Roadha Mihaaru
މި ބުރުހުން ދަތްއުނގުޅަން ހޭދަވާނީ ހިނދުކޮޅެއް

މި ބުރުހުން ދަތްއުނގުޅަން ހޭދަވާނީ ހިނދުކޮޅެއް

01 އޮކްޓޯބަރ 2018

އާންމު ސާފުތާހިރުކަމަށް ދުވާލަކު ކިހާ ވަގުތެއް ބޭނުންވޭހެއްޔެވެ؟ ޚާއްސަކޮށް، އަނގައިގެ ސާފުތާހިރުކަމަކީ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއްކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ވީއިރު އަނގަ ދޮވެ، ދަތް އުނގުޅަން ދެ މިނެޓް ހޭދަކުރުމަކީ ބުރަ ކަމެއްހެއްޔެވެ؟

އާންމު ސާފުތާހިރުކަމަށް ދުވާލަކު ކިހާ ވަގުތެއް ބޭނުންވޭހެއްޔެވެ؟ ޚާއްސަކޮށް، އަނގައިގެ ސާފުތާހިރުކަމަކީ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއްކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ވީއިރު އަނގަ ދޮވެ، ދަތް އުނގުޅަން ދެ މިނެޓް ހޭދަކުރުމަކީ ބުރަ ކަމެއްހެއްޔެވެ؟

ޑޮކްޓަރުން ވިދާޅުވަނީ އެހާ ވަރަށް ވަގުތު ހޭދަނުކޮށްފިއްޔާ އެކަށީގެންވާ ފެންވަރެއްގައި ދަތްތައް ސާފުނުވާނެކަމަށެވެ. އެކަމަކު ހެނދުނު ހޭލައިގެން އޮފީހަށް ދާން ތައްޔާރުވުމުގައި ދަތް އުނގުޅަން ގިނަ ވަގުތުތަކެއް ދުއްވާލަން ޖެހޭތީ ކަންބޮޑުވާ މީހުން ގިނައެވެ. އެފަދަ މީހުންނަށް ދޭންވީ ހަދިޔާއަކީ "އީޒީ ޓީތުބްރަޝް" އެވެ.

އީޒީ ޓީތުބްރަޝްއަކީ ނަމުން ވެސް އެނގޭ ގޮތުގައި އެއްފަހަރާ މުޅި ދަތްޕިލަ އުނގުޅާލެވޭ ބުރުހެކެވެ. އާދައިގެ ބުރުހަކާ މިއާ ހުރި އެންމެ ބޮޑު ތަފާތަކީ މި ބުރުހުގެ ފަރުމާއެވެ. އީޒީ ޓީތުބްރަޝް ފަރުމާކޮށްފައިވަނީ އަނގައިގެ ދަތްޕިލައިގެ ބައްޓަމަށެވެ. ސިލިކޯން ކުދި ނަރުތަކާއި ބުރުހަށް ދޫކޮށްލާ ސޮނިކް ވައިބްރޭޝަންގެ އެހީގައި ދަތްތައް ސާފުކޮށްލެވެއެވެ. މުއްގަނޑު ހަދާފައިވަނީ ކަރަންޓު ބުރުސް އަސްލަކަށް ބަލައިގެންނެވެ. ތިން މޯޑެއް މީގައި އިޚްތިޔާރުކުރެވޭނެއެވެ. އެއީ ސާފުކުރުމާއި، ހުދުކުރުމާއި، މަޑުން އުނގުޅުމެވެ.

އެމެރިކާގެ ކުންފުންޏަކުން މި އުފެއްދި ބުރުހަކީ ހިރުގަނޑުގެ ބަލިތަކުން ވެސް ސަލާމަތްވުމުގެ ފުރުސަތު އިތުރުކޮށްދޭނެ ބުރުހެއްކަމަށް މީގެ އަޖުމަ ބެލި ޑެންޓިސްޓުން ބުނެފައިވެއެވެ. ދަތްއުނގުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން ހިރުގަނޑުގެ ބަލިތައް މުޅި ދުނިޔޭގައި ވެސް ވަނީ ވަރަށް އާންމުވެފައެވެ. އީޒީ ޓީތުބްރަޝް ބޭނުންކޮށްގެން ދަތް އުނގުޅާއިރު އެއްފަހަރާ ހުރިހާ ދަތެއް އުނގުޅުމުގެ އިތުރުން ހިރުގަނޑަށް ވެސް އެކަށީގެންވާ މިންވަރަކަށް ފަރުވާ ލިބެއެވެ. އެއީ މި ބުރުހުގައި ހިމެނޭ މަޑުމަޑު ނަރުތަކުގެ ސަބަބުންނެވެ.

މީގެ ބުރުހުން ދަތް އުނގުޅާކަށް ޚާއްސަ ބޭހެއް ބޭނުމެއް ނޫނެވެ. މިހާރުވެސް ގެންގުޅޭ ބޭސްފުޅިން ބޭސް ލައިގެން އީޒީ ޓީތުބްރަޝުން ދަތް އުނގުޅޭނެއެވެ. މި ބުރުސް ފަރުމާކޮށްފައިވަނީ މުއްގަނޑުގައިވާ މޯޑުތަކުން މޯޑެއް އިޚުތިޔާރުކުރުމަށް ފަހު ޑެންޓިސްޓުން އެބުނާ މަޑުމަޑު ހަރަކާތްތައް ބުރުހަށް ގެންނަމުން ދަތް އުނގުޅާ ގޮތަށެވެ. އެއީ މަތިން ތިރިއަށް ވަށްބުރަން ވާ ގޮތަށް އަނގައިގެ ތެރޭގައި ބުރުސް ހަރަކާތްކުރަމުންނެވެ. ތިރީހަކަށް ސިކުންތުތެރޭ މުޅި އަނގަތެރެ ސާފުކޮށް ނިމޭނެއެވެ. އާންމުކޮށް ޑެންޓިސްޓުން ލަފާދޭ ގޮތަށް ދެ މިނިޓްވަންދެން ދަތް އުނގުޅަން ހުންނާކަށް ނުޖެހެއެވެ.

އީޒީ ޓީތުބްރަޝް މަސައްކަތްކުރަނީ ބެޓެރީ ބާރުންނެވެ. ބެޓެރީ ބާރު ދިޔައިމަ ޗާޖުކުރާނެ ބުޑުގަނޑެއް ބުރުހާއެކު ވިއްކައެވެ. ޔޫއެސްބީ ޕޯޓަށް ޖަހައިގެން ބުރުސް ޗާޖުކުރެވޭނެއެވެ. ފަސްދޮޅަހަކަށް ދުވަސްވަންދެން ބެޓެރީގެ ބާރު ހުންނާނެއެވެ.

މީގެ ބުރުސް މިވަގުތު ލިބެން ހުރީ ހަމައެކަނި އެމެރިކާގައެވެ. މީގެ ބުރުސް، 3-6 އަހަރާ ދެމެދުގެ ކުދިންނަށާއި 7-10 އަހަރާ ދެމެދުގެ ކުދިންނަށާއި، އުމުރުން 11-14 އަހަރާ ދެމެދުގެ ކުދިންނަށް ހެޔޮވަރުކޮށް ވެސް ހަދާފައިވެ އެވެ.