Roadha Mihaaru
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް

ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް

08 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މިރޭ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ބަންގްލަދޭޝް 2-0 އިން ބަލިކޮށް ނޭޕާލް މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މިރޭ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ބަންގްލަދޭޝް 2-0 އިން ބަލިކޮށް ނޭޕާލް މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފި އެވެ.

މި ގްރޫޕުން ސެމީގެ އަނެއް ފުރުސަތު ހޯދީ ޕާކިސްތާން އެވެ. ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަނަ އަށް ދިޔަ ނޭޕާލާއި ދެ ވަނަ އަށް ދިޔަ ޕާކިސްތާން އަދި ތިން ވަނަ ދިޔަ ބަންގްލަދޭޝް އަށް ލިބުނީ ހަ ޕޮއިންޓެވެ. ނޭޕާލަށް އެއް ވަނަ ލިބުނީ ފައިދާ ފަސް ގޯލު އޮތުމުންނެވެ. ޕާކިސްތާނަށް ތިން ފައިދާ ގޯލު އޮތްއިރު، ބަންގްލަދޭޝަގެ އޮތީ ފައިދާ އެންމެ ދެ ގޯލެވެ. ގްރޫޕުގެ އެންމެ ފުލުގައި ނިންމީ ލަނޑެއް ވެސް ނުޖެހި ތިން މެޗުން ބަލިވި ބޫޓާން އެވެ.

މިއީ 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު މުބާރާތަށް ފަހު ނޭޕާލް ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2015 އަހަރު އޮތް މުބާރާތުން ނޭޕާލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ބަންގްލަދޭޝް އެންމެ ފަހުން ސެމީގައި ކުޅުނީ 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ސެމީގައި އެ ޓީމު ބަލިވީ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ޒުވާން ޓީމު އަތުންނެވެ. ބަންގްލަދޭޝް އިން 2003 ވަނަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ވެސް އެ ގައުމުގައި ކުޅެގެންނެވެ.

ނޭޕާލުން މިރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ބޫޓާން އަތުން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ނިރަޖަން ކަޑްކާ އާއި ތަޖުރިބާކާރު ފޯވާޑް ބާރަތު ހަވާސް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބާރަތެވެ.

ފުރަތަމަ ދެ މެޗުގައި ނޭޕާލުން މޮޅަށް ކުޅުނީ މެދުތެރެއިން ކޮންޓްރޯލް ހޯދައިގެންނެވެ. އެކަންވިޔަ ނުދޭން ބަންގްލަދޭޝް އިން ވަނީ މި މެޗުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުރީގެ ކެޕްޓަން މަމުން އިސްލާމް ހިމަނައިފަ އެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ 28،000 މީހުން ކުރިމަތީގައި ކުޅުނު މި މެޗު ފަށައިގެން ނޭޕާލުން ދިޔައީ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރަން މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ބަންގްލަދޭޝްގެ ކުޅުންތެރިން ދިޔައީ އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހުއްޓުވަމުންނެވެ.

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާންގެ ދިގު ބޯޅަތަކުން އެ ޓީމުގެ ކުރިއަށް ކުޅެމުންދިޔަ މަހުބޫބު ރަހުމާން އާއި ސާދުއްދީން އަށް އެންމެ ރަނގަޅު އެޓޭކްތަކެއް ނުކުރެވެ އެވެ. އެ ކުޅުންތެރިން ހަލުވި ސްޕީޑުގެ ބޭނުން ވެސް އެންމެ ރަނގަޅަށް ނުހިފޭތީ ރަނގަޅު ހަމަލާތަކެއް ވެސް ނުއުފެއްދެ އެވެ.

ބަންގްލަދޭޝްގެ ބިޝްވަނާތު (ވ) ކައިރިން ނޭޕާލްގެ ބިމަލް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ބިޝްވަނާތު (ވ) ކައިރިން ނޭޕާލްގެ ބިމަލް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ނޭޕާލުން މެޗުގެ ލީޑުނެގީ 33 ވަނަ މިނިޓްގައި އެ ޓީމުގެ ބިމަލް ގާތީ މަގަރް ފޮނުވާލި ބޯޅައަކުންނެވެ. އޭރިއާ ބޭރު އަރިމަތިން ލިބުނު ހިލޭޖެހުމަކުން ބިމަލް ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު ޝާހިދުލް އާލަމް ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

ދެ ވަނަ ހާފް ފަށައިގެން ބަންގްލަދޭޝް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ނޭޕާލުން ކުރި އެޓޭކެއްގައި މެޗުގެ 52 ވަނަ މިނިޓްގައި ބާރަތު ޖެހި ބޯޅައެއް ބަންގްލަދޭޝް ކީޕަރު ޝާހިދުލް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އަލުން ކުޅުމުގެ ތެރެއަށް އައިސް ނޭޕާލްގެ ސުޖަން ޝްރެސްތާ އަށް ލިބުމުން އޭނަ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި ހާފުގެ ފުރަތަމަ ފަނަރަ މިނިޓް ތެރޭ ބަންގްލަދޭޝް އިން އެ ޓީމަށް ލިބިފައިވާ ތިން ބަދަލު ވެސް ވަނީ ގެނެސްފަ އެވެ. އެ ޓީމުން ކުޅެން އެރުވީ ޝަހާވަތު ރޮނީ އާއި އެމޮން މަހުމޫދު އަދި ސޮހޭލް ރާނާ އެވެ.

ނޭޕާލުން ވެސް ފަހުން ދެ ބަދަލެއް ގެނަ އެވެ. ނަވަޔޫގް ޝްރެސްތާ އާއި އަންޖަން ބިސްތާ ކުޅެން އަރުވައި ޓީމުގެ އެޓޭކް އެޓީމުން ވެސް ރަނގަޅުކުރި އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ރޮނީ އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. އެ ބޯޅަ އެ އަށް ވުރެން ރަނގަޅަށް ފޮނުވާލުމުގެ ފުރުސަތު އޭނާ އަށް އޮތެވެ.

އޭގެ ފަހުން މެޗުގެ 75 މިނިޓްގައި ރެފްރީގެ ނިންމުންތައް ބަންގްލަދޭޝް އާ އިދިކޮޅަށް ދާތީވެ އެކަމާ ހިތްހަމަ ނުޖެހި އެ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް ފުޅި އުކައިފަ އެވެ. ދެ ވަނަ ހާފްގައި ބަންގްލަދޭޝް ކުޅުންތެރިން ދިޔައީ ނޭޕާލް ކުޅުންތެރިން ހުއްޓުވަން ގިނަ ފައުލުތަކެއް ކުރަމުންނެވެ.

ބަންގްލަދޭޝް އިން ފަހު ވަގުތު ނޭޕާލް ހާފު ތެރޭގައި ގިނަ ވަގުތު ކުޅެމުންދިޔައިރު އެ ޓީމުން ދިޔައީ ލަނޑެއް ޖަހަން އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާބޭރުން ރޮނީ ޖެހި ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން ނޭޕާލްގެ ބިމަލް ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އެކަމަކު މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި ނަވާޔުގް ޝްރެސްތާ ވަނީ ނޭޕާލަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އޭރިއާ ތެރެއިން އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. އޭނާ ލަނޑު ޖެހުމާ އެކު ނޭޕާލް ބެންޗުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.