Roadha Mihaaru
ދުސްތޫރުން މަނާ، ގާނޫނުން ހުއްދަ

ދުސްތޫރުން މަނާ، ގާނޫނުން ހުއްދަ

16 އޯގަސްޓް 2016

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި، ހަމަ އެންމެ މީހަކަށް ނިސްބަތްކޮށް ހަދާފައިވާ މާއްދާއެއް އެބަ އޮތޭ ބުނެފިއްޔާ ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ އެ މާއްދާ، ރާއްޖޭގެ އާބާދީގައި މިހާރު ތިބި 350،000 މީހުންގެ ތެރެއިން އެހެން އެއްވެސް މީހަކަށް ނިސްބަތެއް ނުވާނެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމެއްގައި ދިރިއުޅޭ މީހަކަށް ވެސް، ނުވަތަ ގިޔާމަތާ ޖެހެންދެން ދުނިޔެ އަށް އަންނާނޭ އެއްވެސް މީހަކަށް ވެސް ނިސްބަތެއް ނުވާނެ އެވެ. އެއީ ކާކު ހެއްޔެވެ؟

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި، ހަމަ އެންމެ މީހަކަށް ނިސްބަތްކޮށް ހަދާފައިވާ މާއްދާއެއް އެބަ އޮތޭ ބުނެފިއްޔާ ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ އެ މާއްދާ، ރާއްޖޭގެ އާބާދީގައި މިހާރު ތިބި 350،000 މީހުންގެ ތެރެއިން އެހެން އެއްވެސް މީހަކަށް ނިސްބަތެއް ނުވާނެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމެއްގައި ދިރިއުޅޭ މީހަކަށް ވެސް، ނުވަތަ ގިޔާމަތާ ޖެހެންދެން ދުނިޔެ އަށް އަންނާނޭ އެއްވެސް މީހަކަށް ވެސް ނިސްބަތެއް ނުވާނެ އެވެ. އެއީ ކާކު ހެއްޔެވެ؟

"މި ގާނޫނުއަސާސީ އަށް އަމަލުކުރަން ފަށާ އިރު، ތިބި ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރު ކަމުގެ މަގާމުގައި ދެމި ތިބޭނެ އެވެ." މިއީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގައި އޮތް އިބާރާތެވެ.

ގާނޫނު އަސާސީގައި މި މާއްދާ ލިޔެފައިވަނީ އޭރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އައްޝެއިހު މުހައްމަދު ރަޝީދު އިބްރާހިމް އެ ވަޒީފާ އިން މަހްރޫމު ކޮށްލަން ކަން އެނގެ އެވެ. އަޅުގަނޑުމެން އުޅެން ޖެހިފައި މިވަނީ މިފަދަ ގައުމެއްގަ އެވެ. މުޅި ގައުމުގެ އެންމެހައި ކަންތައް އެ މައްޗަށް ބިނާކުރަން ޖެހޭ ދުސްތޫރުގައި ވަކިވަކި މީހުންނަށް އަމާޒުކޮށް މާއްދާތައް ހިމަނާފައިވާ ގައުމެކެވެ. ދައްކަން މި ޖެހެނީ އެ ފަދަ ގާނޫނުއަސާސީއެއްގެ ދަށުން ހަދަމުން ދާ ގާނޫނުތަކުގެ ވާހަކަ އެވެ.

ގައުމުގެ ހުރިހާ ގާނޫނުތަކެއް އެ މައްޗަށް ބިނާކުރާ ދުސްތޫރުގެ ބިންގާ އެޅިފައި އޮތީ މިފަދަ ގޮތަކަށް ކަމަށްވާ އިރު، ދެން ހަދާ ގާނޫނުތަކުގެ ހާލަތު އޮތީ ތަސައްވުރު ކޮށްލުމެވެ. އެ ގާނޫނުއަސާސީގެ ދަށުން ހެދި ކިތަންމެ ގާނޫނެއް ވަކިވަކި މީހުންނަށް އަމާޒުކޮށް ހަދާފައިވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކީ ވެސް އެފަދަ ކަމެކެވެ.

މިއަދު ދައްކަން ޖެހިފައި މިވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ހަދާފައިވާ އެފަދަ ގާނޫނެއްގެ ވާހަކަ އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގު ހަނިކުރުމަށްޓަކައި، އަބުރު ރައްކާތެރިކުރުން ނިވާފަތްގަނޑަކަށް ހަދައިގެން، ދާދި ފަހުން ފާސްކުރި ގާނޫނުގެ ވާހަކަ އެވެ.

