Roadha Mihaaru
ސިއްރުފެންފުށީގައި ހުރި ބުދުތައް ފުލުހުން ލައްވާ ނަގަނީ

ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ފުލުހުން ލައްވާ ނަގަނީ

11 ސެޕްޓެމްބަރ 2018

ސިއްރު ފެންފުށި ރިސޯޓުގެ ފަޅުތެރޭގައި ހެދި ގެލެރީގައި ބެހެއްޓި ބުދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިއްރު ފެންފުށި ރިސޯޓުގެ ފަޅުތެރޭގައި ހެދި ގެލެރީގައި ބެހެއްޓި ބުދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

ފުލުސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިންސާނުންނާއި ކަނޑުގެ ދިރުން ދައްކުވައިދިނުމަށް ސިއްރު ފެންފުށީގައި ގެލެރީ ހެދީ، އިސްލާމްދީންގެ އަސާސަކަށް ބުރޫނާރާ ގޮތަކަށް އެކަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.

ޝިފާން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ޝިފާން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

އެކަމަކު، އެގޮތާ ހިލާފުވެ، އިންސާނުން ސިފަވާ ގޮތަށް ރިސޯޓުން ބުދުތަކެއް ހަދާފައިވާތީ އެކަން ހައްލުކުރުމަށް މިނިސްޓްރީ އާއި ރިސޯޓާ ދެއްކި ވާހަކަތަކުން ހައްލެއް ނުލިބުނު ކަމަށާއި އެހެންވެ، ބުދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބުދުތައް ނަގައި، މިނިސްޓްރީ އާއި ރިސޯޓާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.

ށ. އަތޮޅުގައި ހިންގާ އެ ރިސޯޓުގައި ބުދުތައް ބެހެއްޓި މައްސަލަ ހޫނުވުމާއެކު، ރިސޯޓުގެ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން އެތަކެތި ނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖުލައި މަހު ވަނީ ބުނެފަ އެވެ.

"ކަނޑު އަޑީގެ މިއުޒިއަމް" ގައި، އަޅުކަން ކުރާ ޒާތުގެ ބުދު ބަހައްޓަން ހުއްދަ ނުދޭ ކަމަށާއި އިސްލާމް ދީނުގެ އަސްލަކާއި އަދި ރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރިސޯޓުން ދީފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ޚިޔާލާ އެއްގޮތަށް އުފެއްދި މި ގެލަރީ ނުވަތަ އެގްޒިބިޝަން ގާއިމް ކޮށްފައި ވަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގަ އެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ. އެ ބުދުތައް ނެގުމަށް ސަރުކާރުން އެންގިއިރު، އެ ތަކެތި ބެހެއްޓި މައްސަލާގައި ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ މީހުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން، އެއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުއްދަ ދީގެން ގަސްދުގައި ކޮށްފައިވާ ކަމެއް ބުނެ ވެސް ބައެއް މީހުން ފާޑުކިޔާފައި ވެ އެވެ.