައި މިހާތަނަށް ކިޔަވައިދެމުން އައީ ޓީޗަރުންނަށް ވަކި ހާއްސަ ލައިސަންސެއް ނެތި އެވެ. ނަމަވެސް މިއަދު ތަސްދީގުކުރެއްވި ގާނޫނާއެކު ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން އެ ނޫން ވެސް ތަނެއްގައި ކިޔަވައިދޭ ނަމަ އެ މީހަކު ރަޖިސްޓްރީކުރުން މަޖުބޫރުވާނެ އެވެ.

ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަވަންޖެހެ އެވެ. އެ ބޯޑުގެ ރިއާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާ އެވެ. އެ ރަޖިސްޓްރާ އަކީ، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެ އެވެ.

ރަޖިސްޓްރާގެ އިތުރުން ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، އެޑިއުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި ތައުލީމީ މަންހަޖު އެކުލަވަލައިލުމުގެ ދާއިރާގެ ފަރާތަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ މީހެކެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.

ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެކެވެ. ޕްރީސްކޫލު ތައުލީމުން ފެށިގެން ގްރޭޑު 10 އާ ހަމައަށް ދިވެހި ދަރިވަރުންނަށް އެ ތައުލީމު ހިލޭ ފޯރުކޮށްދޭން ޖެހޭއިރު ޝަރުތު ހަމަވާ ދަރިވަރުންނަށް އޭ ލެވެލް އަށް ވެސް ސަރުކާރުން ހިލޭ ކިޔަވައިދޭންޖެހެ އެވެ.

މަޖުބޫރު ތައުލީމް ލިބެންޖެހޭ އުމުރުގައި ވަޒީފާއަށް ފޮނުވައިގެން ނުވާނެ އެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފުނުވާ ގޮތަށް ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ހޯދުމަށް ބެލެނިވެރިޔާގެ ހުއްދައާއެކު ކުއްޖާގެ އުމުރާ ގުޅޭ ވަޒީފާއަކަށް ދިއުމަށް ހުރަހެއް ނޯންނާނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވިޔަސް އަދި އެނޫން ގޮތަކަށް ވިއަސް އެއްވެސް ކުއްޖަކަށް ރަހުމް ކުޑަ އަދަބެއް ދިނުން ގާނޫނުން މަނަލެވެ. އަދި ސްކޫލުގެ ބެލުމުގެ ދަށުގައި ވަނިކޮށް، އެހެން ފަރާތަކުން އެފަދަ އަނިޔާއެއް ކުރުމަށް ފުރުސަތު ދީގެން ވެސް ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަކީ ވެސް ތައުލީމުގެ ގާނޫނުގެ އެއް ބޭނުމެވެ. އެގޮތުން ސްކޫލްތަކާއި ކިޔަވައިދޭ އެނޫން ވެސް ތަންތަނުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންޖެހެ އެވެ. އެ ނިޒާމުގައި ސްކޫލްތަކާއި ކިޔަވައިދޭ ތަންތަން، ގަވައިދުން ބަލައި ފާސްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންޖެހެ އެވެ.

ސަރުކާރުގެ ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެހެން ތަންތަން ހިންގަންވާނީ، ތައުލީމީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. އޭގެ ތެރޭގައި ބޭބީ ނާސަރީއާއި ނާސަރީ، ޓިއުޝަން ދޭ ތަންތަން އަދި ގުރުއާން ކްލާސްތައް ހިިމެނެ އެވެ،

މި ގާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހެއްގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.