Roadha Mihaaru
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު

ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު

08 ސެޕްޓެމްބަރ 2018

މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދަން މިއަދު ކުޅޭ މެޗުން މުބާރާތް ބާއްވާ ގައުމު ބަންްގްލަދޭޝް ބަލިކުރަން ނޭޕާލަށް އޮތީ މަޖުބޫރުވެފަ އެވެ. ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނީ ނޭޕާލަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް މި މުބާރާތުގައި ނެތް ކަމަށެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދަން މިއަދު ކުޅޭ މެޗުން މުބާރާތް ބާއްވާ ގައުމު ބަންްގްލަދޭޝް ބަލިކުރަން ނޭޕާލަށް އޮތީ މަޖުބޫރުވެފަ އެވެ. ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނީ ނޭޕާލަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް މި މުބާރާތުގައި ނެތް ކަމަށެވެ.

ކުޅުނު ފުރަތަމަ މެޗުން ހިތްދަތި ގޮތަކަށް ފަހު ވަގުތު ޕާކިސްތާން އަތުން 2-1 އިން ނޭޕާލް ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ 4-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ދެ ވަނައިގައި އޮތީ މިއަދު ބޫޓާން އަތުން މޮޅުވި ނޭޕާލް އެވެ. ނޭޕާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ސެމީ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު މި ގްރޫޕުގެ ހަތަރު ޓީމަށް ވެސް އެބައޮތެވެ. އަމިއްލަ ބާރު ގެއްލިފައިވަނީ ބޫޓާނަށެވެ. ބަންގްލަދޭޝަށް ސެމީގެ ޖާގައެއް ހޯދަން ބޭނުންވަނީ މިއަދުގެ މެޗުން ނޭޕާލް އަތުން ޕޮއިންޓެކެވެ. ނޭޕާލަށް ސެމީގެ ޖާގައެއް ލިބޭނީ ބަންގްލަދޭޝް އަތުން މޮޅުވެގެންނެވެ.

މިއަދުގެ މެޗުން ކުރިން ނޭޕާލް ކޯޗު ބާލް ގޯޕާލް ބުނީ ބޮޑު މޮޅެއް ލިބުމުން ޓީމަށް އަލުން އިތުބާރު ލިބިއްޖެ ކަމަށެވެ.

"އަހަރެމެންނަށް ޓީމުގެ ފެންވަރު އެނގޭ. މި ޓީމުގައި މި ތިބީ މޮޅަށް ކުޅޭނެ ކުޅުންތެރިން. އެ ކުޅުން ދައްކައިފިނަމަ ނޭޕާލަށް މި މުބާރާތުގައި ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ. އަހަރެމެން ޖެހޭނީ އެ ވިސްނުމުގައި ބަންގްލަދޭޝްއާ ކުޅެން،" ބާލް ގޯޕާލް ބުންޏެވެ.

ނޭޕާލް އެންމެ ފަހުން ސާފްގެ ސެމީގައި ކުޅުނީ 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި މުބާރާތް ބޭއްވި އިރެވެ. ބަންގްލަދޭޝް އެންމެ ފަހުން ސެމީގައި ކުޅުނީ އަމިއްލަ ގައުމުގައި 2009 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ.

މިއަދު ކުޅޭ މި ގްރޫޕުގެ ފުރަތަމަ މެޗުން ބޫޓާން އަތުން މޮޅުވެގެން ޕާކިސްތާނަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. ބޫޓާނަށް ސެމީގެ ޖާގައެއް ލިބެން އޮތީ ބޮޑު ތަފާތަކުން ޕާކިސްތާން ބަލިކޮށް، ނޭޕާލް އަތުން ބޮޑު ތަފާތަކުން ބަންގްލަދޭޝް މޮޅުވެގެންނެވެ.

އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތަކުގެ ސަބަބުން ބަލިކަށިވެފައިވާ ބޫޓާން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕާކިސްތާންގެ ބްރެޒިލް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ވަނީ ބުނެފަ އެވެ. ޕާކިސްތާން އެންމެ ފަހުން ސާފްގެ ސެމީ ފައިނަލެއްގައި ކުޅުނީ އަމިއްލަ ގައުމުގައި 2005 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ.

ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅޭއިރު ރާއްޖެ ގަޑިން 3 ޖަހާއިރު ކުޅޭ މެޗުގައި ޕާކިސްތާން ބައްދަލުކުރާނީ ބޫޓާންއާ އެވެ. އަދި ރާއްޖެ ގަޑިން 6 ޖަހާއިރު ނޭޕާލް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.