Roadha Mihaaru
"ހަށިގަނޑު ވަކިވެ ދިޔަޔަސް ހިނިތުންވުން ވަކިވެނުދާނެ"

ތިޔަ ހަށިގަނޑު ގެންދިޔަ ނަމަވެސް އެ ހިނިތުންވުން ވަކިވެގެން ނުދާނެ: ލޯބިވެރިޔާ

22 އޮކްޓޯބަރ 2018

އިސްތަންބޫލް (އޮކްޓޯބަރު 22) - "އެ މީހުން ވަނީ ތިޔަ ހަށިގަނޑު މި ދުނިޔެ އިން ގެންގޮސްފަ އެވެ. އެކަމަކު ތިޔަ ލޯބި ހިނިތުންވުން އަހަރެންގެ ހިތާއި ފުރާނައިން ދުވަހަކު ވެސް ވަކިވެގެން ނުދާނެ އެވެ." މިއީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ކުރި އަސަރުން ފުރިގެންވާ ޓްވީޓެކެވެ.

ހަސަން އާމިރު ހަސަން އާމިރު

ޚާާޝޮގްޖީއާ އެކު ކޮންސިއުލޭޓަށް ދިޔަ ޚަދީޖާގެ ޓްވީޓާ އެކު ވަނީ ޓީވީ އިންޓަވިއުއެއްގައި ޚާޝުގްޖީ ހެމުން ދިޔަ ވީޑިއޯ ކޮޅެއް ވެސް ހިމަނައިފަ އެވެ. ޓީވީ ޑޮކިއުމެންޓަރީއަކަށް ޚާޝޮގްޖީ ދިން އިންޓަވިއުއެއްގައި އޭނާގެ ހިނިފަޅައިގެން ދިޔައީ އުނގަށް ބުޅަލެއް އެރުމުންނެވެ.

ޚާޝޮގްޖީގެ ލޯބިވެރިޔާގެ ޓްވީޓް.

އޮކްޓޯބަރު 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ޚަދީޖާ ދިޔައީ ވެސް ޚާޝުގްޖީއާ އެކު އެވެ. އެއީ އެ ދެ މީހުން ކައިވެނި ކުރަން ބޭނުންވާ ރަސްމީ ލިޔުންތަކެއް ފުރިހަމަ ކުރުމަށެވެ.

ޚާޝުގްޖީ ކޮންސިއުލޭޓް ތެރެއަށް ވަނީ އޭނާގެ ދެ ފޯން ޚަދީޖާއާ ހަވާލުކޮށްފަ އެވެ. އަދި އޭނާ އެތެރޭގައި ލަސްވެއްޖެ ނަމަ ގުޅަންވީ ފަރާތެއްގެ ނަމްބަރު ވެސް ދިނެވެ. ޚާޝުގްޖީގެ އިންތިޒާރުގައި ކޮންސިއުލޭޓުގެ ބޭރުގައި ޚަދީޖާ 11 ގަޑިއިރު މަޑުކުރި އެވެ. ޚާޝޮގްޖީ ބޭރަށް ނުނިކުތުމުން ޚަދީޖާ ވަނީ އޭނާ ގާތު ގުޅަން ބުނި ނަމްބަރަށް ގުޅައިފަ އެވެ. އެއީ ޓާކިޝް އަރަބް މީޑިއާ އެސޯސިއޭޝަންގެ ރައީސް އެވެ.

މަރާލި ނޫސްވެރިޔާ ޚާޝޮގްޖީ އޭނާގެ ލޯބިވެރިޔާއާ އެކު.

މަރާލި ނޫސްވެރިޔާ ޚާޝޮގްޖީ އޭނާގެ ލޯބިވެރިޔާއާ އެކު.

ޚާޝުގްޖީ ގެއްލުމަށް ފަހު ޚަދީޖާ ވަނީ ޓްވިޓާގައި ވަރަށް ހަރަކާތްތެރިވެފަ އެވެ. އޭނާ ވަނީ ޚާޝުގްޖީ މަރާލި ގޮތުގެ ހަގީގަތް ހާމަކުރަން ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފަ އެވެ.

ޚާޝުގްޖީ މަރުވީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށް ސައުދީން ވަނީ ހޮނިހިރު ދުވަހު ބުނެފަ އެވެ. އޭނާގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ.