Roadha Mihaaru
ނަޝީދުގެ މައްސަލައިން ޕީޖީއަށް ނިންމާލެވޭކަށް ނެތް!

ހަމައެކަނި ނަޝީދުގެ މައްސަލައިން ޕީޖީއަށް ނިންމާލެވޭކަށް ނެތް!

29 އޮކްޓޯބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކައިރި ބުނަމުންނެވެ. އާންމުންގެ ގިޔަ ބަޔަކު ދިޔައީ އެ ވާހަކަ ދައްކަމުންނެވެ. އެންމެ ފަހުން އެ މައްސަލަ އޭނާގެ ފަރާތުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަޝީދުގެ ފަރާތްޕުޅުން އެކަމަށް އެދިވަޑައިގަތުމާއި އާންމު މަސްލަތު ވެސް އެކަމުގައި އޮތް ކަމަށް ވިދާޅުވެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކައިރި ބުނަމުންނެވެ. އާންމުންގެ ގިޔަ ބަޔަކު ދިޔައީ އެ ވާހަކަ ދައްކަމުންނެވެ. އެންމެ ފަހުން އެ މައްސަލަ އޭނާގެ ފަރާތުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަޝީދުގެ ފަރާތްޕުޅުން އެކަމަށް އެދިވަޑައިގަތުމާއި އާންމު މަސްލަތު ވެސް އެކަމުގައި އޮތް ކަމަށް ވިދާޅުވެ އެވެ.

ނަޝީދުގެ މައްސަލާގައި ތިން އަހަރު ވަންދެން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ދިނީ ބީރު ކަންފަތެކެވެ.

"މި ދަނޑިވަޅު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އަޅުގަނޑަށް ސިފަ ވަނީ މިކަމުގެ ގްރިޕް ގެއްލުމުން [ކޮންޓްރޯލް ގެއްލުމުން] މައްސަލަ ހުށަހެޅުނީ ކަމަށް. ޕީޖީގެ އިހްލާސްތެރިކަމާ މެދު އަދި ނަޒާހާތްތެރިމާ މެދު އަޅުގަނޑަށް ސުވާލު އުފެދޭ،" ގާނޫނީ ވަކީލު މުހައްމަދު ޝަފީއު ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން ސިޔާސީ އެތައް ލީޑަރުންނެއް ޖަލަށް ދާން ޖެހުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން ކައިރިވުމާ އެކު ނަޝީދުގެ މައްސަލަ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބައެއް ވަކީލުން ގެންދަނީ މީގެ ކުރިން ޕީޖީ އަމަލްކުރެއްވި ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިޝާމަށް ޕީޖީގެ މަގާމު ދެއްވި ރައީސް ޔާމީންގެ ދައުރު ނިމެން ކުޑަތަންވުމުގެ އިތުރުން ނަޝީދުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި އޮތް ދަނޑިވަޅެއްގައި ކުއްލިއަކަށް ބިޝާމްގެ ހިޔާލު ބަދަލުވުމަކީ، މިނިވަން އެހެން މުއައްސަސާތަކުން ވެސް، އިންތިހާބަށް ފަހު ދައްކަމުން އަންނަ މަންޒަރުތަކުގެ ބައެކެވެ.

ޕީޖީއަކީ ޖިނާއީ ދައުވާ ކުރުމަށް ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން ފަރާތެކެވެ. ޕީޖީއަކަށް ހުންނަވާ ބޭފުޅަކު އެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހެނީ އިންސާފުވެރިކޮށެވެ.

ނަޝީދު، ސްރީ ލަންކާގެ ބައެއް ނޫސްވެރިންނާ އެކު އެ ގައުމުގައި.

ނަޝީދު، ސްރީ ލަންކާގެ ބައެއް ނޫސްވެރިންނާ އެކު އެ ގައުމުގައި.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ބިޝާމްގެ ކުރިން ޕީޖީއަކަށް ހުންނެވި މުހުތާޒު މުހުސިނެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، އޭނާ ޕީޖީއަކަށް ގެނައުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބަދަލުވީ، ރައީސް ޔާމީނާއި އޭރު އެންމެ ބާރުގަދަ މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބުގެ ކުޅޭކުޅޭ ތަނަކަށެވެ. ރައީސް ޔާމީނަށް އަމާޒުކޮށް "ފިނިފެންމާ" ލޯންޗު ގޮއްވާލުމުގެ ހާދިސާއަށް ފަހު އަދީބުގެ ބާބު ނިމުނު އިރު މުހުތާޒަށް މަގާމު ގެއްލި، އެންމެ ފަހުން ޖަލުގެ ހުކުމަކާ ވެސް ކުރިމަތިވެވަޑައިގަތީ އެވެ.

