Roadha Mihaaru

ކުޑަކުދިންނަށް ބީއެމްއެލްއިން ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޑަކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ކުޑަކުދިންނަށް ބީއެމްއެލްއިން ޕްރޮމޯޝަނެއް ފަށައިފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

01 އޮކްޓޯބަރ 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޑަކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިޕްރޮމޯޝަންގެ ދަށުން، 18 އަހަރު ނުވާ ކުދިންގެ ނަމުގައި އެ ކުދިންގެ މައިންބަފައިންނަށް "ކިޑްސް ސޭވާސް އެކައުންޓް" މި މަހުގެ ނިޔަލަށް އެއްވެސް ހަރަދަކާ ނުލައި ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ކުޑަކުދިންގެ މުސްތަގްބަލަށް ޓަކައި، ކުޑަކުދިންގެ ސޭވާސް އެކައުންޓުގެ ހިދުމަތް ދޭން ބީއެމްއެލުން ފެށީ 2016ގަ އެވެ. މި އެކައުންޓަކީ ގިނަ ދުވަހުގެ މުއްދަތެއްގައި ފައިސާ ޖަމާކޮށް، ކުއްޖާ އަށް 18 އަހަރު ވުމުން އެ އެކައުންޓުގައިވާ ފައިސާ އެ ކުއްޖާ އަށް ބޭނުން ކުރެވޭ ގޮތަށް ހަދާ އެކައުންޓެކެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެކައުންޓު ހުޅުވާ ފަރާތްތަކަށް މާސްޓަ ކާޑުގެ ޕްރީޕެއިޑް ކާޑު ވެސް ހަރަދަކާ ނުލާ ހެދުމުގެ ފުރުސަތު އޮވެއެވެ. އަދި މި މަސް ނިމުމުގެ ކުރިން އެކައުންޓު ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެކަކަށް 15،000 ރުފިޔާގެ އިނާމެއް ލިބޭއިރު، އިތުރު ތިން މީހަކަށް 5000 ރުފިޔާގެ އިނާމެއް ވެސް ލިބެއެވެ.

ޑޮލަރު ނުވަތަ ރުފިޔާ އެކައުންޓެއްގެ ގޮތަށް މި އެކައުންޓް ހުޅުވޭނީ ކުޑަކުއްޖާގެ ބެލެނިވެރިޔާ އަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެކައުންޓްގައި އެންމެ މަދުވެގެން 100 ރުފިޔާ ނުވަތަ 10 ޑޮލަރު ބަހައްޓަން ޖެހެ އެވެ. މި އެކައުންޓުން ފައިސޭ ނެގޭނީ ބޭސްފަރުވާ އަށް ނުވަތަ ކުއްޖާގެ ތައުލީމަށް، ގިނަވެގެން މަހަކު އެއް ފަހަރެވެ.

ބީއެމްއެލުން ބުނާގޮތުގައި މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތައުލީމް ހޯދުމަށް ބީއެމްއެލުން ދޫކުރާ ކިޔަވާ ލޯނުގެ އިކުއިޓީ ގޮތުގައި ވެސް ބޭނުންކުރެވޭނެ އެވެ.