Roadha Mihaaru
ޕޮގްބާ އަނބުރާ ގެނައުމުގެ ފުރުސަތެއް ނެތް: ޔުވެންޓަސް

ޕޮގްބާ އަނބުރާ ގެނައުމުގެ ފުރުސަތެއް ނެތް: ޔުވެންޓަސް

09 އޮކްޓޯބަރ 2018

ޓިއުރިން (އޮކްޓޯބަރު 9) – މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އެކަމަކު އޭނާ އަލުން އެ ކްލަބަށް ގެނައުމުގެ ފުރުސަތު ނެތް ކަމަށް ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (އޮކްޓޯބަރު 9) – މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އެކަމަކު އޭނާ އަލުން އެ ކްލަބަށް ގެނައުމުގެ ފުރުސަތު ނެތް ކަމަށް ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ބުނެފި އެވެ.

ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތެއް ނުލިބި ހުރި ޕޮގްބާ 2012 ވަނަ އަހަރު ގެނެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ބަދަލުކުރީ ޔުވެންޓަސް އިންނެވެ. އޭގެ ފަހުން ޔުނައިޓެޑުން އޭނާ އަނބުރާ ގެންދިޔައީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ.

އެކަމަކު ޕޮގްބާ އަނެއްކާ ވެސް ޔޫ-ޓާން އެއް ނަގަން އުޅޭ ކަމަށް މީޑިއާގައި ވަނީ ވާހަކަތައް ފެތުރިފަ އެވެ. ކޯޗު ހޯސޭ މޮރީނިއޯއާ މައްސަލަ ޖެހި ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އޭނާ ގުޅުމުގެ ފުރުސަތު ބޮޑީ ޔުވެންޓަސްއާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

"އަހަރެމެން އޭނާ ދެކެ ވަރަށް ލޯބިވޭ. އަހަރެމެންނާ އޭނާއާ އޮތީ ގުޅިފައި. އެކަމަކު ދުވަހަކު އޭނާ އަނބުރާ ގެނައުމުގެ ހިޔާލެއް ނުކުރަން. އަދި އެކަމާ ފަހުން ވެސް ނުވިސްނާނަން،" ޕަރަޗިޓީ ބުންޏެވެ.

ޔުވެންޓަސްއާ ދެން ގުޅޭނެ ކަމަށް އަޑުއަރާފައިވަނީ ލާޒިއޯގެ ހުނަރުވެރި މިޑްފީލްޑަރު ސާޖެއި މިލިންކޮވިޗް-ސަވިޗެވެ. ޕަރަޗިޓީ ބުނީ އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އަދި އޭނާއާ ނުވަތަ ލާޒިއޯއާ ވެސް ވާހަކަ ދައްކާފައިނުވާނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ޔުވެންޓަސްގެ ޓްރާންސްފާގެ މަސައްކަތުގައި ޕަރަޗިޓީގެ ދައުރު ބޮޑުވާނެ އެވެ. އެއީ ޖެނެރަލް މެނޭޖަރު ބެއްޕޭ މަރޯޓާ މި މަހުފަހުކޮޅު ކްލަބް ދޫކޮށްލާތީ އެވެ.

"މިހާތަނަށް ފަރުދާގެ ފުރަގަހުގައި ހުރެ އަހަންނަށް ވަރަށް ރަނގަޅަށް މަސައްކަތްކުރެވުނު. ދެން އެ ހާލަތު ކުޑަކޮށް ބަދަލުވާނެ. އެކަމަކު އަހަރެމެން މަސައްކަތްކުރަމުން ދާނަން ޔުވެންޓަސް ކުރެވުނު އެންމެ ވަރުގަދައެއްކުރަން،" ޕަރަޗިޓީ ބުންޏެވެ.

ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި މާބޮޑު ވިޔަފާރިއެއް ނުކުރި އެތައް ބަޔެއްގެ ނުރުހުން އަމާޒުވި މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބުގެ ޓްރާންސްފާގެ ކަންކަމަށް ހާއްސަ ސްޕޯޓިން ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންމެ ބޭނުންވާ އެކަކަކީ ޕަރަޗިޓީ ކަމަށް ވާހަކަތައް ވަނީ ފެތުރިފަ އެވެ. އެކަމަކު މަރޯޓާ ދިއުމާ އެކު ޕަރަޗިޓީ ކްލަބުގައި ދެމި ހުންނާނެ އެވެ.

ޔުވެންޓަސް 2007 ގައި ރެލިގޭޓްވެ ވެއްޓުނު އަނދަވަޅުން އަރައިގަނެ، އިޓަލީގެ އެއް ވަނަ ޓީމަށް އަލުންވެ އަދި ޔޫރަޕުގެ ގަދަބާރަކަށް ވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ 2010 ވަނަ އަހަރު މަރޯޓާ އާއި ޕަރާޓީ އެ ކްލަބާ ގުޅި ފެށި މަސައްކަތެވެ.