Roadha Mihaaru

ސައުދީން މިހާރު ބުނަނީ ނޫސްވެރިޔާ މަރާލީ ކަމަށް

ރިޔާޒް (އޮކްޓޯބަރު 22) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ވަނީ މަރާލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ސައުދީން މިހާރު ބުނަނީ ނޫސްވެރިޔާ މަރާލީ ކަމަށް
ހަސަން އާމިރު
ހަސަން އާމިރު

22 އޮކްޓޯބަރ 2018

ރިޔާޒް (އޮކްޓޯބަރު 22) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ވަނީ މަރާލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ނޫސްވެރިޔާ މަރާލުމަކީ "ހެދި ބޮޑު ގޯހެއް" ކަމަށާއި އެކަމުގައި ވަލީ އަހުދުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.

ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ސައުދީ އަށް ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ނޫސްވެރިޔާ މަރުވެފައި ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށް އެ ގައުމުން ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޚާޝުގްޖީ އެންމެ ފަހުން ފެނިފައި ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަންނަނިކޮށެވެ.

ތުރުކީން ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ސައުދީ އެޖެންޓުންގެ ޓީމަކުން ކަމަށެވެ.

"އެކަމުގެ ހުރިހާ ހަގީގަތެއް ހޯދާނަން. މި ގަތުލްގައި ޒިންމާވާ މީހުންނަށް އަދަބު ދޭނަން،" އަލް ޖުބައިރު ވިދާޅުވި އެވެ. "އެކަން ކުރި ބަޔަކު އެކަން ކޮށްފައި ވަނީ އެ މީހުންނަށް ލިބިފައިވާ ބާރުތަކުގެ ބޭރުން. އެއީ އެ މީހުން ހެދި ވަރަށް ބޮޑު ގޯހެއް."

ޖުބައިރު ވިދާޅުވީ ސައުދީގެ އިންޓަލިޖެންސްގެ ސީނިއާ ލީޑަޝިޕަށް ވެސް ކަންވެގެން ދިޔަ ގޮތް ނޭނގޭ ކަމަށެވެ.

ސައުދީން ބުނެފައި ވަނީ ނޫސްވެރިޔާގެ މަރާ ގުޅިގެން 18 މީހަކު ހައްޔަރުކޮށް ސީނިއާ ދެ މެންބަރަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.