Roadha Mihaaru
ފްލެޓަށް ޓެކްސް މައާފުވާ ގޮތަށް މަޖިލީހުން ފާސްކޮށްފި

ފުރަތަމަ ފްލެޓް ގަންނަ އިރު ޓެކްސް މައާފުވާ ގޮތަށް މަޖިލީހުން ފާސްކޮށްފި

08 އޯގަސްޓް 2016

ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގައުމީ ތަރައްގީ ކޮމެޓީން ފޮނުވި ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހެޅުއްވި އިސްލާހު ކޮމެޓީން ފާސްކުރީ މާބޮޑު ބަދަލެއް ނެތި އެވެ.

ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތެއްގެ ފްލެޓު ވިއްކާ ހާލަތުގައި އެއީ އަލަށް މީހަކު ގަންނަ ފްލެޓެއް ނަމަ، ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް ސަލީމް ހުށަހެޅުއްވީ ފްލެޓެއް ވިއްކުމުގެ މުއާމަލާތުގައި 18 އަހަރުން މަތީ މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ.

އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި އެއްވެސް ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެ މީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށް ނުބެލެވޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ގައުމީ ތަރައްގީ ކޮމެޓީ އަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރެއްވި މެމްބަރުން މިއަދު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށްވާއިރު، އިސްލާހުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަ އާއި ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި އިސްލާހަށް އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވެސް ތާއީދު ކުރެއްވި އެވެ.