11 އޮކްޓޯބަރ 2018
ޕެރިސް، ފްރާންސް (އޮކްޓޫބަރު 11) - ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އަށް މެންޗެސްޓާ ޔުނައިޓެޑްގައި މިހާރު ކުރިމަތިވެފައިވާ ހާލަތު ބަދަލުނުވެއްޖެނަމަ އޭނާ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ޕެރިސް، ފްރާންސް (އޮކްޓޫބަރު 11) - ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އަށް މެންޗެސްޓާ ޔުނައިޓެޑްގައި މިހާރު ކުރިމަތިވެފައިވާ ހާލަތު ބަދަލުނުވެއްޖެނަމަ އޭނާ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޕޮގްބާގެ މައްސަލަތައް ފެށުނީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އޭގެ ފަހުން މީޑިއާގައި އެ ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެ ގުޅުން އިތުރަށް ގޯސްވާން ފެށީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރީނިއޯ ރަޝިއާގެ ޓީވީއެއްގެ ޝޯއެއްގައި ޕޮގްބާ އަށް ފާޑުކިޔުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ޑެޝޯމްޕްސް ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ އަލުން ކުރީގެ ކްލަބް ޔުވެންޓަސް އަށް ބަދަލުވުމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ޑެޝޯމްޕްސް ބުނީ ޕޮގްބާ ޓީމު ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ޔުނައިޓެޑްގައި އޮތީ ގޯސް ހާލަތެއް. ޕޮގްބާގެ ފެންވަރުގައި ކުޅެން ރަނގަޅު މާހައުލެއް ނެތް އެތަނުގައި. އެކަމަކު ކޮންމެ ގޮތެއް ވިޔަސް ޕޮގްބާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު. އޭނަ ގެންދަން ބޭނުންވާނެ ޓީމުތައް ގިނަ. އަދި އޭނާ ވެސް ވަކި ޓީމުތަކަށް ކުޅެން ބޭނުންވާނެ،" ޑެޝޯމްޕްސް އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތެއް ނުލިބި ހުރި ޕޮގްބާ 2012 ވަނަ އަހަރު ގެނެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ބަދަލުކުރީ ޔުވެންޓަސް އިންނެވެ. އޭގެ ފަހުން ޔުނައިޓެޑުން އޭނާ އަނބުރާ ގެންދިޔައީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. ޕޮގްބާ އަލުން ގެނައުމުގެ ފުރުސަތު ނެތް ކަމަށް ޔުވެންޓަސް އިން ދާދި ފަހުން ބުނެފައިވީ ނަމަވެސް ޑެޝޯމްޕްސްގެ ހިޔާލު އެކަމާ ތަފާތެވެ.
"ހުވަފެން ދެކުމަކީ ދިރިއުޅުމުގެ ބައެއް. ޔުވެންޓަސް ސަޕޯޓަރުން ފަހަރުގައި މީގެ ކުރިން ނުދެކޭނެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގައި ހުއްޓައި. ހުވަފެން ހަގީގަތަކަށްވާނީ މަސައްކަތްކުރީމަ. މިހާރު ޕޮގްބާގެ އަގު އުފުލިފައިވީ ނަމަވެސް ޔުވެންޓަސް އަށް އޭނާ ގެނެވިދާނެ،" 1996 ވަަނަ އަހަރު ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޑެޝޯމްޕްސް ބުންޏެވެ.
ފާއިތުވި ދެ ހަފްތާ ތެރޭގައި ޕޮގްބާ އާއި މޮރީނިއޯއާ ބެހޭގޮތުން ތަފާތު އެކި ވާހަކަތަކެއް މީޑިއާގައި ވަނީ ދެކެވިފަ އެވެ. މި ސީޒަނުގެ ބައެއް މެޗުތަކުގައި ޕޮގްބާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނުއިރު، ދާދި ފަހުން މޮރީނިއޯ ވަނީ ޕޮގްބާ ދެން އެ ޓީމުގެ ކެޕްޓަންކަން ނުކުރާނެ ކަމަށް ބުނެފަ އެވެ.
އޭއެފްޕީން ކުރި ސުވާލަކަށް ޖަވާބު ދެމުން ދާދި ފަހުން ވަނީ މޮރީނިއޯގެ އެ ވާހަކަތަކަށް ނުސީދާ ގޮތަކަށް ރައްދުދީފަ އެވެ.
"ލީޑަރަކަށްވާން ކޮންމެހެން ކެޕްޓަން ބޭންޑް އަޅާކަށް ނުޖެހޭ. ދަނޑުމަތީގައި ވާހަކަ ދެއްކުމުގެ ބާރު އޮންނަނީ ހަަމައެކަނި ކެޕްޓަން ބޭންޑް އަޅާ ކުޅުންތެރިއާ އަކަށް ނޫން. އަހަރެންނާ އެކުގައި ކުޅުނު ޕިރްލޯ ފަދަ ކުޅުންތެރިންނަކީ މާ ގިނައިން ވާހަކަ ދައްކާ ކުޅުންތެރިންނެއް ނޫން. އެކަމަކު އޭނާ އަކީ ވެސް ހަގީގަތުގައި ތަފާތު ލީޑަރެއް،" ޕޮގްބާ ބުންޏެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް ޔޫރަޕްގެ ލީގުތައް މެދުކަނޑާލާފައިވާއިރު، އަލުން ފަށާއިރު މެންޗެސްޓާ ޔުނައިޓެޑް މި މަހު 20 ވަނަ ދުވަހު ރަށުންބޭރުގައި ކުޅޭނީ ޗެލްސީއާ އެވެ.
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް
ޔުވެންޓަސް ދޫކޮށްލެވުނީތީ ހިތާމަނުކުރަން: ޕޮގްބާ
ޕޮގްބާ އަނބުރާ ގެނައުމުގެ ފުރުސަތެއް ނެތް: ޔުވެންޓަސް
ޕޮގްބާ މައްސަލައިގައި ޔުނައިޓެޑުން ގޯހެއް ނަހަދާ: ފީފާ
ޕޮގްބާގެ އޭޖެންޓަށް 27 މިލިއަން ޔޫރޯ!
ޕޮގްބާ ވިއްކާލުމަކީ ރަނގަޅު ނިންމުމެއް: ޕިރްލޯ
ޔުނައިޓެޑުން ޕޮގްބާ ހޯދަން ޔުވެންޓަސްއާ މަޝްވަރާކުރަނީ
ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓް އުވާލައިފި
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
ޕޮގްބާގެ މުސާރައިގެ ބޮޑު ބައެއް އުނިކޮށްފި!