Roadha Mihaaru
އަޅުގަނޑު ޖަލަށް ލީ އެންމެން ބޭރުވެއްޖެ: ނާޒިމް

އަޅުގަނޑު ޖަލަށް ލުމުގައި ބައިވެރިވި އެންމެން ބޭރުވެއްޖެ: ނާޒިމް

21 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް މިއަދު ނިމުމާ އެކު، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމުގައި އިސްވެ ބައިވެރިވި އެންމެން މަގާމުތަކުން ބޭރުވީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް މިއަދު ނިމުމާ އެކު، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމުގައި އިސްވެ ބައިވެރިވި އެންމެން މަގާމުތަކުން ބޭރުވީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ހުކުމް ކުރިތާ ގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ، އިންސާފަށް ލޯބިކުރާ ދިވެހިންނަށް ކާމިޔާބު ލިބިއްޖެ ކަމަށެވެ. އަދި ރައީސް ޔާމީންގެ "އަނިޔާވެރި ވެރިކަން" ނިމުމުގެ ސިއްކަ ޖެހިއްޖެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ޓުވީޓް

މަކަރާއި ހީލަތުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނާޒިމް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް އެ ހުކުމް އިއްވީ ރައީސް ޔާމީން އަންގަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިސް ނެންގެވުމަކަށް ކަމަށެވެ. އެކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެހީތެރިވެވަޑައިގެންނެވިއިރު ހުކުމް ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެ އެންމެން މިއަދު [މަގާމުތަކުން] ބޭރުވެއްޖެ. ﷲ މަތިވެރި،" ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން ވެސް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ އެކު ނާޒިމް ކުރެއްވި ޓުވީޓުގައި ވެ އެވެ.

ނާޒިމް އެ ފާހަގަކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން ފިޔަވައި ހުރިހާ ބޭފުޅުން ވެސް މިހާރު ގެންދަވަނީ ތަފާތު މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީނާ ގާތްގުޅުމެއް ބާއްވަވަމުން އައި ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން އިއްވީ އެ ގުޅުން ވަރަށް ބޮޑަށް ގޯސް ވެފައި ވަނިކޮށެވެ.

މަކަރާއި ހީލަތުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމާފައި ވަނިކޮށް، ދައުލަތުން ކުއްލި ގޮތަކަށް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ 2015 ގަ އެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ. އެކަމަކު، އޭރު އޭނާ ވަނީ ސިންގަޕޫރުން އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ.