Roadha Mihaaru
ގްރީޒްމަން އަށް އެވޯޑެއް ހައްގު: ޑެޝޯމްޕްސް

ގްރީޒްމަން އަށް އެވޯޑެއް ހައްގު: ޑެޝޯމްޕްސް

26 ސެޕްޓެމްބަރ 2018

މެޑްރިޑް (ސެޕްޓެމްބަރު 26) - މިދިޔަ ސީޒަނުގެ ކުޅުމާއި ކާމިޔާބަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑާއި ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން އަށް ޔުއެފާ ނޫނީ ފީފާގެ ކޮންމެވެސް އެވޯޑެއް ހައްގުވާ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 26) - މިދިޔަ ސީޒަނުގެ ކުޅުމާއި ކާމިޔާބަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑާއި ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން އަށް ޔުއެފާ ނޫނީ ފީފާގެ ކޮންމެވެސް އެވޯޑެއް ހައްގުވާ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ގްރީޒްމަން އަކީ މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި އެތުލެޓިކޯ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި ފްރާންސުން ރަޝިއާގައި ބޭއްވި މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ވަގުތުގައި ގްރީޒްމަން ވަނީ ތަފާތު ދައްކައިފަ އެވެ.

"ފްރާންސްގެ ކޮންމެ ކުޅުންތެރިއަކާ މެދު ވެސް އަހަރެން ފަހުރުވެރިވަން. އަހަރެމެންނަށް މާޒީ ތެރޭގައި ނޫޅެވޭނެ. ޖެހޭނީ އަބަދުވެސް މުސްތަގުބަލު އުޖާލާކުރަން. އަހަރެން ދެކޭގޮތުގައި މި ފަހަރުގެ އެވޯޑްތައް ގްރީޒްމަން އަށް އިންސާފުވެރިއެއް ނޫން. އޭނާ އަށް އެވޯޑެއް ހައްގު،" ފީފާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހާސިލްކުރި ޑެޝޯޕްސް ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ގްރީޒްމަން އަށް ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބިފަ އެވެ. ޑެޝޯމްޕްސް ބުނީ އެއީ އޭނާ ހޯދި ކާމިޔާބީއާ ބަލާ ކުޑަ މިންވަރެއް ކަމަށެވެ.

"ގްރީޒްމަން ހޯދައިފި. ޔޫރޮޕާ ލީގާއި ޔުއެފާ ސުޕަ ކަޕް. އޭނާ ވޯލްޑް ކަޕް ވެސް ހޯދައިފި. އެޓޭކުގައި އޭނާ އަކީ ލީޑަރެއް. މިއީ މުޅިން އޭނާގެ ކޮލިޓީ. އެކަމަކު މޮޅު 11 ކުޅުންތެރިން ތެރޭގައި ވެސް އޭނައެއް ނެތް. މިއީ އޭނާ ދެއްކި ކުޅުމަށް ލިބުނު އިންސާފެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" ޑެޝޯމްޕްސް ބުންޏެވެ.

ގްރީޒްމަންއާ އެހެން މޮޅެތި ކުޅުންތެރިންނާ އަޅާކިޔަނީ ސަބަބުތަކެއް އޮވެގެން ކަމަށާއި އެކަމަކު ހައްގުވާ އެވޯޑްތަކެއް ދިނުމުގައި ތަފާތުތަކެއް ގެންގުޅުމަކީ ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ އިން ވަނީ ހުއެސްކާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ގޯލު ޖެހީ ގްރީޒްމަން އެވެ.