ރާއްޖޭގައި ކޮންމެ ގާނޫނެއްމެ ހަދަން ޖެހޭނީ، ގާނޫނުއަސާސީއާ ތައާރަޒް ނުވާ ގޮތުގެ މަތިން ކަމަށް އޮޅުމެއް ނެތްހާ ސާފުކޮށް، ގާނޫނުއަސާސީގައި އެ އޮތީ ލިޔެފަ އެވެ. އެކަމަކު ރާއްޖޭގައި ހަދާ ގާނޫނުތައް ގާނޫނުއަސާސީއާ ފުށުއަރާތޯ ބަލަނީ ކާކުތޯ އެވެ؟ ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވާނީ، "މި ގާނޫނު ހަދާފައި މިވަނީ ގާނޫނުއަސާސީއާ ޚިލާފަށޭ" ލިޔުނީމައެއް ނޫނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިގެންދާ ގޮތަށް ހެދި ގާނޫނުގެ އެންމެ މާއްދާއެއް ފާހަގަކޮށްލާނަމެވެ. އެ ގާނޫނުގެ 18 ވަނަ މާއްދާގައި ބުނަނީ، މީހެއްގެ އަބުރާ ބެހެވޭ ގޮތަށް ޝާއިއުކުރާ އެއްޗަކާ ގުޅިގެން ކަމާ ބެހޭ އިދާރާއަކުން މައްސަލަ ބަލަމުންދާ ނަމަ، ޝާއިއުކުރި އެ ވާހަކައަކީ ތެދެއްކަން ސާބިތުކުރުމަށްޓަކައި، "ނޫސްވެރިއަކު އޭނާ އެ ޚަބަރު ހޯދި މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، އެ މަސްދަރު ހާމަކުރަން ވާނީ ސިއްރު މައުލޫމާތެއްގެ ގޮތުގަ އެވެ." އަދި މަސްދަރު ހާމަކުރަނީ ޝަރީއަތުގެ މަޖިލީހެއްގައި ނަމަ، އެ ޝަރީއަތުގެ މަޖިލީހަކީ ސިއްރު މަޖިލީހަކަށް ހަދަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ގާނޫނާ ދެކޮޅަށް ނޫސްވެރިން މަޖިލިސް އިދާރާ ދޮށުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން

ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ގާނޫނާ ދެކޮޅަށް ނޫސްވެރިން މަޖިލިސް އިދާރާ ދޮށުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން

އޭގެ ފަހުން ދެން ބުނަނީ އެ މަސްދަރުގެ މައުލޫމާތު، އެ މައްސަލަ ބަލާ އިދާރާއިން ވެސް ސިއްރު ކުރަންވާނެ ކަމަށެވެ. މިއީ ވެސް ދެކޮޅު ނުޖެހޭ ވާހަކައެކެވެ. ތަހުގީގީ އިދާރާއަކުން ނޫސްވެރިއަކަށް އަންގައިގެން، މަސްދަރުގެ މައުލޫމާތު ހާމަކުރަން ޖެހިގެން އަ މައުލޫމާތު ހާމަކޮށްފައި ވަނިކޮށް، އެ މައްސަލަ ޝަރީއަތަށް ފޮނުވައިފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މަސްދަރާ ބެހޭ ގޮތުން ތަހުގީގީ އިދާރާ އަށް ދިން ސިއްރު މައުލޫމާތު، ޝަރީއަތަށް ފޮނުވައިފި ނަމަ، އެ މައުލޫމާތު ސިއްރުކުރީ ކަމަށް ވާނެ ހެއްޔެވެ؟

މިއީ އާންމުކޮށް އަޅުގަނޑުމެން ދިރިއުޅުމުގައި، "މިއީ ސިއްރު ވާހަކައެކޭ" ބުނެ މީހެއް ގާތުގައި ދައްކާ ވާހަކައެއް، އެކަކުގެ ފަރާތުން އަނެކަކަށް ސިއްރެއްގެ ގޮތުގައި އެންމެންގެ ތެރެއަށް ފެތުރިގެން ދިއުން ކަހަލަ ކަމެއް ނޫންތޯ އެވެ. މިއީ ގާނޫނުގައި ލިޔާ ކަހަލަ އެއްޗެހިތޯ އެވެ.

އެކަމަކު ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ފަހު، އެ އިބާރާތާ ވިދިގެން ހަމަ އެ މާއްދާގައި ބުނެފައިވަނީ މިފަދައިންނެވެ؛ "މި ގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ."

މިނިވަން ޚިޔާލު ފާޅުކުރުން ހުއްޓޭ ގޮތަށް ހެދި ގާނޫނުގައި މި ބުނަނީ، ނޫސްވެރިޔާ ލިޔުނު ޚަބަރުގައިވާ މައުލޫމާތުގެ މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި އިބާރާތުގައި "ހާމަކުރަން ޖެހިއްޖެ ނަމަ"އޭ އޮތް އިބާރާތުގެ މާނައަކީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމެވެ. މަޖުބޫރު ނުކުރާ ނަމަ، ކަމެއް ކުރާކަށް ނުއެއް ޖެހޭނެ އެވެ. މަޖުބޫރަކާ ނުލައި ނޫސްވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި އެކަން ކުރާ ނަމަ، އެ މާއްދާގައި އޮންނާނީ ނޫސްވެރިޔާ ބޭނުން ނަމަ އެ މަސްދަރު ހާމަކުރެވިދާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގު ހިފެހެއްޓޭ ގޮތަށް ހެދި ގާނޫނު ފާސްކުރި ދުވަހު މަޖިލިސް ދޮށުގައި ނޫސްވެރިން ހިތްހަމަނުޖެހުން ފާޅުކުރަނީ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގު ހިފެހެއްޓޭ ގޮތަށް ހެދި ގާނޫނު ފާސްކުރި ދުވަހު މަޖިލިސް ދޮށުގައި ނޫސްވެރިން ހިތްހަމަނުޖެހުން ފާޅުކުރަނީ.