މުހުތާޒު ޕީޖީ ކަމުގެ ހުވާކުރައްވަނީ: ނަޝީދުގެ މައްޗަށް ދައުވާ އުފުލީ މުހުތާޒް

މުހުތާޒު ޕީޖީ ކަމުގެ ހުވާކުރައްވަނީ: ނަޝީދުގެ މައްޗަށް ދައުވާ އުފުލީ މުހުތާޒް

ރައީސް އޮފީހުގެ ލީގަލް އެފެއާޒް ބައިގައި ހުންނެވި ބިޝާމަށް ޕީޖީކަން ލިބިވަޑައިގަތީ، އަދީބަށް ފަހު ހުރިހާ މުއައްސަސާއެއްގެ ފުރިހަމަ ކޮންޓްރޯލް ރައީސް ޔާމީން ހޯއްދެވި ހިކުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ބިޝާމް ވެސް ފެނުނީ ރައީސް ޔާމީން ބޭނުންފުޅުވި ހުރިހާ ކަމެއް، ޕީޖީގެ ތެރެއިން ކުރައްވަމުން ގެންދެވި ތަނެވެ. އަދި ނަޝީދު ފަދަ ސިޔާސީ ލީޑަރުންނާ ދެކޮޅަށް އިއްވާފައިވާ ބޭއިންސާފު ހުކުމްތަކާ މެދު އަޅާނުލެއްވި ތަނެވެ.

ޖިނާއީ މައްސަލައެއްގައި ކޯޓުތަކުން ގޯސްކޮށް ކަމެއް ނިންމައިފައި އޮތް ނަމަ ހައްގު ގެއްލުނު ފަރާތަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރުމަކީ ޕީޖީގެ ޒިންމާއެކެވެ.

"މިހާރު، ގާސިމް އިބްރާހިމް، ފާރިސް މައުމޫން އަދި މައުމޫން އަބްދުލްގައްޔޫމްގެ މައްސަލަތައް ހައި ކޯޓުން ނިންމި އިރު އެ މައްސަލަތަކުގައި ދަށު ކޯޓުގައި ކަންކަން ހިނގާފައި ވަނީ ގޯސްކޮށްކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. ޕީޖީ ވެސް އެބަ އިއުތިރާފުވޭ އެ މައްސަލަތައް ނިންމާފައި ވަނީ ބައެއް އުސޫލުތަކާ ހިލާފަށް ކަމަށް،" ޝަފީއު ވިދާޅުވި އެވެ.

އެކަމަކު އުސޫލުތަކާ ހިލާފަށް މައްސަލައެއް ނިންމާފައިވާ ނަމަ އެ މައްސަލަތައް ދަށު ކޯޓުގައި ހިނގިއިރު ޕީޖީގެ ފަރާތުން އެކަމާ ވާހަކަ ނުދެއްކުމަކީ އޭނާގެ ޒިންމާއާ ދުރަށް ދިއުމެވެ.

ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކަށް ދިފާއުވާން އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެ މައްސަލައެއްގައި ވަކީލުން ތަނާޒުލްވި ނަމަވެސް ތުހުމަތުކުރެވޭ މީހާއަށް އާ ވަކީލުންނާ އެކު ނަމަވެސް ދިފާއުވާން އެކަށީގެންވާ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ހައި ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ހައްގުތައް އެތައް ބައެއްގެ ފަރާތުން ނިގުޅައިގެން އިރު ޕީޖީ އަޅާލައްވާފައެއް ނުވެ އެވެ.

"މިއީ ރައީސް ނަޝީދުގެ މައްސަލައިގައި ވެސް ހިނގާފައި ހުރި ކަންކަން. ޕީޖީގެ މަސްއޫލިއްޔަތަކީ އެ މައްސަލައަކުން މޮޅުވުމެއް ނޫން. ހަމަ ހުރެފައި މީހަކު ޕްރޮސެކިއުޓް ކޮށްލުމެއް ނޫން. ތުހުމަތުކުރެވޭ މީހާއަށް އިންސާފުވެރި ޝަރީއަތެއް ކަށަވަރުކޮށްދިނުން،" ޝަފީއު ވިދާޅުވި އެވެ.

"އެކަމުގައި ޕީޖީގެ ދައުރު ވަރަށް ބޮޑު. އޭނާ އެބަ ޖެހޭ ދެ ތޮތްޕެއް އަޅަން. އެއީ ޕްރޮސެކިއުޓް ކުރަން އަޅާ ތޮތްޕަކާއި އަދި ތުހުމަތުކުރެވޭ މީހުންނަށް ހުރިހާ ހައްގުތަކެއް ލިބިދީގެން އިންސާފުވެރިކޮށް ޝަރީއަތް ގެންދަން އަޅަން ޖެހޭ ވަކި ތޮތްޕެއް."

