Roadha Mihaaru
"ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ރަނގަޅު ޓީޗަރުން"

ގައުމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުން: ރައީސް

05 އޮކްޓޯބަރ 2022

ގައުމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ އިންސާނީ މުޖުތަމައުއަށް އަންނަ ކޮންމެ ބަދަލެއް ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ ތައުލީމީ ދާއިރާއަށް ކަމަށެވެ.

އެ މުޖުތަމައު ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކު ވެސް މަސައްކަތް ފަށަނީ ތައުލީމީ ދާއިރާއިން ކަމަށާއި އެއީ ސްކޫލް މަދަރުސާތަކާއި ކޮލެޖު/ޔުނިވާސިޓީތަކަކީ ދަރިން ތަރުބިއްޔަތުކޮށް އިލްމީ އަލިކަމުގެ ތެރެއަށް ނެރެދޭ އަދި މުޖުތަމައުއަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެންމެ މުހިއްމު ދައުރު އަދާކުރާ ތަންތަނަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ބަދަލުތައް ގެނައުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައީސް ވިދާޅުވި ގޮތުގައި، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހަރަކާތެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހަރަކާތެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއަދުގެ ތައުލީމީ ވައްޓަފާޅިއަކީ ހަމައެކަނި ފިލާވަޅު ނަގައިދިނުމާއި ފިލާވަޅު ދަސްކުރުމެއް ނޫނެވެ. މިއަދުގެ ތައުލީމީ މަންހަޖުގެ އަމާޒަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރުތަކާއި ގާބިލްކަން ފާހަގަކޮށް އެ ހުނަރުތަކާއި އެ ގާބިލްކަން އެ ކުދިންގެ ކިބައިގައި އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކޮށްދިނުމެވެ. އެކަމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް މުދައްރިސުންނާއި ޓީޗަރުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ." ރައީސް ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މި އެވެ.

ރައީސް ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވެ، ކުރިއަރަމުން އަންނަނީ ހީ ވެސް ނުކުރާހާ ހަލުއި މިނެއްގައި ކަމަށެވެ.

އެ ހަލުއި ބަދަލުތަކާ އެކު ހުރިހާ ދާއިރާއަކުން ވެސް ދުނިޔެ މި ވަންނަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަމަށްވާތީ، ތައުލީމީ ދާއިރާގެ އަމާޒަކަށް ވާންވީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއް ހަމައެއްގައި ގައުމު ތަރައްގީކޮށް ކުރިއެރުވޭ ވަރުގެ ތައުލީމީ ދަރިންތަކެއް އުފެއްދުމަށެވެ.

ޓީޗަރުންގެ ދުވަހެއް ފާހަގަކުރާއިރު، ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުން ނޫންކަން ހަނދާންކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ކޮންމެ ޓީޗަރަކު ވެސް އެ ކުރަނީ އަގު ވަޒަންކުރެވޭ ވަރަށްވުރެ، މާތް އަދި ވަރަށް މަތިވެރި ގައުމީ ވާޖިބެކެވެ.

އެކަމަށްޓަކައި، ރައީސް ވަނީ ޓީޗަރުންނާއި ތައުލީމީ ދާއިރާ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.