މި މާއްދާގައި މި ބުނަނީ މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނީ ގާނޫނުއަސާސީގެ 28ވަނަ މާއްދާގައިވާ ގޮތާ އެއްގޮތަށް ކަމަށެވެ. އެހެން ބުނުމުން ގާނޫނުއަސާސީގެ 28 ވަނަ މާއްދާ ބަލައިލާއިރު އެ މާއްދާގައި މި ބުނަނީ "މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމަށެވެ. ދެން މި ދެ މާއްދާ އެކަތި އަނެކައްޗާ ގުޅުވޭނޭ ގޮތެއް ނިކަން ޚިޔާލަށް ގެނެސްބަލާށެވެ.

އެހެންކަމުން މި ގާނޫނުގެ 18 ވަނަ މާއްދާ އިން ގާނޫނުއަސާސީގެ 28 ވަނަ މާއްދާ ކަށަވަރުކޮށްދެނީ ހެއްޔެވެ؟ ނުވަތަ ފާޅުގައި އެ މާއްދާއާ ޚިލާފު ވަނީ ނޫން ހެއްޔެވެ؟ ގާނޫނު އަސާސީގައި ފާޅުގައި ބުނެފައި އެވަނީ މަސްދަރު ހާމަކުރަން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ. އެކަމަކު ގާނޫނުގައި އެ އޮތީ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ތަހުގީގީ އިދާރާތަކަށާއި ކޯޓުތަކަށް ވެސް ދީފަ އެވެ.

ގާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރަޒްވާ ނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ތައާރަޒްވާ މިންވަރެއް ވާނީ ބާތިލު އެއްޗަކަށެވެ. ގާނޫނުއަސާސީ މިހެން ބުނެފައިވާ އިރު، ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް ކުރަން ޖެހޭ ގޮތަށް ގާނޫނެއްގައި ބަޔާންކުރުމުން، އެ ގާނޫނަކީ ސައްހަ ގާނޫނަކަށް ވާނެތޯ ސުވާލު ކުރަން ދާނީ ކޮން ކޯޓަކަށް ހެއްޔެވެ؟

އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގައި ގާނޫނުއަސާސީން ދަމަހައްޓައިދީފައިވާ އެއް އުސޫލަކީ، އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން، އެކި ހާލަތާ ގުޅޭ ގޮތުން ހަނިކުރުމުގެ ފުރުސަތު ދީފައި އޮތުމެވެ. އެއީ ވެސް ވަކި ހަމަތަކެއްގެ މަތިންނެވެ. އެ ގޮތުން ހިފަހައްޓާ މިނިވަންކަމެއް ނުވަތަ ހަނިކުރާ ހައްގެއް، ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި އެކަން ކުރާ ގޮތަށެވެ. އެކަމަށް ވަކި ގާނޫނެއް ހަދައިގެންނެވެ. އަދި ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ނުވާނެ ގޮތަށެވެ.

މިނިވަންކަމާއި ހައްގުތައް އެންމެ ފަސޭހަ އިން ހިފެހެއްޓޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ގާނޫނެއް ނުހެދިޔަސް، އެ ހާލަތުގައި ބައެއް ކަހަލަ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓިދާނެ އެވެ. އަދި ހަނި ވެސް ކުރެވިދާނެ އެވެ. އެކަމަކު އެ ހާލަތުގައި ވެސް ހަނި ނުކުރެވޭނެ ނުވަތަ ނުހިފެއްޓޭނެ ހައްގުތަކެއް ގާނޫނުއަސާސީގެ 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އޮތް ހަތަރު ކަމަކީ، ދިރިހުރުމުގެ ހައްގާއި އަޅުވެތި ނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ މިހާ ވަރުގަދަ އަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދެ ހައްގަށް ވާއިރު، އެ ދެ ހައްގު ހަނިކުރެވޭ ގޮތަށް ނުވަތަ އެ ހައްގުތައް ހިފެހެއްޓޭ ގޮތަށް ހަދާ ގާނޫނެއްގެ ގާނޫނީ ހައިސިއްޔަތާއި ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފެދިދާނެ އެވެ.

ގާނޫނުއަސާސީ ނުވަތަ ރާއްޖޭގެ ދުސްތޫރުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކުރުމުގެ ބާރު ލިބިދޭ ގޮތަށް ގާނޫނެއް ހެދިދާނެ ހެއްޔެވެ؟ ނުވަތަ ގާނޫނުއަސާސީން ހުއްދަކޮށްފައިވާ ކަމެއް މުޅިން މަނާ ކުރުމުގެ ބާރު އެ ގާނޫނުއަސާސީއާ ޚިލާފަށް، ގާނޫނެއްގައި ލިޔެވިދާނެ ހެއްޔެވެ؟