ބައެއް ވަކީލުން ފާހަގަކުރާ ގޮތުގައި ރައީސް ޔާމީނާ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތަކުގައި ޖިނާއީ ދައުވާކޮށްފައި ހުރީ އެކަށީގެންވާ މިންވަރަށް ޕީޖީގެ ފަރާތުން ނުބައްލަވަ އެވެ. އެފަދަ ބައެއް ކަންކަން މި ފަހުން ހައި ކޯޓުން ނިންމި ބައެއް މައްސަލަތަކުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"މިސާލަކަށް [ކުރީގެ ޕީޖީ] މުހްތާޒް މުހްސިންގެ މައްސަލަ. އެ މައްސަލައިގައި ވެސް ޓެރަރިޒަމްގެ ދައުވާ ކުރަން ޖެހޭ ހާލަތެއް ވުޖޫދުވެފައެއް ނެތް. ހައި ކޯޓުގެ ފަނޑިޔާރުން ވެސް ވަނީ އެކަން ފާހަގަކުރައްވައިފައި،" ގާނޫނީ ވަކީލު ހަސަން ފަލާހު ވިދާޅުވި އެވެ.

"އެކަމަކު ޕީޖީ އަށް ފާހަގަކުރެވެނީ ކ. މާފުއްޓަށް މީހަކު ފުރައިގެން ދިޔައިމަ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް."

ފަލާހު ވިދާޅުވީ މުހުތާޒަށް ޕީޖީން އުފުލާފައި ވަނީ ހައްގު ދައުވާއެއް ނޫނެވެ.

"މިނިވަން ޕީޖީއެއް އުފެއްދުމުގެ ބޭނުމަކީ ފުލުހުން ފޮނުވާ ކޮންމެ މައްސަލައެއްގައި ދައުވާ ކުރުމެއް ނޫން. އަދި ވަކި ގޮތަކަށް ބައްޓަން ކޮށްފައި ދައުވާ ކުރުމެއް ވެސް ނޫން. ޕީޖީއަކު ދައުވާ ކުރަން ޖެހޭނީ ގާނޫނުގައި އޮތް ގޮތަށް، އެ ހާދިސާއަކާ ގުޅޭ އެންމެ އެކަށޭނަ ދައުވާތަކެއް. މިސާލަކަށް ކުށެއް ކުރި ނަމަވެސް އެ ކުށަކާ ނުބައްދަލު އަދަބު ލިބޭ ވަރުގެ ދައުވާއެއް ކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ ރަނގަޅު ކަމެކެވެ. ހަމައެހެން އެކަހަލަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ޒިންމާ ނަގަން ޖެހޭ ކަމަށް ވަކީލުން ބުނެ އެވެ.

"ޕީޖީގެ މަސްއޫލިއްޔަތެއް ގާނޫނު ނެގެހެއްޓުމަކީ. އެހެންވީމަ ގާނޫނާ ހިލާފަށް ހުރި ކަންކަން ބަލައި އެކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ޕީޖީގެ ވާޖިބެއް،" ފަލާހު ވިދާޅުވި އެވެ.

"އެކަމަކު ސެލެކްޓިވް ޖަސްޓިސް ނުވަތަ ވަކި ބަޔަކަށް އިންސާފު ފޯރުކޮށްދެވޭ ނަމަ އެއީ މައްސަލައެއް. އޭގެ ބަދަލުގައި އެކަން ވާން ޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް އާންމުވެގެންވާ އެއް އުސޫލަކުން އަމަލު ކުރުން."

ނަޝީދުގެ މައްސަލަ ފެށުނީއްސުރެ ނިމެންދެން ވެސް އަދި މިއަދާ ހަމައަށް ވެސް އެކި ފަރާތްތަކުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. އޭރު އަޅާނުލެއްވީ މުހުތާޒެވެ. އޭގެ ފަހުން، އިއްޔެއާ ޖެހެންދެން، ބިޝާމެވެ. މިހާރު މި އޮތީ ނަޝީދުގެ އިތުރުން ނުހައްގު ދައުވާތަކުން ހުކުމްތަކާ ކުރިމަތިވި އެހެން މީހުންގެ މައްސަލަތަކާ މެދު ވެސް އަލުން ވިސްނަން ޖެހިފަ އެވެ. އެކަމަކު މިދިއަ ފަސް އަހަރުގެ ތެރޭގައި އެކި ޕީޖީންނާ މެދު އެފެދުނު ޝައްކާއި ގެއްލުނު އިތުބާރު ހޯދަން ވާނީ އުނދަގޫ ކަމަކަށެވެ.

"މިހާރު ކަންތައް ދާ ގޮތަކުން އެއްވެސް ކަހަލަ ގެރެންޓީއެއް ނެތް ޕީޖީގެ ފަރާތުން ދައުވާ ކުރާއިރު އެ ބަލަން ޖެހޭ މިންވަރަށް ބެލުމަށް ފަހު ދައުވާ ކުރަމުންދާނެ ކަމަށް. އެހެންވީމަ މިފަދަ ހާލަތެއްގައި ޕީޖީގެ ނަޒާހާތްތެރިކަން އޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޕީޖީ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މި ހުރިހާ ކަމަކަށް ބަލާއިރު."

އެކަމަކު މަސްއޫލިއްޔަތު ނުއުފުލިގެން އިސްތިއުފާ ދިނުމަކީ މި ފަސް އަހަރު ފެނުނު މަންޒަރެއް ނޫނެވެ.